މިއީ ބިރުހުރި ކަމެއް!: ބައެއް މީހުން މަރުވަނީ މަރުވެ ވަޅުލެވުމުންވެސް ފާފައިގެ ކޮޅަށް ބަރުވެ ޢަޛާބް އިތުރުވާނެ ގޮތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
މިއީ ބިރުހުރި ކަމެއް!: ބައެއް މީހުން މަރުވަނީ މަރުވެ ވަޅުލެވުމުންވެސް ފާފައިގެ ކޮޅަށް ބަރުވެ ޢަޛާބް އިތުރުވާނެ ގޮތަށް!: މުފްތީ މެންކް

ކޮންމެ މީހަކު ނަމަވެސް މަރުވުމުން އިތުރަށް ހެޔޮ ޢަމަލުކުރުމުގެ މަގު ބަންދުވީއެވެ. މަރުވުމުން ޘަވާބު އިތުރުވާނީ ދުނިޔޭގައި ހުރެ ދެމެހެއްޓެނިވި ބަދަޤާތެއް ކުރެވިފައިވާނަމައެވެ. ނަމަވެސް މިއަދު މިފެންނަނީ މަރުވުމުންވެސް ޢަޛާބް އިތުރުވަމުން އަންނާނެ ޢަމަލުތައް ކުރުން ޢާންމުވަމުން އަންނަތަނެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ 

މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. ހާމަ ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ޒުވާނުންތަކެއް ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ ޒުވާނަކު މަރުވީއެވެ. ސަލާމަތްވި ޒުވާނުން ބުނި ގޮތުގައި އެޒުވާނާ މަރުވުމުން އެމީހުން ވަރަށް ހިތާމަކުރިއެވެ. އެއީ އެމީހުން އެކުގައި ބޮޑުފާފައެއް ކުރެވެމުން އައިސްފައިވާތީއެވެ. 

އެ ޒުވާނާއަކީ ތަނަވަސްކަން ލިބިފައިވީ ޒުވާނެކެވެ. އެހެންކަމުން އޭނާގެ ކްރެޑިޓްކާޑުން އިޝްތިރާކު ދައްކައިގެން ބަރަހަނާ ފޮޓޯޓަކާއި ވީޑިއޯތައް ހޯދައެވެ. އަދި އެ އީމޭލްތައް ހުންނަނީ އެކުވެރިންނަށް ފޯވަޑްވާނެ ގޮތްވެސް ހަދައިފައެވެ. އެކަން ހުއްޓުނީ އޭނާ މަރުވިތާ އެތައް އަހަރެއް ފަހުންނެވެ. އިޝްތިރާކު ދެއްކި މުއްދަތު ހަމަވެގެން ނުފޮނުވަން ފެށުމުންނެވެ. 

މިވާހަކަތައް ކިޔައިދީފައި އެކުދިން އަހަރެންގާތު ކަރުނައަޅައި ރުޔެވެ! އެއީ ފާފަވެރިވާނެ ނުބައި އަމަލެއްކަމާއި އެކުވެރިޔާ މަރުވި ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ފާފަތައް އިތުރުވެދާނެތީ އެމީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. 

"އަހަރެން ބުނީމެވެ! މަރުވި އެކުވެރިޔާއަށްޓަކައި ހެޔޮދުޢާކުރާށެވެ! އެއްވެސް މީހަކު މަރުވުމުން ދެން ކަންތައް މެދުވެރިކުރައްވަވާނެ ގޮތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ތިއަ ކަމުގައި އުފާވެރި އުންމީދުތަކެއްވެސް އެބަ އޮތެވެ! އެއީ އެކުވެރިޔާ މަރުވުމުން ލިބުނު ޢިބްރަތުގައި މިއަދު ތިއަކުދިން ތިއަވަނީ އިޞްލާހްވެފައެވެ. ކުރަމުން އައި ނުބައި ފާފަކުރުން ހުއްޓާލައިފައެވެ. އެކަމުގެ ސަބަބުން އެކުވެރިޔާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެކަމަށް އުންމީދުކޮށް އެކުވެރިޔާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް ޒުވާނުންނޭވެ! މިއަދު ވިސްނައިނުލާތިބެ ސޯޝަލް މީޑިއާގައި ތިއަ ހާމްކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ ތިއަ ޒުވާނުން މަރުވުމަށްފަހުވެސް ފެންނަން ހުންނާނެ ތަކެއްޗެވެ. އެތަކެތި މީހުން ބަލާވަރަކަށް އެކަންކުރި މީހާ ދާނީ ފާފަވެރިވަމުންނެވެ. ކައްވަޅުގައި އޮންނައިރުވެސް ދާނީ އެމީހަކަށް ޢަޛާބު އިތުރުވަމުންނެވެ. 

މިއީ ކިހައި ބޮޑު ބިރުހުރިކަމެއްކަމަށް ވިސްނައި ބިރުވެތިވާށެވެ! ސޯޝަލް މީޑިއާއަށް ލެވިފައިވާނަމަ ލެވިފައިވާހައި އެފަދަ ތަކެތި އަވަހަށް ނައްތައިލާށެވެ! ތައުބާވާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރުން ގިނަކުރާށެވެ! 

އެމީޙަކީ ނަރަކަވަންތަވެރިއެއްނަމަ ކައްވަޅުގައިވެސް އެމީހަކަށް ނަރަކައިގެ ހޫނުކަން އިޙްޞާޞްކުރަން ޖެހެއެވެ. ފާފަފަތައް ގިނަވާ ވަރަކަށް އެހޫނުކަން ދާނީ އިތުރުވަމުންނެވެ. ދެން ނިކަން ބުނެބަލާށެވެ. ތިބާ އޮތީ ކައްވަޅުގައެވެ. އެކަމަކު ތިބާއަށް ކުރެވޭ ފާފަތައް  އެހެރަދަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ. އިޙްޞާޞްކުރަންޖެހޭ ނަރަކައިގެ ހޫނު ގަދަވަމުންނެވެ. 

ވީމާ ހިތަށް އެރިހައި ޢަމަލެއް ނުކުރާށެވެ! ފާފަވެރިވެދާނެ އެއްވެސް ޢަމަލެއް ނުކުރާށެވެ! އެކަމަކީ ކުށޭއް ނޫން ކަމަށްބަލައި ކުރެވޭ މިފަދަ ފާފަތަކަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭނެ ސަބަބު ކަމުގައިވިއަނުދޭށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން