ލޯބިވީނަމަވެސް ކައިވެނީގެ ކުރިން ގައިގައި ބީހެން ނުރުހޭ އަންހެން ކުދިންނާއި ކައިވެނިކުރަން ބޭނުންނުވާ ބައަކު މުސްލިމުންގެ ތެރޭގައިވެސް ތިބިކަން އެއީ އެންމެ ހިތާމަހުރި އެއް ކަންތަކެވެ. ސަބަބަކީ އާޚިރަތް ނަގައިލުމުގެ އިތުރުން އެމީހުންނަށް ދުނިޔެވެސް ނަގައިލެވެނީއެވެ. އުފާވެރި ދިރިއުޅުމެއް އުޅެވެން އޮތް މަގަށް ފުރަގަސްދެނީއެވެ.
ވިސްނާށެވެ! ލޯބިވީނަމަވެސް ކައިވެނީގެ ކުރިން ގައިގައި ބީހެން އަންހެނަކު ނުރުހޭނަމަ އެކަނބުލޭގެ އެބުނަނީ ތިމާ މިހުރީ ﷲ ތަޢާލާއަށް ބިރުވެތިވެގެން ކަމެވެ. އަދި ތިމާއަކީ ތިމާގެ ހަށިގަނޑު ނީލަންކިޔަމުން ހިނގާނެ އަންހެނަކު ނޫން ކަމެވެ. ތިމާ ދުނިޔޭގައި އުޅެން ބޭނުންވަނީ ޢަބުރާއި ޢިއްޒަތް ރައްކައުތެރިކޮށްގެންކަމެވެ. ޘާބިތުވެ ހުންނާނީ ﷲ ތަޢާލާގެ މަގުގައި ކަމެވެ.
މިކަންކަމަށް އޭނާގެ ޢަމަލުން ޔަޤީންކަންދޭ އަންހެނަކާއި ކައިވެނިކުރެވުމަށްވުރެ އެއްވެސް މީހަކަށް ފައިދާހުރި ގޮތަކީ ކޮބައިހެއްޔެވެ؟
ދެން ނިކަން މިގޮތަށްވެސް ވިސްނައިލަބަލާށެވެ! ކައިވެނީގެ ކުރިން ތިބާއަށް އަންހެނެއްގެ ގައިގައި ބީހެވިއްޖެނަމަ އޭނާއަށް ކުރެވޭނީ ކޮން އިތުބާރެއް ހެއްޔެވެ؟ ތިމާގެ ޢަބުރާއި ޢިއްޒަތް ރައްކައުތެރި ނުކުރި އަދި އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް މީހަކު ކައިވެނީގެ ފަހުން ބިރުވެތިވާނެ ކަމަށް ޤަބޫލުކުރުންވެސް ވާނީ ކުރެވޭ މޮޔަކަމަކަށް ނޫން ހެއްޔެވެ؟
ފިރިހެނުންނޭވެ! ލޯބިވެރިޔާ އާއިމެދު މިބުނި އުޞޫލުން ވިސްނާށެވެ! މިދިން ނާޅިން ލޯބިވެރިޔާ މިނާށެވެ! މިދެއްކި ވާހަކަތަކަކީ އެވާހަކަތަކުގެ އަޞްލަށް ބަލައިފިނަމަ ހެޔޮ ވިސްނޭ ކޮންމެ މީހކަށް ވަރަށް ފަސޭހައިން ޤަބޫލުކުރެވޭނެ ވާހަކަކޮޅެކެވެ. ޝައްކުކޮށް ދިރާސާކުރަންޖެހޭނެ އެއްވެސް ކަމެއް ނެތެވެ.
ދެން ކަނބަލުންނަށް ބުނެލަން އޮތީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކައިވެނީގެ ކުރިން ތިއަ ކަނބަލުންގެ ގައިގައި ބީހުނަ ނުދޭށެވެ. އަތްދަމައިލީމާ ފޯރާނެ ފަށަށް ކައިރި ނުކުރާށެވެ! ހެޔޮ ލަފާ ބައިވެރިއަކު ލިބޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުންކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން