ހަމައެކަނި އަތަށް ފައިސާ ލިބޭނަމަ ފުދޭނީ ފައިސާއަށް ކައިވެނިކޮށްގެން އުޅޭމީހަކަށް! ހެޔޮ ލަފާ އަނބިން ވަރަށް ތަފާތު ކަންކަމަށް ބޭނުންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ހަމައެކަނި އަތަށް ފައިސާ ލިބޭނަމަ ފުދޭނީ ފައިސާއަށް ކައިވެނިކޮށްގެން އުޅޭމީހަކަށް! ހެޔޮ ލަފާ އަނބިން ވަރަށް ތަފާތު ކަންކަމަށް ބޭނުންވާނެ!

"ހަމަ ތެދަށް މިބުނަނީ! ފިރިމީހާގެ އަތުން އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނޫން! ގޭގެ ޚަރަދާ ދަރިންގެ ޚަރަދުކުރާނަމަ ނިމުނީ! އަޅުގަނޑުގެ ލޮލަށް އެންމެ ރުފިޔާއެއް ދުވަހަކުވެސް ނުދެއްކިޔަސް ހުންނާނީ ހަމައުފަލުން! އަޅުގަނޑަށް އޮންނަ ހަމައެކަނި މައްސަލައަކީ ލަހުން ނިދަން އައުމާ ލޯބިނުލިބުން!" 

"އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ފައިސާ ޚަރަދުކުރެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ފައިސާ ޚަރަދުކުރުމުން އަނބިމީހާ ހުންނަންޖެހޭނީ އުފަލުންނެވެ. ނަމަވެސް އަޅުގަނޑަކީ އެހައި ބޮޑަށް ފައިސާއަށް ބޭނުންވެގެން އުޅޭ އަނހެނަކީމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ ވަރަށް ލޯބިން ދެމީހުންގެ މެދުގައި ބައެއް ކަންކަން ކުރެވުމެވެ."   

މިފަދަ ބަސްތައް ބުނާ އަނބިން ވަރަށް ގިނައެވެ. އެއީ ޙައިރާންވާންޖެހެންވީ ކަމެއްވެސް ނޫނެވެ. ކޮންމެ މީހެއްގެވެސް ހުންނާނީ ތަފާތުވިސްނުމެކެވެ. އެހެންކަމުން ކައިވެނިކުރުމަށްފަހު ދެމީހުން ފުރަތަމަ ދެނެގަންނަން ޖެހޭނެ ކަންކަމުގެ ތެރޭގައި ބައިވެރިޔާ އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހިމެނެއެވެ. އެކަމަކީ އެކަމެއް ކުރުމުން ދުނިޔެއާއި އާޚިރަތަށް ގެއްލުންހުރި ކަމެއް ނޫންނަމަ އެކަމެއް ނުވަތަ އެކަންކަން ކޮށްދޭންވާނެއެވެ. 

ތިރީގައިވާ ވާހަކައަށް ބައްލަވާށެވެ! އަނބިމީހާގެ އަތުން މޮޑެދިނީމާ ކާން މައްސަލައެއް ނެތެވެ. އެކަމަކު އެއިން ސުވަލެއް އަނބިމީހާގެ އަތުން ފިރިމީހާގެ އަނގައަށް ލަވައިދީފިނަމަ އެއީ މައްސަލައެކެވެ. އެއިން އެތިކޮޅެއް ސަމުސަލަކުން ނަމަވެސް އަނބިމީހާގެ އަނގައަށް ލަވައިދިނުންވެސް މައްސަލައެކެވެ. އަނބިމީހާ އެކަމަށް އެދި ޢާދޭސްކުރާއިރުވެސްމެއެވެ. 

މިހުންނަނީ ވިސްނާލުން މުހިންމު ކަންކަމެވެ. ބައިވެރިޔާ އެދުނީ އެކަމެއް ކުރުމުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބޭނެ ކަމެއް (ފާފަވެރިވުން/ މާލީ ގޮތުން) ނޫންނަމަ އެއީ ތިމާ އެހާކުރާހިތްވާ ކަމެއް ނޫންނަމަވެސް އެކަމެއް ކުރާށެވެ! ބައިވެރިޔާގެ ކިބައިން ލިބޭ ބަދަލު މާބޮޑުވާނެއެވެ. އިންތިހާއަށް ފައިދާކުރާނެއެވެ! 

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ!   

އަހަރެމެންގެ ކައިވެންޏަށް 14 އަހަރު ފުރިއްޖެއެވެ. މިފުރެނީ 15 ވަނަ އަހަރެވެ. އެހެނަސް ޙާޞިލުނުކުރެވުނު އެއްކަމަކީ ބޭނުންވާގޮތަށް ދެމަފިރިން އެކުގައި ކައިލުމުގެ ފުރުޞަތެވެ! 

ކައިވެނިކުރީންސުރެ އަހަރެންގެ ފިރިމީހާއަށް ކާންދެނީ އަހަރެންގެ އަތުން މޮޑެގެންނެވެ. އެއީ އަހަރެން ވަރަށް ލޯބިން ކޮށްދޭކަމެކެވެ. ހަމަކޮށްދޭ ހޮތުން ކޮށްދޭ ކަމެކެވެ. އެހެނަސް އެވަރަކުން ވެސް އަހަރެންނަކަށް ނުފުދެއެވެ. 

ދެމަފިރިން އެކަނި ތިބެ އެކުގައި ކާއިރު އަހަރެން ކާން ބޭނުންވަނީ ދެތަށީގައި މޮޑެގެނެއް ނޫނެވެ. އެއްތަށިގައި މޮޑެގެންނެވެ. އަދި އެކަކު އަނެކެއްގެ އަނގައަށްލައްވައިދީގެންވެސް ކާން ބޭނުންވެއެވެ. 

ފިރިމީހާގެ އިޒުނަ ހޯދައިގެން އެއްރޭ އެގޮތަށް ކާން މަސައްކަތްކުރީމެވެ. ފިރިމީހާގެ އަނގައަށް ސުވަލެއް ލައްވައިވެސް ދިނީމެވެ. އެ ސުވާ ދިރުވައިލަންވެސް އޭނާއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އާދޭސްކުރުމުން ވެސް އަހަރެންގެ އަނގައަކަށް ލައްވައެއް ނުދިނެވެ. 

އަތުން ލައްވައިދޭން އުނދަގޫނަމަ ސަމުސަލަކުން ލައްވައިދޭން އެދުމުންވެސް އަޅައިވެސް ނުލިއެވެ. އެއިގެ ފަހުން އެކަންކުރުމުގެ ވާހަކައެއް ނުދައްކަމެވެ. 

އަހަރެން ކިޔާފައިހުރި ވާހަކަތަކާއި އިވިފައިވާ އަޑުތަކުން މިފަދަ ކަންކަން ކުރުމަކީ ދެމަފިރިންގެ ލޯބި އިތުރަށް ތާޒާވާކަންކަމެވެ. އަހަރެން އެގޮތަށް ކަންކަން ކުރަން ބޭނުންވީ ފިރިމީހާދެކެ ވާލޯބި ތާޒާކުރަން ބޭނުންވާތީއެވެ! އަބަދުވެސް އާލާކޮށް ދިރުވަން ބޭނުންވާތީއެވެ! އެކަން ފިރިމީހާ ޤަބޫލުނުކުރި ސަބަބު އަދިވެސް އަހަރެންނަކަށް ނުވިސްނެއެވެ. 

އަހަރެން މިވާހަ މިހިއްޞާކުރީ އެންމެ ބޭނުމަކުއެވެ. އަހަރެން ފަދައިން ތަފާތު ކަންކަން ކުރަން ބޭނުންވާ އަންހެނުން ތިބޭނެއެވެ. ފިރިންގެ ކިބައިން ހުރިހާ އަންހެނުން އެދޭނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ! ވީމާ ފިރިހެނުން ގާތު ބުނެލަން ބޭނުންވީ އަނބިން އެދޭ މިފަދަ ކުދިކަންކަން ކޮށްލައިދިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ފިރިމީހާ އެދޭކަމެއް އަނބިމީހާގެ ކިބައިން ޙާޞިލުނުކުރެވިއްޖެ ނަމަ ކުރެވޭ އިޙްޞާޞް ހަމަ އަނބިންނަށްވެސް އިޙްޞާޞްކުރެވޭނެކަން ޤަބޫލުކުރުން ކީއްހެއްޔެވެ؟ 

އަހަރެންގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުމެއް ހިއްޞާމިކުރީ އެހެން ބައަކަށް އެކަމުން ފައިދާކޮށްފާނެ ކަމަށެވެ!

 

- ޝަރުމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން