އެންމެ ފައިދާހުރި ނިމުމަކީ އެމީހަކު ފުރާނަ ހިއްޕަވާ ވަޤުތު މަލާއިކަތުން އެމީހަކަށް އުފާވެރި ޚަބަރު ދެއްވަވާނެ މީހެއްގެ ގޮތުގަ ދުނިޔެ ދޫކުރެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 54ސ
އެންމެ ފައިދާހުރި ނިމުމަކީ އެމީހަކު ފުރާނަ ހިއްޕަވާ ވަޤުތު މަލާއިކަތުން އެމީހަކަށް އުފާވެރި ޚަބަރު ދެއްވަވާނެ މީހެއްގެ ގޮތުގަ ދުނިޔެ ދޫކުރެވުން!

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މަސައްކަތްކުރެވެނީ ދުނިޔަވީ ކަންކަމުގައި މަޝްހޫރުވެ މީސްތްކުންގެ ތަޢްރީފް ހޯދަން މަސައްކަތްކުރުމުގައި އަވަދިނެތި އުޅުމަށެވެ. ތިމާއަށް ރަނގަޅު ނިމުމެއް ދެއްވެވުން އެދިގެން މަސައްކަތްކުރެވޭ މީހުން އަންނަނީ މަދުވަމުންނެވެ. 

ރަނގަޅު ނިމުމެއް ލިބެން އޮތީ މިސްކިތްތަކާއި ނުވަތަ މުސައްލަ ޢާއި ގުޅުން ބަދަހިކުރެވިގެންނެވެ. ނަމާދުތަކަށް ރައްކައުތެރިވެވިގެންނެވެ. ސަޖިދަކުރުން ގިނަކުރެވުނު ވަރަކުންނެވެ. އެކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ނަމަވެސް އެކަމަސް ސަމާލުކަން ދެވެނީ ހާދަ މަދު މީހަކަށެވެ. 

އެންމެ މަތިވެރި ތައްރީފަކީ އެމީހަކު މަރުވުމުން ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވޭއިރު އުޑުތަކުން ބައްދަލުވާ މަލާއިކަތުންގެ ތައްރީފެވެ. އެމީހެއްގެ ފުރާނައަށް މަލާއިކަތުންގެ ތަޢްރީފް ލިބިގެން ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލިއްޖެނަމަ އެމީހަކަށް ﷲ ތަޢަލާވެސް ވަޙީކުރައްވަވާނީ ތަޢްރީފްގެ ބަސްފުޅެވެ. ވީމާ އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެފަދަ ތަޢްރީފެއް ލިބިގެންވާ މީހަކަށްވުމަށެވެ. 

މިމައުޟޫއަށް ވާހަކަދެކެވޭއިރު އިބްރާހީމްބެގެ މަތިން ހަނދާން އައުކޮށްލުމަކީ މުހިންމު ކަމެއްކަމަށް ވިސްނޭތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އިބްރާހީމްބެ ފަަދ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އިބްރާހީމްބެ ނިޔާވީ މީގެ 2 އަހަރުކުރިންނެވެ. މަރުޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަމުއެވެ. އާމީން 

މިސްކިތާ، އަޅުކަމާ ގުޅި ދެވިހިފާފަހުރި އިބްރާހީމްބެ މިސްކިތާ، ދުނިޔެއާ ވަކިވުމުގެ ހިތާމައިގަ—

ރޭގެ ފަތިސް ނަމާދަށް މިސްކިތައް ދިއައިރު މިސްކިތުން އެއްބައި މަދުކަމުގެ އިޙްސާސެއް ކުރެވުނެވެ. ފަޅުކަން އިޙްސާސް ކުރެވުނެވެ. މީގެ ކުރިން މިސްކިތައް ދާއިރު ހުންނާނީ ބޮކިތައް ދިއްލާ އޭސީވޭސް ޖައްސާފާއެވެ.  

ރެއަކީ އަޅުގަނޑުގެ ޙަޔާތުގައި އައި ހިތާމަވެރިވެސް ރެއެކެވެ. އިބްރާހިމްބެ އެކޭ އެއްގޮތައް އަޅުގަނޑުމެންކުރެ ކޮންމެ މީހަކީވެސް މި ދުނިޔެ ދޫކޮށް ދާން ޖެހޭނެ ބައެކެވެ. إنا لله وإنا إليه راجعون އެވެ.

އިއްޔެގެ މަޣްރިބް ނަމާދަށް މިސްކިތައް ގޮސް ދޮރުމައްޗަށް އެރިއިރު އިބްރާހިމްބެ އާއްމުކޮށް އިންނަތަނުން ފެންނަން ނެތީމަ މިސްކިތައް ވަދުމުގެ ކުރިން ބޯ ދިއްކޮށްލާ ބަލާލިއިރު އިބްރާހިމްބެ އިނީ އޭގެ ކުރިން އިންތަން ނުފެންނަ ތަނެއްގައެވެ. އެއީ ވަންނަ އިރު ކަނާއަތްފަރާތު ގަ ބަހައްޓާފަ ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައެވެ. ޢިޝާ ނަމާދު ގައި ވެސް އެތާ އިންތަން ފެނި އެތަފާތު އެހެން މީހުންނަށް ވެސް ފާހަގަ ކުރެވިފައިވެއެވެ.

އަޅުގަނޑު ހަވާލުވެ ހުންނަ މިސްކިތައް ޖަމާޢަތައް ނަމާދަށް އައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށް ގޮއްސިއެވެ. އެކަމް އެއެންމެންގެ ތެރެއިން ވެސް އިބްރާހިމްބެ އަކީ އަޅުގަނޑުގެ ހިތުގައި ޚާއްޞަ ކަމެއް ދެވިފައިވާ ފަރާތެކެވެ.  

ދުޢާ އަކީ ﷲ އެބައިމީހުންގެ ފާފަ ފުއްސަވާ ރަޙްމަތް ލެއްވުމެވެ. އިބްރާހިމްގެ އަޅުގަނޑަށް ޚާއްޞަވަނީ އެތައް ކަމަކުންނެވެ. ފަތިސް ނަމާދަށް ކިތަންމެ ކުރިން އަޔަސް އިބްރާހިމްބެއަށްވުރެ ކުރިއަކުން މަދު ރެއެއް ފިޔަވައި މިސްކިތަކަށް ނާދެވެއެވެ. އަޅުގަނޑު މިސްކިތައް އަންނަ އިރު އިބްރާހީމްބޭ އިންނާނީ ދަމު ނަމާދުކޮށްގެން ޤުރްއާން ތަރުޖަމާ ކިޔާށެވެ. މީ ފަތިސް ނަމާދު އެކަންޏަށް ޚާއްޞަ ކަމެއް ނޫނެވެ. ހަމަ ކޮންމެ ނަމާދަކަށްވެސް އާއްމުކޮށް އެހާ ކުރިން މިސްކިތައް އައިސް ޤުރްއާން ތަރުޖަމާ ކިޔަން އިނދެއެވެ.

ތަރުޖާމާ ކިޔުމުގައި ސާފު ނުވާ ބަހެއް އިބާރާތެއް އިންނަމަ އަޅުގަނޑު މިސްކިތައް ވަނުމުން އަހާ އޮޅުން ފިލުވާ ހަދާނެއެވެ. ތަރުޖަމާ ކިޔަން ފެށިފަހުން ވަރަށް ގިނަ ފަހަރު ގުރްއާން ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ނިންމައިފިއެވެ. ތަރުޖަމާ ކިޔަން ފެށިފަހުން ދިމާވާއިރަށް އެކި ދުވަސް މަތިން ބުނެއެވެ. މަރުވީމަ ކާފަރުންނަށް ހާދާ ކަންތަކެއް އެބައޮތް ދޯއެވެ. އަދި ވެސް ޤުރްއާނުގެ އެކި އާޔަތްތަކުގައި ހުންނަ ވާހަކަތައް ހިއްޞާކޮށް ހަދާނެއެވެ. ޤުރްއާން ތަރުޖަމާ ކިޔުމުގެ އިތުރުން ގޭގައި މުޞްޙަފުން ޤުރްއާން ވެސް ކިޔަވައެވެ. މީގެ އިތުރުން އިބްރާހިމްބެ އަކީ ސުންނަތް ރޯދަ ވެސް ހިފާ މީހެކެވެ.

އިބްރާހިމްބެ އަކީ ބަންގި ގޮވާ ނަމާދު ކުރާ މީހެކެވެ. އެންމެ ފަހުން އިބްރާހީމްބެ އިމާމްވެ ކުރީ މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ޢިޝާ ނަމާދެވެ. ނަމާދެއް ދެނަމާދު ކޮށްލަން މިސްކިތާ ޙަވާލުވެފައި ދުވަހަކު ވެސް ލާރިއެއް ނުހިފައެވެ. ނުހޭލެވިގެން ނުވަތަ ކަމެއް ދިމާވެގެން މިސްކިތައް ނާދެވުނަސް އިބްރާހީމްބެ ބަންގި ގޮވާނެކަން އެނގޭތީ އެއްވެސް ހާސްކަމެއް ނުހުރެއެވެ. އިބްރާހިމްބެ އެކަން ކުރަނީ ކުރާހިތުންނެވެ. ދުޢާ އަކީ އިބްރާހިމްބެ ގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާ ފާފަތައް ފުއްސަވާ ރަޙްމަތް ލެއްވުމެވެ. اللهم الغفر له وارحمه. آمين

އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައިވަނީ ބިރު ބޮޑުވެގެންވާ ދުވަހަކަށް ތައްޔާރުވުމަށެވެ. އެދުވަހުން މަންފާ އެއް ކުރާނީ ކޮށްފައިވާ ހެޔޮ ޢަމަލަކުންނެވެ. ކޮންމެ ނަފުސަކީ މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ.

ފޮޓޯ ތަކުގައި އެވަނީ އިބްރާހިމްބެ ތަރުޖަމާ ކިޔަން އިންނަ ތަނާއި އިބްރާހިމްބޭ ކިޔަން ގެންގުޅުނު ޤުރްއާން ތަރުޖަމާ އާއި ތަރުޖަމާއިން އެންމެ ފަހުން ކީ އާޔަތްތަކާއި ރޭގެ މަޣްރިބު ނަމާދަށް އަޅުގަނޑު ދިޔައިރު އިން ގޮނޑިއާއި ސަންދޯކާއި މަހާނައިގެ ފޮޓޯއެވެ. 

- މުޙައްމަދު ޢަބްދުﷲ  

(މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ އަގުހުރި ފިލާވަޅަކަށްވާތީ އަޞްލާއި އެއްގޮތަށް ގެނެސްދިނީއެވެ. މަސައްކަތްކުރަންވީ ހަމަ އިބްރާހީމްބެއަކަށްވުމަށް ނޫންތޯއެވެ؟)

 

 

 

 

 

 

 

މިއަދު އޮންލައިން