ޢުމުރުގެ އެއްވެސް ހިސާބެއްގައި ތިމާއަށް ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުމަކީ ހަތަރު އުދަރެސްފެނުގައި ޖެހޭވަރުގެ ކަމަކަށް ނުހަދާށެވެ! އެކަމަށްޓަކައި ކެތްތެރިވެ އުފާކުރާ މީހެއްކަމުގައިވާށެވެ!
ބަލިވުމަކީ މީހާގެ ސިކުނޑި އެކަމަކަށް ހުސްކޮށްލައި ސިކުނޑި ގޮއްވައިލާވަރުގެ ކަމެއްކަމަށް ނުދެކޭށެވެ! މުސްލިމުންގެ ޢަޤީދާއަކަށްވާންޖެހޭނީ ކޮންމެ ބައްޔެއްވެސް ޖެހޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަމާއި އަދި ޝިފާލިބޭނީ ﷲ ތަޢާލާ ޝިފާ ދެއްވެވުމުންކަމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކޮށް ދުޢާކުރުމުން ﷲ ތަޢާލާ ޝިފާ ދެއްވަވާނެ ކަމެވެ.
ކިތަންމެ ބޮޑު ބައްޔެއް ޖެހުނު ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ މުއްދަތުގައި ދުނިޔޭގައި ހުރުމަށްފަހުގައެވެ. އެއްވެސް ބައްޔެއް ނުޖެހުނު ނަމަވެސް އެމީހާގެ ޢުމުރު ހަމަވުމުން އެމީހަކު މަރުވާނެއެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އަދި ސިކުންތެއްގެ މިންވަރުވެސް ލަސްވެސް ކުރެވޭނެ ކަމެއް ނޫނެވެ!
ވީމާ ބަލިވުމުން އެއީ އެވަރުގެ ބޮޑުކަމެއްކަމުގައި ނުދެކޭށެވެ! ބޮޑުކަމަކަށް ހަދަންވީ ބަލިވުމާއި ހަމައަށް ތަޤްވާވެރިވެ ހެޔޮ ޢަމަލުނުކޮށް ހުރުމެވެ! ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތް ނުކޮށް ހުރުމަށެވެ!
މިއަދު ގިނަ މީހުންނަކީ ދުނިޔެއާއިގެން އުޅެން ހަދައިގެން އެންމެ ކުޑަމިނުން ވަގުތުޖެހުމުން ނަމާދުވެސް ކުރެވޭ ބައެއް ނޫނެވެ! ﷲ ތަޢާލާ އާއިމެދު ވިސްނައިލާނެ ވަގުތެއްވެސްވާކަމަކަށްނުވެއެވެ. އެފަދަ މީހަކަށް ނަމަވެސް ބޮޑު ބައްޔެއް ޖެހިއްޖެ ނަމަ އެހެން ހުރިހާ ކަމަކަށްވުރެ ނަމާދުކުރަން އިސްކަންދޭނެއެވެ! ޛިކުރުކޮށް ދުޢާކުރާނެ ވަގުތު ހޯދާނެއެވެ! މަސައްކަތްކުރަންވީ ގަދަވެހުންނައިރު އަޅުކަންކުރުމާ ދުޢާކުރުން ގިނަކުރުމަށެވެ!
- މުފްތީ މެންކުގެ ދަރުސަކުން