ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިފަދައިން ވިދާޅުވެފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނައި އިސްލާހާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެ ޤާނޫނު ތަންފީޒްކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް ނެރުއްވި ބަޔާނުގައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ.
ފުލުހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އަދި އެކަކު އަނެއްކަކަށް ދޭ ފަރާތްތަކާމެދު ދިވެހިން ފުލުހުންގެ ޚިދުމަތުން ޤާނޫނީ ފިޔަވަޅު އަޅާ ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ އާލާތްތައް ބެނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް އެފަދައިން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޖޫރިމަނާ ކުރާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އެ މެސެޖްގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެންމެންގެވެސް އަޒުމްކަނޑައެޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ހަބަރު: ސަރުކާރު