އަނބިމީހާގެ ކުށެއް ނެތި ތިމާގެ އުފަލަށްޓަކާ އަނބިމީހާ ވަރިކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް! ހުސްއަތާ ފޮނުވާނުލައި ހިތްހަމަޖެހޭނެވަރުގެ ބަދަލެއް ދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އަނބިމީހާގެ ކުށެއް ނެތި ތިމާގެ އުފަލަށްޓަކާ އަނބިމީހާ ވަރިކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް! ހުސްއަތާ ފޮނުވާނުލައި ހިތްހަމަޖެހޭނެވަރުގެ ބަދަލެއް ދޭންޖެހޭނެ!

ބައެއް ފިރިން އެމީހުންގެ އަނބިން ވަރިކުރަނީ އަނބިމިހާގެ ކިބައިން އެއްވެސް ކުށެއް ފެނިގެނެއް ނޫނެވެ. ހަމައެކަނި ތިމާގެ އަމިއްލަ އުފަލަކަށެވެ. ތިމާ އެހެން މީހަކު ދެކެ ލޯބިވެ އޭނާއާއި ކައިވެނި ކުރުމުގެ ބޭނުމުގައެވެ.  

އެފަދަ ގޮތަކަށް އަނބިމީހާ ވަރިކުރާނަމަ އަނބިމީހާއަށް ތިއަދެވެނީ ވަރަށް ބަޑު އަނިޔާއެކެވެ.! ހުސްއަތާ ފޮނުވާލައިގެން ނުވާނެއެވެ. އެނާގެ ހިތްފުރޭވަރުގެ ބަދަލެއް ދޭންވާނެއެވެ. ދެމީހުން އެކުގަ އުޅެ ހޯދި ތަކެތިން ޙައްޤުވާބައަށްވުރެ އިތުރަށްވެސް ދޭންވާނެއެވެ! އަދި ކިތަންމެ ގިނައިން ދިންނަމަވެސް އެއީ އޭނާގެ ހިތަށް ދެވޭ އަނިޔާއާއި ހަމަކުރެވޭނެ ބަދަލެއް ނޫނެވެ. އެކަންވެސް ދަންނަންވާނެއެވެ.   

އިންސާނުން ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކަށް އިޙްޞާންތެރިވާންވާނެއެވެ! އެއީ އަނެކާއަށްޓަކައި ކޮށްދޭންޖެހޭ ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް އިޙްޞާންތެރިވާނަމަ އެކަމުގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެތީއެވެ! އިންޝާ ﷲ  

ކައިވެނިކުރަނީ އުމުރުދުވަހުގައި އެކުގައި އުޅުމުގެ ނިޔަތުގައެވެ. އެހެންކަމާއިއެކުވެސް ކައިވެނި ރޫޅިގެން އެބަދެއެވެ. ބައެއް ކައިވެނިތައް ރޫޅެމުންދަނީ އެތައް އަހަރެއް ފަހުންނެވެ. ކޮންމެ ޙާލަތެއް މެދުވެރިވެގެން ދެމަފިރިން ވަކިވާން ޖެހުނު ނަމަވެސް ދެމަފިރިން އެކުގައި ކުރި މަސައްކަތުން ހޯދިފައިވާ މުދަލުންވެސް ބައެއްދީ އިޙްޞާންތެރިވާށެވެ!  

މިޒަމާނުގައި ބައެއް ޢާއިލާތަކުގައި ދެމަފިރިން އެކުގައިވެސް މަސައްކަތްކޮށް ޢާމްދަނީ ހޯދައެވެ. ނަވަތަ ފިރިމީހާ އެކަނި މަސައްކަތްކޮށްގެންވެސް އާމްދަނީ ހޯދައެވެ. ފިރިމީހާއަށް މަސައްކަތު ދެވެނީ ގޭގެ ބުރަ އަނބިމީހާ އުފުލާތީއެވެ. ވީމާ މުސާރަލިބޭ ވަޒީފާއެއް އަނބިމީހާ އަދާނުކުރި ނަމަވެސް އަނބިމީހާ ގޭގައި އިނދެގެން އެއަދާކުރަނީ މުސާރަ ޙައްޤު ވަޒީފާއެކެވެ. ވީމާ އެކަމުގެ އަގު ވަޒަންކުރަންވާނެއެވެ.  

ފިރިމީހާ އެހެން އަންހެނަކާ ކައިވެނިކުރަން ބޭނުންވެގެން ފަދަ ކަމެއްގައި ވަރިކުރާނަމަ އިތުރަށްވެސް ދޭށެވެ! އެހެނީ އަނބިމީހާގެ އެއްވެސް ކުށެއްނެތި އޭނާއަށް ތިއަ ދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. ތިއަކުރެވޭ ކަމަކީ އަންހެނަކު ނިކަމެތިކޮށް ގިނަކޮށްލުމެވެ. ބާކީކޮށްލުމެވެ. އޭނާގެ ކިބައިން ތިބާ ބޭނުންކަންކަން ޙާޞިލުކުރުމަށްފަހު ނިކަމެތިކޮށްލުމަކީ އަނެކާއަށް ދެވޭ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟ ވީމާ އެއީ މުދަލުން ނުވަތަ ފައިސާއިން ބަދަލުދެވޭނެ ކަމެއްވެސް ނޫނެވެ.  

އަހަރެންގެ ނަޞޭހަތަކީ ކިތަންމެ ރަނގަޅު ބައިވެރިއަކު ލިބުމުގެ ފުރުޞަތު އޮތް ނަމަވެސް ކައިވެނި ރޫޅައިނުލުމެވެ. އަނބިމީހާވެސް އަދި ފިރިމީހާވެސް ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމެވެ. ދިރިއުޅުމުގައި ވެވޭނެ އެންމެ އަގުހުރި ޤުރްބާނީ އަކީ ކައިވެނި ދަހަމައްޓަން ، ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ކުރެވޭ މަސައްކަތެވެ!  

ރީތި ފިރިހެނުންވެސް އަދި އަންހެނުންވެސް އަދި މުއްސަނދިންވެސް ފެންނާނެއެވެ! އެކަންކަމުގެ ފަހަތުން ދުވަން ބޭނުން އެއްވެސް މީހެއްގެ ޙަޔާތަށް ދުވަހަކުވެސް ހަަމޖެހުމެއް ނުލިބޭނެއެވެ! ހިތްފުރޭވަރުގެ ބައިވެރިއަކު ދުވަހަކުވެސް ނުލިބޭނެއެވެ! ކައިވެނީގައި ދަރިން ލިބުމަށްފަހު ވަކިވާންވާނީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އެކުގައި ދިރިއުޅެވޭނެ އެއްވެސް އިތުރު ގޮތެއް ނުފެނިއްޖެ ނަމައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން