ހެޔޮލަފާ މީހަކު ލައްވައި އިސްތިޚާރާ ކުރުވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހެޔޮލަފާ މީހަކު ލައްވައި އިސްތިޚާރާ ކުރުވިދާނެތަ؟

އިސްތިޚާރާ ކުރާއިރަށް ރަނގަޅު ވިސްނުމެއް ނުލިބިއްޖެނަމަ ބައެއް މީހުން ބޭނުންވަނީ ހެޔޮލަފާ މީހަކު ލައްވައި އިސްތިޚާރާ ކުރުވުމަށެވެ. އެއީ އެފަދަ މީހަކު ލައްވައި އިސްތިޚާރާ ކުރުވުމުން އަވަހަށް މަގެއް ފެނިދާނެކަމަށް ވިސްނޭތީއެވެ. 

ބުނަން ހެއްޔެވެ؟ އެއްވެސް ކަމަކަށް ބޭނުންވެގެން ނުވަތަ ގޮތެއް ނިންމަން އުނދަގޫވެގެން އެއްވެސް މީހަކު ލައްވައި އިސްތިޚާރާ ކުރުވުމަކަށް ނެތެވެ. އެއީ އެމީހަކު އަމިއްލައަށް ކުރަން އޮތް ކަމެކެވެ. 

އިސްތިޚާރާ ކުރުމަކީ އެހައި ބުރަކަމެއް ނޫނެވެ. ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ކުރަންޖެހޭ ކަމަކީ އާދައިގައި ކޮށްއުޅޭ ފަދައިން 2 ރަކްޢަތް ނަމާދެއްކޮށްލައި ސުންނަތުގައިވާ ދުޢާކޮށްލުމެވެ. ވީމާ އެ ނަމާދާއި ދުޢާއަކީ އެމީހަކު އަމިއްލައަށް ކުރަން އޮތް ކަމެކެވެ. އެއްވެސް ކަމަކަށް އެދިގެން އެހެން މީހުން ލައްވައި ދުޢާކުރުވުމެއް ނެތެވެ. ދުޢާކުރަން އެއްވެސް މެދުވެރިއަކަށް ބޭނުމެއް ނުވާނެއެވެ. (މިބަހުގެ މާނައިގައި ކަމެއް ދިމާވުމުން ތިމާއަށްޓަކައި ހެޔޮދުޢާކޮށްލަދޭން ހެޔޮލަފާ މީހުންގެ ގާތުގައި އެދުމެއް ނުހިމެނެއެވެ.) 

ދެން ބުނެލަން އޮތީ ހެޔޮލަފާ، ތަޤްވާވެރިއަކު ލައްވައި އެކަންކުރުވުމުގެ ވިސްނުން ތިއަ އަންނަ ސަބަބަކީ ތިމާއަކީ އެފަދަ މީހަކު ނޫންކަމަށް ޤަބޫލުކުރެވުމެވެ. އެހެންވީމާ އެގޮތަށް ވިސްނޭނަމަ އޮތީ ތިމާގެ ތަޤްވާވެރިކަން އިތުރުކޮށް ތިމާއަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް މަސައްކަތްކުރުމެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން