ބޮޑެތި ބަލިތަކަށް އާސަންދަ ލިބެއެވެ. އަތުން ކަރަދުކުރާކަށް ނުޖެހެއެވެ. އެކަމަކު ބޮޑު ބައްޔެއްގައި އުޅެންޖެހިއްޖެނަމަ މައިންބަފައިންނަށް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީ އެމީހުންނަށް އަޅައި ޑޮކްޓަރަށް ގެންގޮސްދީ ފަރުވާ ކުރުމުގައި އެހީތެރިވެދޭނެ ދަރިން މަދުކަމެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ގުރުވަތުލާންޖެހޭ ޙާލަތަށް ކަންކަންދާކަމެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ ކައިރީގައި މަޑުކޮށްލެވެން އޮންނަ ދަރިން މަދުވާ ކަމެވެ.
މިއީ މައިންބަފައިންގެ ކިބައިން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއެވެ. އެމީހުން އެންމެ ގިނައިން ރޮއި ކަރުނައަޅާ މައްސަލައެވެ. އެހެންކަމުން މިގެނެސްދެނީ ދަރިންނަށް ޢިބްރަތަކަށް ފުދޭނެ ވާހަކައެކެވެ.
ތިރީގައިވާ ލިޔުމަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މަންމައަށްޓަކައި ދަރިއަކު ކުރި ޢަމަލަކުން ޑޮކްޓަރުންނަށާއި އިމާމަށް ލޮޅުން އެރި ޢަމަލެއްގެ ވާހަކައެވެ. ދުނިޔޭގައި މިފަދަ ކަންކަން ފެންނައިރު މަރުވުމުން ދެއްވަވާނެ ނިޢްމަތްތައް މިއަދު ވޒަންކުރެވޭނީވެސް ކިހިނަކުން ކަމާއިމެދު ވިސްނާލުން ކީއްހެއްޔެވެ؟
އިކްލީލް އޭނާގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މަންމަގެ ފުރަމެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ފުރަމޭ ބަދަލުކުރަން ޖެހިގެންނެވެ. އެނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ލަފާދިނުމުންނެވެ. މަންމަގެ ފުރާނަ ސަލާމަތްކުރަން ކުރެވޭނެ އެހެންކަމެއް ނެތުމުންނެވެ.
ނަމަވެސް ކަންކަން މެދުވެރިވީ މުޅިން އެހެން ގޮތަކަށެވެ. އެޑްމިޓްކުރިތަނާ މަންމައަށް ލުއިވާންފެށީއެވެ. ޑޮކްޓަރުން ޢަޖައިބުވާހައި ބޮޑަށެވެ. 10 ވަރަކަށް ދުވަސްފަހުން ޑޮކްޓަރުން ނިންމީ އޮޕަރޭޝަން ނުކުރުމަށެވެ. އިތުރަށް ގޯސްނުވާނަމަ އޮޕަރޭޝަން ކުރުމުގެ ބޭނުމެއް ނެތުމުންނެވެ.
ހޮސްޕިޓަލުން މަންމަ ދޫކޮށްލުމުން ގެއަށްގެންގޮސް މަންމައަށް ފަރުވާކުރަމުންދަނިކޮށް ގެއަށް ވަޑައިގެންނެވި އިމާމަކަށް އިކްލީލް މަންމަގެ ވާހަކަ ކިޔައިދިނެވެ. އޮޕަރޭޝަން ކުރުން ނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ނިންމި ކަމަށާއި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކުރީކަމަށް ބުނެއެވެ.
އިކްލީލްގެވާހަކަ އަޑުއެއްސެވުމަށްފަހު އިމާމް އެދިވަޑައިގަތީ މަންމަގެ ހުރިހާ ދަރިން އެތަނަށް ގެނައުމަށެވެ. 8 ދަރިން ސިޓިންގރޫމަށް އައުމުން އިމާމް ވިދާޅުވިއެވެ. "ކުރާ ކޮންމެ ހެޔޮ ޢަމަލެއް ކުރަންވީ ސިއްރުންނެވެ. އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ. ނަމަވެސް ހާމަކުރުމުން މީސްތަކުންނަށް އެކަމަކުން ފައިދާކޮށްފާނެ ކަންކަމުގައި ހާމަކުރުމަކީ ދެއްކުންތެރިކަމަކަށް ނުވާނެއެވެ! ވީމާ ތެދުބަހުން ބުނެބަލާށެވެ! އޮޕަރޭޝަންކުރަން މަންމަ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެކަން އެނގުނު ހިސާބުން މަންމައަށްޓަކައި ޚާއްޞަ ހެޔޮ އަމަލެއް ކުރީ ކޮންކުއްޖެއް ހެއްޔެވެ؟"
އެއް ކުއްޖަކު ފިޔަވައި ހުރިހާކުދިން ބުނީ މަންމައަށް ހެޔޮ ދުޢާކުރި ކަމަށާއި ހޮސްޕިޓަލް ބިލްދައްކަން ޚަރަދުކުރި ކަމަށެވެ. އަދި މަންމަގެ ކަންކަން ވަރަށް ގާތުން ބެލިކަމަށެވެ. ހޮސްޕިޓަލުގައި ވަގުތުވެސް ހޭދަކުރިކަމަށެވެ.
އެންމެފަހުން ވާހަކަ ދެއްކީ 6 ވަނަ ދަރިފުޅެވެ. އޭނާ ބުންޏެވެ! "އެހެން ކުދިން ކުރިކަންކަން އަޅުގަނޑުވެސް ކުރީމެވެ. އެއިގެ އިތުރުންވެސް ކުޑަކަމެއް ކުރީމެވެ. އެއީ މަންމަ އެޑްމިޓްކުރި ދުވަހު ވަރަށް ބަނޑުހައިހޫނުކަމުގައި ތިބި ކުޑަ ދެކުދިން ގޮވައިގެން ކާނެއެއްޗަކަށް އެދި މިގެއަށް އައި މުސްކުޅި އަންހެނަކަށް އަހަރެންގެ އަތުގައި ހުރި ހުރި ހުރިހާ ގަހަނާ ޞަދަޤާތްކުރީމެވެ! ބަރުދަން ބުނާކަށް ނެތީމެވެ. އަތުގައި ހުރި ހުރިހާ އެއްޗެކެވެ. އަދި މަންމައަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް އެދުނީމެވެ. އަދި އަހަރެންގެ އެ ޢަމަލު ޤަބޫލުފުޅުކޮށްދެއްވެވުން އެދި ﷲ އަށް ދުޢާކުރީމެވެ!"
އިމާމް ވިދާޅުވިއެވެ. "ތިއަ ހުރިހާކުދިން ވެސް ކަންތައްތައް ތިއަކުރީ ވަރަށް ރަނގަޅަށެވެ! މާތް ﷲ ތިއަ ހރިހާކުދިންނަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިތުރަށް ބުނާނެ އެއްޗެއް ނެތެވެ! މަންމައަށް އެވަރުގެ ބޮޑު ރަޙްމަތެއް ލެއްވެވި ސަބަބު ދެނެވޮޑިގެންވަނީ މާތް ﷲއެވެ! މަންމައަށް ހެޔޮކޮށްހިތުންމަތީގައި ދެމިތިބޭށެވެ! ދެދުނިޔޭގައި އެކަމުގެ މަތިވެރި ޘަވާބާއި ދަރުމަ މާތް ﷲ ދެއްވަވާނެތެވެ! އިން ޝާ ﷲ
ހަމަ އެންމެ ވާހަކައެއް އިތުރަށް ބުނެލާނަމެވެ! ނިކަމެތި ޙާލުގައިވާ މީހާގެ ޙާޖަތް ފުއްދައިދީ، އޭނާއަށް އުފާވެރިކަން ހޯދައިދީފި މީހެއްގެ ބޭނުންތައް މާތް ﷲ ފުއްދަވައި ދެއްވަވާނެކަން އެއީ އެނގެން އޮތްކަމެކެވެ. ވީމާ ފަޤީރަކަށް ތަނަވަސްކަމެއް ހޯދައިދީފި މީހެއްގެ ބޭނުން މާތް ﷲ ފުއްދަވައި ދެއްވަވާނެކަން ޝައްކުނުކުރާށެވެ! މިކޮއްކައަށް ތިއަކުރެވުނީ ހެޔޮކަން ބޮޑު ޢަމަލެކެވެ!
ކޮންމެއަކަސް މަންމައަށްޓަކައި ގަހަނާތައް ހަދިޔާކުރި ދަރިފުޅަށް ތިއަކުރެވުނު ޢަމަލުން އަހަރެން ހަމަ ސިހިއްޖެއެވެ. އެއީ މިޒަމާނުގައި ކުދިން ކުރާ ކަހަލަ ކަމެއް ނޫންވީމައެވެ! އިރާދަކުރެއްވިއްޔާ ކޮއްކޮއަށް މާގިނަ ގަހަނާތައްވެސް ދެއްވަވާނެތެވެ! ތިއަ ހުރިހާ ކުދިން މަންމައާއިމެދު ޢަމަލުކުރިގޮތަށް ވަރަށް އުފާވަމެވެ. ތިއަކުދިންނަށްޓަކައި އަބަދުވެސް ހެޔޮދުޢާކުރާނަމެވެ."
ކޮންމެއަކަސް މަންމައަށްޓަކައި ގަހަނާތައް ހަދިޔާކުރި ކުއްޖާއަށް ކައިވެނިކުރެވުނީ ވަރަށް ތަނަވަސް މީހަކާއިއެވެ. ބޭނުންނަމަ އޭނާގެ އަތްފައި ރަނުން ފުރައިލަދެވޭވަރުގެ މީހަކާއިއެވެ.
- ޢިބްރަތްތެރި ވާހަކަ