ބައެއް މީހުން އެމީހުންނާއި ބައްދަލުވާ ރީތި، ތަނަވަސް މީހުންގެ ވާހަކަ އެމީހުންގެ ބައިވެރިޔާގެ ގާތުގައި ދައްކައެވެ. އެކަންކުރަނީ އެއީ މާބޮޑު ކަމެއް ކަމަށް ދެކެގެނެއްވެސް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ.
އެފަދަ ވާހަކަތައް ބައިވެރިޔާގެ ގާތުގައި ދެއްކުމަށްފަހު އެއީ ހަމައެކަނި ބުނެލި ވާހަކައެއް ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ. ސަބަބަކީ އެއީ ހިންގޭ ވަރަށް ބޮޑު ޖަރީމާއަކަށްވެގެންދާ ކަމެވެ. އެކަމުން އަންގައިދެނީ ބައިވެރިޔާ އާއިމެދު ހިތްހަަމނުޖެހޭކަން ކަމުގައިވާތީއެވެ. އެކަމުން ބައިވެރިޔާގެ ހިތް ކަތިލެވި އުންމީދުތައް ފުނޑުފުނޑުވެގެންދާތީއެވެ.
ދެމަފިރިއެއްގެ މެދުގައި ހިނގި ކަމެއްގެ ވާހަކަ ބުނެލާނަމެވެ. ފިރިމީހާއަކީ އޭނާއަށް ފެންނަ ރީތި އަންހެނުންގެ ވާހަކަ ދޭތެރެއަކުން އަނބިމީހާގެ ގާތުގައި ދައްކާ މީހެކެވެ. އެއްދުވަހަކު އެފަދަ ވާހަކައެއް ދެއްކުމުން އަނބިމީހާ ބުނީ އޭނާގެ މަތިން ހަނދާން ނައްތާލާފައި ގޮސް ތިއަ ފެންނަ ރީތި އަންހެނަކާއި ގުޅުމަށެވެ.
އަނބިމީހާއަށް ރޮވެން ފެށުމުން ދުވަހަކުވެސް އަނބިމީހާ އާއި ވަކިނުވާނެ ކަމަށާއި އެއީ އެވިސްނުމުގައި ދެއްކި ވާހައެއް ނޫންކަމަށް ބުނެވެންވީއިރު އަނބިމީހާ އޮތީ ސޯފާއަށް ވެއްޓިފައެވެ. މޫނަށް ގުދުވެ، އަތުކުރީގައި އަތްލިއިރު ވިންދެއް ނުޖހައެވެ. އެމްބިޔުލާންސަށް ވަޤުތުން ގުޅައި ގެނެވުނުއިރު އަނބިމީހާ ވަނީ ދުނިޔެ ދޫކޮށްފައެވެ.
ވީމާ ފިރިމީހާވެސް އަދި އަނބިމިހާވެސް މިބާވަތުގެ ވާހަކަތައް ނުދައްކާށެވެ! ޚާއްޞަކޮށް އަނބިންގެ ގާތުގައި ނުދައްކާށެވެ. މިބާވަތުގެ ކަންކަމުގައި އަނބިންނަށް ކުރާނެ އަސަރު މާބޮޑުވާނެތީއެވެ. އެއީ އަނބިމިހާގެ ހިތް ކަތިލުން ފަދަ ކަމަކަށްވެގެން ހިނގައިދާނެތީއެވެ.