ބަލިޙާލެއް ޖެހުމުން ޝިފާ ނުލިބި ލަސްވާތީ މާޔޫސްވުމަކީ އެމީހެއްގެ ނިމުން ރަނގަޅުނުވެ އާޚިރަތް ގެއްލިދާނެ ސަބަބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ބަލިޙާލެއް ޖެހުމުން ޝިފާ ނުލިބި ލަސްވާތީ މާޔޫސްވުމަކީ އެމީހެއްގެ ނިމުން ރަނގަޅުނުވެ އާޚިރަތް ގެއްލިދާނެ ސަބަބެއް!: މުފްތީ މެންކް

ފާހަގަކޮށްލަން މިއުޅެނީ މުޅި ޢުމުރު އަޅުކަންކުރުމުގައި ހޭފަކުރިނަމަވެސް އެމީހެއްގެ ނިމުން ނުބައިވެދާނެ ވަރަށް ބޮޑުކަމެކެވެ. އެކަން އެގޮތަށް ކުރިމަތިވަނީ ޢުމުރުގެ ފަހުކޮޅުގައި ކުރިމަތިވާ ބައްޔަކަށް ޝިފާ ނުލިބި ލަސްވުމުން ހިތުގައި ޝަކުވާތައް އުފެދޭތީއެވެ. ﷲ ތަޢާލާގެ ރަހްމަތްފުޅާއި އަދި މިބްވަރުފުޅާއިމެދު މާޔޫސްވެވޭތީއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ.

އަބަދުވެސް ބުނާފަދައިން ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމުން ބައެއް މީހުންނަށް ވަރަށް ބޮޑެތި ގޯސްތައް ހެދެއެވެ. އެގޯސްތައް އޭނާއަށް ހެދެނީ ޝައިޠޯނާ ވަސްވާސްތައް ޤަބޫލުކުރެވޭތީއެވެ! ﷲ ތަޢާލާ އޭނާއަށް ދެއްވެވި ނިޢްމަތްތަކުގެ މަތިން ހަނދުމަނުކުރެވޭތީއެވެ.

އެއް ދުވަހަކު ހޮސްޕިޓަލަކަށް ވަންތަނުން މީހަކު ބުންޏެވެ. "އަހަރެން އިސްލާމް ދީނުން ބޭރުވާން އެބަވިސްނަމެވެ." ސަބަބެއްކަމަށް ބުނީ އޭނާ ބަލިވުމުން ކުރި ދުޢާ ޢިޖާބަނުކުރެއްވެވުމެވެ. އަދި ދާދި އަވަހަށް އޭނާ މަރުވެދާނެކަމަށް ޑޮކްޓަރުން ބުނާކަމެވެ.

އަހަރެން ސުވާލުކުރީމެވެ! "އިސްލާމް ދީނުން ތިބާ ބޭރުވެއްޖެ ނަމަ މަރުނުވެ ފުރާނަ ސަލާމަތްވާނީ ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް މަރުނުވެ ދުނިޔޭގައި ތިބެނީ ކޮންދީނެއްގެ މީހުންހެއްޔެވެ؟"

70 ވަރަކަށް އަހަރުގެ އެމީހާއަށް އަހަރެންގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ ދުނިޔެއަށް އައި ކޮންމެ މީހަކުވެސް މަރުވެއެވެ. ޢުމުރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ކޮންމެ މީހަކުވެސް ދުނިޔޭގައި ހުންނާނީ ﷲ ތައާލާ ކަނޑައެޅުއްވެވި މުއްދަތަކަށެވެ. އެ ވަގުތު ހަމަވުމުން އެންމެ ސިކުންތެއް އިތުރަށްވެސް ދުނިޔެއަކު ނުހުރެވޭނެއެވެ.

ވިސްނައިލަންވީ 70 އަހަރު މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައި އެންމެފަހު ވަގުތު އޭނާއަށް އެފަދަ ވިސްނުމެއް އައި ސަބަބަށެވެ. އެފަދަ ވިސްނުމެއް އެއައީ ދުނިޔެއަށް އޭނާ ފޮނުއްވެވި ބޭނުން އޭނާއަށް ޤަބޫލުނުކުރެވި އޮތުމުންނެވެ. "މީސްތަކުން ދުނިޔެއަށް ފޮނުއްވަވަނީ އެންމެ ތަޤްވާވެރިއަކީ ކާކުތޯ ބެއްލެވުމަށްކަން" އޭނާއަށް ނުއެނގިއޮތުމުންނެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އީމާންކަމުގައި ސާބިތުކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން މިޖެހެނި މިފަދަ މުޞީބާތްތަކުން ސަލާމަތްވުމަށެވެ. ހިތުގައި އީމާންކަން ވަރުގަދަކުރަން ގަދައަޅައި މަސައްކަތްކުރަން މިޖެހެނީ މި ފަދަ މުޞީބާތްތަކުން ސަލާމަތްވެހުރުމަށެވެ. ކޮންމެ ޙާލަތަކަށްވެސް ކެތްތެރިވެ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔެދޫކުރާ މީހަކަށްވުމަށްޓަކައެވެ.

70 އަހަރު އޭނާ ގަދަވެ ސަލާމަތުން ދުނިޔޭގައި ލެހެއްޓެވިކަން މައްޗަށް ޝުކުރުކުރަން އޭނާއަށް ނުއެނގުމުގެ ނަތީޖާ ފެނިގެންދާނެގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ފެންނަން ހުރި ކަންކަމަށްބަލައި ބުނަންޖެހެނީ އޭނާއަށް އާޚިރަތް އެވަނީ ދޫކޮށްލެވިފައި ކަމަށެވެ! ވީމާ ވިސްނައި ފިކުރުކޮށް މިފަދަ ޙާލަތުން ސަލާމަތްކަން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން