ފިރިމީހާ ދުރުގަ ހުރިނަމަ ނުގުޅި ހުއްދަ ނުލިބޭނަމަ ސުންނަތް ރޯދަ ނުހިފޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފިރިމީހާ ދުރުގަ ހުރިނަމަ ނުގުޅި ހުއްދަ ނުލިބޭނަމަ ސުންނަތް ރޯދަ ނުހިފޭނެތަ؟

ފިރިމީހާ ދުރުގަ ހުރިނަމަ ނުގުޅި ހުއްދަ ނުލިބޭނަމަ ސުންނަތް ރޯދަ ނުހިފޭނެތަ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް ހީކުރަމެވެ. ތިއަފަދަ ސުވާލުތައް އުފެދެނީ ބައެއް މީހުން ނުއެނގި ތިބެ ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. 

"ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭނެ ކަމަށް ބުނެވޭ ބުނުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ސުންނަތް ރޯދަހިފުމުގެ ކުރިން ފިރިމީހާގެ ރުހޭބަސް ހޯދަންޖެހުމެއް ނޫނެވެ! ވީމާ ބަހުގެ މާނަކުރަންޖެހޭނީ ކަމުގެ އަޞްލާއި އެއްގޮތަށެވެ. ޙަޤީޤަތަކީ އަނބިމީހާގެ ގާތުގައި ފިރިމީހާ ހުރިނަމަވެސް އަދި ނެތަނަމަވެސް އެއީ ނަގަންޖެހޭ ހުއްދައެއް ނޫންކަމެވެ. 

"ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭނެ" ކަމަށް ބުނެވޭ ބުނުމުގެ މާނައަކީ އަނބިމާހާ ސުންނަތް ރޯދައަކަށްހުއްޓައި ފިރިމީހާ އަނބިމީހާ އާއި ޖިމާޢުވާން ބޭނުންވެއްޖެ ނަމަ ރޯދަދޫކޮށްލައި ފިރިމީހާގެ ބޭނުން ފުއްދައިދޭން ޖެހޭނެ ވާހަކައެވެ. ސުންނަތް ރޯދައަށް ހުރި  ހުރުން ބަހަނާއަކަށް ދައްކައި ފިރިމީހާގެ ބޭނުން ފުއްދައި ނުދީ ހުރެގެން ނުވާނެކަމެވެ. 

އަނބިމީހާ ގާތު ފިރިމީހާ ނެތް ނަމަ ޢަމުދުން ސުންނަތް ރޯދަ ހިފަން ފިރިމީހާގެ އެއްވެސް ބަހެއް ބޭނުމެއް ނުވާނެއެވެ. އަދި ރުހުމެއް ކެހުމެއްވެސް ބޭނުމެއް ނުވާނެއެވެ. ދުރުގައި ހުރެގެން އަނބިމީހާ ސުންނަތް ރޯދަ ހިފަން ހުރަސް އަޅާނަމަ އެއީ ﷲ ތައާލާ ޢާއި ކުއްތަނަވުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ މީހެކެވެ. އެއީ ނުބައި ނުލަފާ މީހުންގެ ސިފައެކެވެ. އެފަދަ ފިރިންނާއިއެކު ދިރިއުޅެން މަސައްކަތްކުރުމެއްވެސް ނެތެވެ." 

ފިރިމީހާ ދުރުގައި ހުރުން ކަމަށް މާނަމިކުރަނީ ކޮންމެ ސބަބެއް މެދުވެރިވެގެން ނަމަވެސް  ދެމަފިރިން ދެރަށެއްގައި ތިބުމަށެވެ. އެއް ގެއެއްގައި އެކުގައި ދިރިނޫޅެ އަދި އެދުވަހު ބައްދަލުނުވާނެ ޙާލަތުގައި ދިރިއުޅުމަށެވެ. މިހާލަތުގައި އަނބިމީހާ ސުންނަތް ރޯދަ ހިފަން ފިރިމީހާގެ އެއްވެސް ހުއްދައެއް ބޭނުމެއް ނުވާނެއެވެ! 

ސުންނަތް ރޯދަ ހިފާމީހުންގެ ތެރޭގައި ގިނައީ އަންހެނުންކަމަށް ބެލެވެއެވެ. އެކަނބަލުންގެ ހިތްވަރުގަދަކަމުން އެކަން އެހެންމީހުންނަށް ނުވެސް އަންގަނީއެވެ. ފިރިން މަސައްކަތްކުރަންވީ ވީހައި ގިނައިން ސުންނަތް ރޯދަ ހިފަން އަނބިންނަށް ހިތްވަރު ދިނުމަށެވެ. އެހީތެރިވެ އެކަމަށް މަގުފަހިކޮށްދޭނަމަ ފިރިންނަށްވެސް އެކަމުގެ ޘަވާބު ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ 

އަދި އެއްވާހަކަ ބުނެލާނަމެވެ! ސުންނަތް ރޯދައަށް ހުއްޓައި ކިތަންމެ ގިނަ ދުވަހަކު ފިރިމީހާ އެދިގެން ރޯދަދޫކޮށްލަން ޖެހުނު ކަމުގައިވީނަމަވެސް އެކަމާއިމެދު ކަންބޮޑުނުވާށެވެ! މާޔޫސްނުވާށެވެ! ތިބާ ރޯދަހިފަން ކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ދޫކޮށްލި ސަބަބުވެސް ދެނެވޮޑިގެންވެއެވެ. ތިބާއަށް ޙައްޤު ޖަޒާ ފުރިހަމައަށް ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ! ސުންނަތް ރޯދަ ހިފުމަކީވެސް އަޅުކަމެކެވެ. ފިރިމިހާ ބޭނުންވުމުން ދޫކޮށްލުމަކީވެސް އަޅުކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން