މުޝްރިކުންގެ އިލާހުންތައް ނުކުޅެދިގެންވާކަމުގެ މިޘާލުތައް ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 4މ 26ސ
މުޝްރިކުންގެ އިލާހުންތައް ނުކުޅެދިގެންވާކަމުގެ މިޘާލުތައް ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްލާމްދީނުގެ ކުރީގައި ޢަރަބީންގެ ތާރީޚުގައި މުޝްރިކުންގެ އިލާހުންތައް ބަޔާންކޮށްފައިވެއެވެ. އެއީ ޢަރަބީން އަޅުކަންކުރި ދިރުންތަކެއް ނުވަތަ ބާރެއް ރަމްޒުކޮށްދޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ އެމީހުންގެ ދިރިއުޅުން ކޮންޓްރޯލްކޮށް، ދުނިޔޭގައި ނުވަތަ آخرة ގެ ކަންކަމުގައި އެމީހުންނަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ޢަރަބީން އެއުރެންގެ ޖާހިލުކަމުގައި، ގިނަ إله ންތަކަކަށް އަޅުކަންކުރިއެވެ. ކޮންމެ ޤަބީލާއަކަށް ނުވަތަ ޖަމާޢަތެއްގެ ވެސް ޚާއްޞަ إله ންތަކެއް ހުއްޓެވެ. ކަޢްބާ އާއި ޖަޒީރަތުލް ޢަރަބްގެ އެކި ހިސާބުތަކުގައި މި ބުދުތައް ބެހެއްޓިފައި ހުއްޓެވެ. ކީރިތި ޤުރުއާނާއި އިހުގެ ޢަރަބި ލިޔުންތަކުގައި ބަޔާންކުރައްވާފައިވާ އެންމެ ފާހަގަކޮށްލެވޭ ކަލާނގެތަކުގެ ތެރޭގައި ހިމެނެނީ:އައްލާތަ، އަލްޢުއްޒާ، އަލްމަނާތް، ހުބަލް، އައްޞުވަރް ބަޢްލްއެވެ. 

ކީރިތި ޤުރްއާނުގައި مشرك ންގެ إله ންތަކުގެ ނުކުޅެދުންތެރިކަން ﷲ ސުބަޙާނަހޫ ވަތަޢާލާ ބަޔާންކުރެއްވުމުން ދޭހަވަނީ އެބުދުތަކުގެ ކިބައިގައި މަންފާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ކުޅަދާނަކަމެއް ނެތްކަމެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ޚިލާފަށް އެތަކެއްޗަށް އިންސާނީ ކަންކަމަށް ނުފޫޒެއް ނުފޯރުވޭނެކަމެވެ. އެކަލާނގެއީ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެގޮތުން ކީރިތި ޤުރްއާނުގައި ބައެއް އާޔަތްތަކުގައި ﷲ ތަޢާލާ މުޝްރިކުން އަޅުކަން ކުރާ އިލާހުންގެ ނުކުޅެދުން ހާމަކުރައްވާފައިވެއެވެ.

ބަޤަރާ ސޫރަތުގެ 171 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ ﴿١٧١﴾‏

މާނައީ: "كافر ވި މީހުން (ނަށް دين އަށް ގޮވާލާ މީހާ) ގެ مثال އީ (އެބަހީ: كافر ންނަށް رسول އާ ގޮވާލައްވާ ގޮވާލެއްވުމަށް ނިސްބަތްކޮށް ބަލާއިރު އެއުރެންނާއި رسول އާގެ مثال އީ) ގޮވުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑުނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ مثال އެވެ. އެ كافر ންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެއެވެ. (171)" 

އަދިވެސް ރަޢްދު ސޫރަތުގެ 14 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُم بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ ﴿١٤﴾‏

މާނައީ: "حق ވެގެންވާ دعاء ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް دعاء ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ مثال ގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. كافر ވީ މީހުންގެ دعاء، ގެއްލުމެއްގައި މެނުވީ ނުވެތެވެ. (14)"

މިއަދު އޮންލައިން