ދުނިޔެއާ ވަކިވާންޖެހޭ ވަޤުތު މަލާއިކަތުން އެމީހަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެ މީހަކަށް ވެވެން އޮތް މަގު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ދުނިޔެއާ ވަކިވާންޖެހޭ ވަޤުތު މަލާއިކަތުން އެމީހަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެ މީހަކަށް ވެވެން އޮތް މަގު- ޤުރްއާނުން

ދުނިޔޭގެ ޙަޔާތް ނިމިގެންދާއިއރުވެސް ހަމައެކަކުވެސް ތިބާއަށް އުފާވެރިކަމުގެ އެންމެ ޚަބަރެއް ނުދިނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެމެންނަކީ ދާއިމަށް ދުނިޔޭގައި ތިބޭނެ ބައެއް ނޫނެވެ. އިސާހިތަކު މަރު އައިސް ބައްދަލުކުރާނެއވެ. އެވަޤުތު އުފާވެރިކަމުގެ ޚަބަރު މަލާއިކަތުން ދެއްވަވާނެ މީހަކަށް ވެވިއްޖެނަމަ ނިމުނީ ނޫން ހެއްޔެވެ؟ އެއޮތީ ހުރިހާ އުފާވެރިކަމެއް ލިބިފައި ނޫން ހެއްޔެވެ؟ މިބުނެދެނީ އެކަމަށް އޮތް މަގެވެ.  

ތަކުރާރުކޮށް މިބުނަނީއެވެ. ތަޤްވާވެރިވުމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިނުވާނެ ސަބަބެއް ނޫނެވެ. ތަޤްވާވެރިވުމުންނާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ކުރާނެ ފައިދާއަކީ ހިތާމަތަކާއި ހިތްދަތިކަމަށް ކެތްތެރިވުމުގެ ބާރުލިބުމެވެ. އެކަމުގައި ޘާބިތުވުމަށް ހިތްވަރު ލިބުމެވެ.  

ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި ޝައިޠޯނާ އައިސް ބުނާނެއެވެ. ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތްނަމަ ތިބާއަށް ތިއަ ހިތްދަތިކަން ނުވަތަ މުޞީބާތް ކުރިމަތިކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް އުފާވެރިކަން ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ ހިތާމަތަކާއި ކަންބޮޑުވުންތަކުގައި އުޅެންޖެހުމަށް އިރާދަކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟  

މިއީ މީސްތަކުންގެ ހިތްތަކުގައި ﷲ ތަޢާލާ އާއި މެދު އިތުބާރުކުޑަކުރުވައި މާޔޫސްކުރުވަން ޝައިޠޯނާ ބޭނުންކުރާ އެންމެ ބާރުގަދަ އުކުޅެވެ. މިމޭރުމުން ވިސްނައިދީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މީހާ މާޔޫސްކުރުވަން ޝައިޠޯނާ މަސައްކަތްކުރާނެތެވެ.  

އެހެނަސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ ކިތަންމެ ދަތިޙާލަތުގައި ނަމަވެސް ކިތަންމެ ބޮޑު ބައްޔެއްގައި ނަމަވެސް ތިމަން ﷲ ގެ މަގުގައި ޘާބިތުވެ ހުރެއްޖެ މީހާ މަރުވާ ވަޤުތުގައިވެސް މަލާއިކަތުން ފައިބައި ވަޑައިގެން އެމީހަކަށްޓަކައި އުފާވެރިކަމުގެ ޚަބަރުތައް ދެއްވަވާނެ ކަމަށެވެ.  

އިތުބާރުކުރަންވީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅުތަކަށެވެ.  

"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ  އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ."

(ފުއްޞިލަތު: 30) 

"ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސް ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ."

(ފުއްޞިލަތު: 3) 

"ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ."

(ފުއްޞިލަތު: 32) 

"ތިބާއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ތިބާވަނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ. ދުނިޔޭގައި ތިބާ އުޅުނުއިރު ޝައިޠޯނާގެ ކިބައިން ތިބާ ސަލާމަތްވުމަށް ކުރި މަސައްކަތްތަކަށް ވާގިވެރިވެ ތިބާއާއިއެކުގައި ތިބީ އަހުރެމެން (މަލާއިކަތުން) ނެވެ. މިއަދުވެސް މިތިބީ ހަމަ ތިބާއާއިއެކުގައެވެ." މިއަށްވުރެ އުފާވެރިކަން ބޮޑު ޚަބަރަކީ ކޮބައިހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިއަބައިމީހުން އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް ވަކީލުކޮށް އެކަލާނގެ ރަޙްމަތަށް އެދިއެދި ތިބޭ ބައަކު ކަމުގައިވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! މަރުމަތީގައި ރަޙްމަތުގެ މަލާއިކަތުންނާއި ބައްދަލުކުރުމަށް އުންމީދުކުރާށެވެ!

 

- އުސްތާޛް ނޫމާން ޢަލީޚާން ގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން