ރިޒުޤް އިތުރުވުމަށް އެދޭމީހާ މަސައްކަތުގެ ވަޤުތުގައިވެސް ނަމާދު ވަޤުތުޖެހުމުން ނަމާދުކޮށް އަދި އަނބިދަރިން ނަމާދުކުރިތޯ ބަލަންވެސް ޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރިޒުޤް އިތުރުވުމަށް އެދޭމީހާ މަސައްކަތުގެ ވަޤުތުގައިވެސް ނަމާދު ވަޤުތުޖެހުމުން ނަމާދުކޮށް އަދި އަނބިދަރިން ނަމާދުކުރިތޯ ބަލަންވެސް ޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަހުރެމެންގެ ހުރިހާ ކަންކަން ގުޅިފައިވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއިއެވެ. އެކަމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް ނަމާދުކުރުމެވެ. ނަމާދުކުރުމަކުން އެކަނި ނުފުދެއެވެ. ވަޤުތު ޖެހުމުން އަނބިދަރިންނަށް ނަމާދުކުރަން ހަނދާންކޮށްދިނުމުގެ އިތުރުން ނަމާދުކުރިތޯ ބަލަންވެސް ޖެހޭނެއެވެ. 

އެންމެ ބޮޑަށް އިސްކަންދޭން އޮތީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށެވެ. އެހެން ހުރިހާ ކަމެއްވެސް ގެންނަންޖެހޭނީ އެއިގެ ފަހަތުންނެވެ. 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ކަލޭގެފާނު މި ފޮތުން އިސްމާޢީލްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ." (މަރިޔަމް: 54) 

"އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ." (މަރިޔަމް: 55) 

ކީރިތި ޤުރްއާނުގައި މިފަދަ ބަސްފުޅުތައް ވަޙީކުރައްވަވާފައިވަނީ އެންމެން އެކަމަކަށް ޢަމަލުކުރުމަށެވެ. ޢަމަލުކުރުމުން އެންމެންނަށްވެސް އެ މަތިވެރި ނިޢްމަތް ދެއްވަވާނެތީއެވެ. މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ އިސްމާޢީލްގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް އަމުރުފުޅު ކުރެއްވެވި ކަމެވެ. އަދި އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިކަމެވެ.

މިއީ އަހަރެމެން ކޮންމެ މީހަކަށްވެސް ޢަމަލުކުރަންޖެހޭނެ ގޮތެވެ. ވީމާ އެމީހެއްގެ އަނބިދަރިން ނަމާދުކުރިކަން ނުބަލައި ހުންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އޮފީހުގައި އިންނަނަމވެސް މަސައްކަތުގައި އުޅުނުކަމުގައިވީނަމަވެސް ނަމާދު ވަޤުތު ޖެހުމުން ފުރތަމަކަމަކަށް ތިމާ ނަމާދުކުރާށެވެ. އެއަށްފަހު އަނބިދަރިންނަށް ނަމާދުކުރަން ހަނދާންކޮށްދޭށެވެ. އެމީހުން ނަމާދުކުރިތޯ ބަލާށެވެ. 

މިޒަމާނުގައި އެއީ ކުރަން އުދަގޫ ކަމެއް ނޫނެވެ. ހުރިތަނެއްގައި ހުރެގެން އަތުގައި އޮންނަ ފޯނުން ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އަދި ޤަވާޢިދުން އެކަން ކުރާނަމަ އަނބިދަރިންވެސް އެކަމަށް އިތުރަށް ސަމާލުކުރަންދޭނެއެވެ. ފިރިމީހާ ނުވަތަ ބައްޕަ އެކަން ބަލާނެކަން އެނގޭނެތީއެވެ. 

ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ ކަންކަން އަބަދުވެސް ކުރަމުން ގެންދަންވާނެއެވެ! 

- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން