ކުއްލިކުއްލިއަށް ހަށިގަނޑުގެ ތަންތަނަށް ތަދުއެރުމާއި، މާޔޫސްވެ ހުއްޓުން އަރާނަމަ އެއީ ހަމައެކަނި ނަފްސާނީ ކަމެއް ކަމަށް ނުނިންމާށެވެ! ބައެއް މިފަދަ ޙާލަތުގައި އެނބުރުންވެސް އަރައިފާނެއެވެ. ވާހަކަދައްކަންވެސް އުނދަގޫވެދާނެއެވެ.
މިފަދަ ޙާލަތު ކުރިމަތިވާނަމަ އެމީހެއްގެ ގާތުގައި އަޑުހަރުކޮށް ޤުރްއާން ކިޔަވާށެވެ! އެއީ ސިޙުރުން، އެސްފީނާއިން ނުވަތަ އެނޫން ގޮތަކުންނަމަވެސް ޝައިޠޯނާ އަވަލައިގެން މެދުވެރިވާ ކަމެއް ނަމަ އެމީހަކަށް އިތުރު އުނދަގޫތަކެއްވެގެން އުޅޭތަން ފެންނާނެއެވެ. ތެޅިފޮޅޭނެއެވެ. އަޑުގަދަކުރަންވެސް އުޅޭނެއެވެ. ތެޅިފޮޅުމުގެ އިތުރުން އަޑުގަދަކުރާނެއެވެ. ރުޅި އައިސް ކިޔެވުން ހުއްތާލަންވެސް ބުނާނެއެވެ. މިކަންކަން އެމީހެއްގެ ކިބައިން ފެންނަނަމަ އެއެނގެނީ އެމީހާގެ ހަށިގަނޑުތެރޭގައި ޖިންނިއެއްވާކަމެވެ.
މީގެ އިތުރުން ބިރުވެރި ހުވަފެން ފެނުން ގިނަވުމާއި، ހުވަފެނުގައި ކޮންމެވެސް ބާވަތެއްގެ ޖަނަވާރެއް އެމީހަކު ފަހައިދުވާތަން ފެނުމާއި އަދި އުސްތަނަކުން ވެއްޓޭތަން ފެނުމަކީވެސް ހަމަ ކުރިން މިބުނި ފަދައިން އެމީހެއްގެ ހަށިގަނޑުގައި ޖިންނިއެއްވާކަމުގެ ޢަލާމާތްތަކެވެ.
މިޙާލަތުގައި އެމީހެއްގެ ހަށިގަނޑުގެ ތެރެއަށް ޖިންނި ވަދެފައިވަނީ ސިޙުރަކުން، އެސްފިނާއިން ނުވަތަ ކޮންގޮތަކަށްކަން ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. މިޙާލަތުކުރިމަތިވުމުން ޑޮކްޓަރުން ދޭ ބޭހަކުން ނުގުޑާނެއެވެ. ސަބަބަކީ އެކަމަކީ ރޫޙާނީ ކަމަކަށްވާތީއެވެ. އަދި މިޙާލަތު ކުރިމަތިވާ ގިނަ ބައަކަށް ރުޤްޔާކުރުމުން ﷲ ގެ ރަޙްމަތްފުޅުން ޝިފާލިބެއެވެ. މިހެން މިބުނަނީ މިމައްސަލައިގައި އަހުރެންގެ ގާތަށް އަންނަ ގިނަ ބައަކަށް މިކަންކަން މިގޮތަށް މެދުވެރިވެފައިވާތީއެވެ.
ދެން އޮތީ މީހެއްގެ ގާތަށް ގޮސް ރުޤްޔާ ކުރެވެން ނެތް ނަމައެވެ. އެއީވެސް ހަމަ ކުރިމަތިވާ ޙާލަތެކެވެ. އެހެންކަމަށްވާނަމަ ސިޙުރު ބާޠިލްކުރަން ކިޔަވާ ސޫރަތްތަކާއި އާޔަތްތައް އަމިއްލައަށް ފެނަށް ކިޔަވާށެވެ! އަދި އެފެން ބޮއި ގައަށް އަޅާށެވެ! ޝިފާއަށް އެދި ދުޢާކުރަމުން ގެންދާށެވެ. ޝިފާ ދެއްވަވާނެތެވެ. އިން ޝާ ﷲ
- ރުޤްޔާކުރުމަށް މަޝްހޫރި ރާޤީއަކު ދައްކަވާފައިވާ ވާހަކަފުޅަކުން