ފުރަތަމަ ކަމަކީ އެކަމެއް ކުރަން ﷲ އަންގަވާފައިވާ ކަންކަން ކުރެވެން އޮތް އެންމެ ފުރިހަމައަކަށް ކުރުމާއި ނުކުރަން އަންގަވާފައިވާ ހުރިހާ ކަންކަމާއި ދުރުހެލިވެ އެއިން އެއްވެސް ކަމެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ތިމަން ﷲ އަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާނަމަ އެމީހަކަށް ކުރިމަތިވާ ކޮންމެ ދަތިކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ ކަމަށެވެ. އަދި ޚިޔާލަށް އެއްގޮތަކަށްވެސް ނުވެސް ގެނެވޭނެ ފަދަ ގޮތްގޮތުން ރަޙްމަތް މިންވަރުކުރައްވަވާނެ ކަމަށެވެ.
ޔަޤީންކުރަން އޮތް ކަމަކީ ކުރިމަތިވާ ކޮންމެ ކަމަކާއި ގުޅިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށް ވަކީލްކުރާ މީހަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވާ ކަމެވެ.
ދެވަނަ ކަމަކީ ފަތިސް ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ވީމާ ފަތިސްނަމާދު ޖަމާއަތުގައި ކުރަން މަސައްކަތްކުރާށެވެ! ފަތިސްނަމާދަށްފަހު ޛިކުރުތައް ކިޔައި ދުވަހު ކުރަން ހުރި މަސައްކަތްތަކަށް އަވަހަށް އެނބުރިގަންނާށެވެ.
ތިންވަނަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަންޖެހޭ އިތުބާރު އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. އެކަންކުރުމަކީ ކުރިމަތިވެފައިވާ ކަންތަކުން އަރައިގަނެވޭނެ މަގެއް، ނުވަތަ ކުރަން ބޭނުންވެގެން އުޅޭ ކަންތައް ކުރެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެކަމުގެ ޔަޤީންކަމުގައި ހުރުމެވެ.
ހަތަރުވަނީ ގިނަގިނައިން ތައުބާވުމެވެ. އިސްތިޣްފާރުކުރުން ގިނަކުރުމެވެ.
ފަސްވަނައީ ޢާއިލީ ގޮތުން ބާއްވަންޖެހޭ ގުޅުންތައް (ޤާބިލުކަން ލިބިފައިވާ މިންވަރުން) ފުރިހަމައަށް ބާއްވަމުން ގެންދިއުމެވެ. (ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ.)
ހަވަނައީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ދުލާއި ޢަމަލުތަކުން އެންމެ މަތީ ދަރަޖައަށް ޝުކުރުވެރިވުންމަތީގައި ހުރުމެވެ.
ހަތްވަނައީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤުން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމަކަށް ހޭދަނުކުރުމާއި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރުން ގިނަކުރުމެވެ. ހަނދާނުގައި ބަހައްޓަންޖެހޭނެ އެއް ކަމަކީ ޞަދަޤާތްކުރުން އޮތީ ގާތުން ދުރަށް ކަމެވެ. ފުރަތަމަ ތިމާގެ ޢާއިލާއަށް ކަމެވެ.
މިކަންކަމަށް ސަމާލުކަންދީފިނަމަ އެމީހެއްގެ ދިރިއުޅުން ތަނަވަސްކޮށްދެއްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން