އެންމެންގެ ލޯބި ލިބި ޤިޔާމަތް ދުވަހު އުފާކުރަން ފުރުޞަތު ލިބޭނެ މީހަކަށްވުމަށް ޢަމަލުކުރަން އޮތް ރަސޫލާ ޞޢޥ ގެ 3 ވަޞިއްޔަތްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެންމެންގެ ލޯބި ލިބި ޤިޔާމަތް ދުވަހު އުފާކުރަން ފުރުޞަތު ލިބޭނެ މީހަކަށްވުމަށް ޢަމަލުކުރަން އޮތް ރަސޫލާ ޞޢޥ ގެ 3 ވަޞިއްޔަތްފުޅު-

އަހުރެމެން މުސްލިމުންނަށް ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ ޤުރްއާނާއި ސުންނަތުގައި ޘާބިތުވެ ޢަމަލުކުރިވަރަކުންނެވެ. ޤުރްއާނަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރިވަރަކުންނެވެ.

މުޢާޛްގެފާނު ހެޔޮ ނަޞޭޙަތަކަށް އެދިވަޑައިގަތުމުން ރަސޫލް 3 ކަމަކަށް ވަޞިއްޔަތްކުރެއްވެވިއެވެ. ފުރަތަމަކަމަކީ ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ކޮންމެ ވަޤުތެއްގައިވެސް ތިބާއާއިއެކު ﷲ ވޮޑިގެންވާކަން ހަނދުމަފުޅުކުރެއްވެވުމެވެ. (ތިބާކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމެވެ.) 

ދެވަނަ ކަމަކަށް ޙަދީޘްފުޅު ކުރެއްވެވީ ކުށެއް (ފާފައެއް) ކުރެއްވެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރެއްވެވުމަށެވެ. (ހެޔޮ ޢަމަލުގެ ސަބަބުން ނުބައި ޢަމަލުތައް ފުހެވިގެންދާނެތީއެވެ.) 

ތިންވަނަ ކަމަކަށް ޙަދީޘްފުޅު ކުރެއްވެވީ ރިވެތި ޚުލްޤްފުޅާއިއެކު މީސްތަކުންނާއި ކުރިމަތިލެއްވެވުމެވެ. ވީމާ ބައަކަށް ޒިޔާރަތްކުރާނަމަ، ބައްދަލުކުރާނަމަ އެމީހުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ގޮތަކަށް ޢަމަލުތައް ބަހައްޓާށެވެ. ތިމާއަކީ ﷲ ތަޢާލާ އާއި ގުޅިގެންވާ (ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ މީހަކުކަން) މީސްތަކުންނަށް ޢަމަލުން ދައްކައިދޭށެވެ. ރިވެތި އަޚްލާޤް އިސްކުރާށެވެ!  

ރަސޫލް ގެ ކޮންމެ ނަޞޭޙަތްފުޅަކީވެސް ވަޞިއްޔަތްފުޅަކީވެސް މީސްތަކުންނަށް އެހައިމެ ފައިދާބޮޑު ކަންކަމެވެ. މި 3 ވަޞިއްޔަތްޕުޅުގައި ހިފަހައްޓައިފި މީހަކަށް ދުނިޔެއާއި އާޚިރުތައިވެސް ބާއްޖަވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އުސްތާޛް ނޫމާން ޢަލީޚާންގެ ދަރުސަކުން

މިއަދު އޮންލައިން