ރާއްޖެއާއި ޤަތަރުގެ ގުޅުމަކީ، ދީނާއި ޘަޤާފަތް އަދި ތާރީޚްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް: ޚަލީލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖެއާއި ޤަތަރުގެ ގުޅުމަކީ، ދީނާއި ޘަޤާފަތް އަދި ތާރީޚްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް: ޚަލީލް

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޤަތަރުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި ޤަތަރުގެ ގުޅުމަކީ، އިސްލާމް ދީނާއި ޘަޤާފަތް އަދި ތާރީޚީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމީ އަޅުގަނޑު ނުހަނު އުފާކުރާ ކަމެކެވެ. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ދެ ޤައުމުން ދޭ އަހަންމިއްޔަތުކަމަކީ ދިވެހިރާއްޖެއާއި ޤަތަރުގެ އެކުވެރިކަމަށް އެޅިފައިވާ ހަރުދަނާ ބިންގަލެއްކަން ފާހަގަކުރަމެވެ. އަދި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން އަރުވަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ޤަތަރުގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން