ޒަވާޖީ ޙަޔާތަށް ބަލާއިރު ތިމާ އަނެކާ ދެކެ ލޯބިވާވަރަށްވުރެ ބޮޑަށް ތިމާ ދެކެ ލޯބިވާ ބައިވެރިއަކު ލިބުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނަޞީބު ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އެނަޞީބު ތިމާއާއިއެކު ދެމިއޮންނާނީ ލިބުނު ނަޞީބު ހެޔޮ ގޮތުގައި ބަލައިގަނެ އެކަމަށް އިހްމާލުނުވެ ފަރުވާތެރިވެއްޖެނަމައެވެ.
ގިނަ ފަހަރަށް ކުރިމަތިވާ މައްސަލައަކީ ތިމާ އަނެކާ ދެކެ ލޯބިވާވަރަށްވުރެ ބޮޑަށް ތިމާ ދެކެ ލޯބިވާ ބައިވެރިއަކު ލިބިއްޖެނަމަ އެއީ ޢުމުރަށް ލިބުނު މިލްކެއް ކަމަށް ބަލައި ފަރުވާކުޑަކޮށްލެވެނީއެވެ. އެހިސާބުން ކަންކަން ބަދަލުވާން ފަށައެވެ.
ދުވަސްކޮޅެއްވުމުން ތިމާ އަނެކާދެކެ ވާލޯބީގެ އަގު އަނެކާ ވަޒަން ނުކުރާކަން އިޙްޞާޞްކުރެވެން ފަށައެވެ. އެހިސާބުން ތިމާއަށް އަނެކާދެކެ އެހައި ބޮޑަށް ލޯބިނުވެވުނަސް ތިމާދެކެ ލޯބިވެ، ތިމާއަށް އަޅައިލާނެ ބައިވެރިއަކު ހޯދަން ވިސްނަން ފަށައެވެ. އަދި އެކަމުގައި ކުރިއަށް ގޮސް ކައިވެނި ރޫޅާލައި ދެވަނަ ކައިވެނިކުރެއެވެ.
ވީމާ ތިމާ އަނެކާ ދެކެ ލޯބިވާވަރަށްވުރެ ބޮޑަށް ތިމާ ދެކެ ލޯބިވާ ބައިވެރިއަކު ލިބިއްޖެނަމަ ލިބުނު ނިޢުމަތަށް ޝުކުރުކޮށް އެކަމުގެ އަގު އަދާކުރަންވާނެއެވެ. އަގު އަދާކުރުމަކީ އޭނާއަށް ހިތްހަމަޖެހޭ ވަރަށް ލޯބިދިނުމެވެ. އަޅައިލުމެވެ. އެކުގައި އުޅެން މަސައްކަތްކުރުމެވެ. ނޫންނަމަ އެކަމުގެ ހިތާމަކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ.
- އަލަފް / މިއަދުނޫހަށް