ހަނދުމަކޮށްދިނުމެއް!: ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ ފުރާނަ ގެންދެވުން އެދިގެންނާ ޙަސަދަވެރިންގެ ޙަސަދައިން ސަލާމަތްކަން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހަނދުމަކޮށްދިނުމެއް!: ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ ފުރާނަ ގެންދެވުން އެދިގެންނާ ޙަސަދަވެރިންގެ ޙަސަދައިން ސަލާމަތްކަން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ދުޢާކުރަންޖެހޭނީ ވަރަށް ކުރުކޮށް ކަމަށެވެ. ދުޢާކުރުމަކީ ކުރުކޮށްވެސް އަދި ދިގުކޮށްވެސް ކުރެވެން އޮތް ކަމެކެވެ. ބޭނުންވަނީ ދަންނަވަން ބޭނުންވާ ވާހަކަތައް ﷲ ތަޢާލާއަށް ދެންނެވުމެވެ.  

ތިރީގައިވާ ދުޢާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ ފުރާނަ ގެންދެވުން އެދިގެންނާއި ޙަސަދަވެރިންގެ ޙަސަދައިން ސަލާމަތްކަން އެދިގެން ކުރެވިދާނެ ދުޢާއެކެވެ.  

"ޔާ ﷲ! ދުނިޔެއަށް އަޅަމެން ފޮނުއްވެވީ އަޅަމެންގެ އެއްވެސް ބާރެއް ނެތިއެވެ. ދުނިޔެއިން ނުކުމެގެން ދާންޖެހެނީވެސް ހަމަ އެއްވެސް ބާރެއް ނެތިއެވެ. އަޅަމެންނަށް ފުރާނަ ދެއްވަވަނީ ވެސް އަދި އެފުރާނަ އަނބުރައި ގެންދަވަނީވެސް ހަމަ އިނބަ ﷲ އެވެ!  

އަޅަމެންގެ ފުރާނައިގެ މައްޗަށް އިނބަ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ނެތެވެ.  

ޔާ ﷲ! އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އެންމެހައި މުޞީބާތްތަކުން އަޅަމެންނަށް ސަލާމަތްކަން މިންވަރުކުރައްވަވައިދެއްވަވާނދޭވެ! ދުނިޔޭގައި ހުރުމަށްވުރެ އަޅަމެންނަށް ފައިދާކުރާނީ ދުނިޔޭގައި ނެތުން ކަމަށްވެ އަޅަމެންގެ ފުރާނަ ގެންދެވި ނަމަވެސް އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދަވާނދޭވެ! އަޅަމެންނަށް ފައިދާކުރާނީ ދުނިޔޭގައި ތިބުމުންކަމަށްވެ އަޅަމެން ދުނިޔޭގައި ބައިތިއްބަވާނަމަ އަޅަމެންގެ ހިތްތަކުގައި ތަޤްވާވެރިކަން އިތުރުކުރައްވަވައި ހިތްހަމަޖެހުން މިންވަރުކުރައްވަވާނދޭވެ!" އާމީން 

އަދި މިފަދަ ދުޢާތައްވެސް ކުރާށެވެ! އެހެނީ ހަސަދަވެރިކަމުގެ ނުބައި އަލިފާން މިއަދު މިވަނީ ޢާއިލާތަކަށްވެސް ފެތުރި ޢާންމުވެ ފެތުރިފައެވެ. އެންމެ ބޮޑު އެއް މުޞީބާތަށްވެފައެވެ. 

"ޔާ ﷲ! އަޅަމެންގެ ތެރެއިން ގިނަބައެއްގެ ހިތްތައް ވަނީ ހަސަދަވެރިކަމުން ފުރިފައެވެ. އެމީހުންގެ ހިތުގައިވާ ހަސަދަވެރިކަމުގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އެމީހުންގެ ހިތުގައިވާ ހަސަދައިގެ އަލިފާނުން އަނދާބައަކު ކަމުގައި އަޅަމެން ނުލައްވަވާނދޭވެ!" އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން