ބައެއް ބެލެނިވެރިން ދެކެނީ އެމީހުންގެ ދަރިފުޅަށް ޤުރްއާން ހިތުދަސްކޮށްދީ ޙާފިޡަކަށް ހެދޭނީ ވަރަށް ބޮޑު ހޭދައެއްކޮށް އެކަމަށް ޚާއްޞަ ބައެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ. އެއީވެސް ތަނަވަސްކަންހުރިނަމަ އެކަން ކުރެވިދާނެ ގޮތެކެވެ. ނަމަވެސް އެކަމަށް އޮތް ހަމައެކނި ގޮތަކީ އެއީއެއް ނޫނެވެ. މައިންބަފައިންގެ މަސައްކަތުންވެސް އެއީ ޙާޞިލުކުރެވެން އޮތް ކަމެކެވެ.
ތިރީގައި އެވަނީ އެކަނިވެރިމައަކަށް އެކަނިވެރި މައެއްގެ ގޮތުގައި ހުއްޓައި ލިބުނު ދަރިފުޅަށް އެންމެ 6 އަހަރުތެރޭގައި ހިތުދަސްކުރަން އެހީތެރިވެދޭ ކްލާހަކަށް ނުގޮސް ޙާފިޡަކަށް ވެވުނު ގޮތުގެ ވާހަކައެވެ.
ވީޑިއޯގެ ކުރު ޚުލާޞާއެއް:
އަޅުގަނޑުގެ މަންމަ ވަރިކޮށްލާފައި ބައްޕަ ދިއައީ މަންމަގެ ބަނޑުގައި އަޅުގަނޑު އޮއްވައެވެ. މަންމަ އަޅުގަނޑަށް ޤުރްއާނުގެ އަޑު އިއްވައި ކިޔުއްވަން ފެށީޢުމުރުން އެންމެ 2 އަހަރުގައެވެ. ހިތުދަސްކުރަން ކިޔަވައިދޭން ފެށީ 4 އަހަރުގައެވެ. އެކަމަށް މަސަކަތް ފަށަމުން މަންމަ ބުނީ ﷲ ވާގިފުޅާއިއެކު 6 އަހަރު ދުވަހުގެ ތެރޭގަ އަޅުގަނޑަށް ޙާފިޡަކަށް ވެވޭނެ ކަމަށެވެ. މަންމަ ބުނި ގޮތަށް މަންމަ ބުނި ތާރީޚަށް ޤުރްއާން އެކުގައި ހިތުދްސްކުރެވުނެވެ.
އަޅުގަނޑު މަސައްކަތްކުރީ ހަފްތާއަކު 2 ޞަފްޙާ ހިތުދަސްކުރުމަށެވެ. އެއީ ގިނަ ޞަފްޙާތަކެއް އަވަސްއަރުވާލައިގެން ހިތުދަސްކުރުމުން އަވަހަށް ހަނދާންނެތުން ކައިރިވީމައެވެ. ދަސްކުރަމުން ގެންދިއައީ ހިތުގައި ހަރުލެއްވޭނެ މިންވަރަށެވެ.
ދަރިވަރުންނަށް ބުނެލަން ބޭނުންވަނީ ޤުރްއާނުގެ ޢިލްމުވެރިއަކަށްވާން މަސައްކަތްކުރާށެވެ. އެއިރުން އެހެން ޢިލްމުތައް ޙާޞިލްކުރެވެމުންދާނެއެވެ. އަހުރެން ކިޔެވީ ޤުރްއާނެވެ. އެކަމަކު މަތީޘާނަވީ އިމްތިޙާނުގައި ހުރިހާ މާއްދާތަކުންވެސް އެންމެ ރަނގަޅު ފެންވަރުގައި ފާސްވިއެވެ.
އަހުރެން ކުޅިވަރުކުޅުން ފަދަ ކަންކަންވެސް ކުރަމެވެ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޤުރްއާނަށެވެ. ކޮންމެކަމެއްކުރިނަމަވެސް ޤުރްއާނަށް ދޭންޖެހޭ ސަމާލުކަން ދެމެވެ.
މިއީ ޢުމުރުން 10 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށް އެތައް މިލިއަންމީހުންގެ ސަމާލުކަން ހޯދި އަމްރް އަޙްމަދު ބުނެފައިވާ ބައެއް ވާހަކަތަކެވެ. މާތް އަމްރް އަޙްމަދުއަށާއި އޭނާގެ މަންމައަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން.
އަމްރް އަޙްމަދުގެ މަންމަ އާއި ބެހޭގޮތުން ފާހަގަކޮށްލަންޖެހޭ ކަމަކީ އެކަނިވެރި ޙާލުގައި ލިބުނު ދަރިފުޅަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު މީހަކަށް ހެދުމަށް ކުރި މަސައްކަތްތަކެވެ. ޢާއިލާ ނިޞްބަތްވަނީ އިސްޓްރޭލިޔާގެ މެލްބަން އަށެވެ. ވީމާ ދަރިއަކު ގޮވައިގެން އެކަނި ދިރިއުޅެމުން މިފަދަ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވޭނީ ހާދަހާބުރަ މަސައްކަތްތަކެއްކޮށްގެންކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި ވީޑިއޯ:
https://www.youtube.com/watch?v=45XvFeeK_QQ