ނަމާދަށް ބަލައިފިނަމަ ނަމާދުކުރުމުން ނުދެއްވަވާ ނިޢުމަތެއް ނެތެވެ. ނަމާދުގެ ކޮންމެ ރަކްއަތެއްގައި ސޫރަތުލް ފާތިޙާ ކިޔަވާއިރުވެސް އެމީހަކާއިމެދު ފަޚުރުވެރިވެ ވޮޑިގެން ﷲ ތަޢަލާ އެމީހަކަށް ބަސްވަޙީކުރައްވަވަތެވެ. އެއަށްވުރެ ބޮޑު ރަޙްމަތަކީ ކޮބައި ހެއްޔެވެ؟ އެކަމަކު މި މަތިވެރި ނިޢުމަތް ޙާޞިލްކުރެވޭނީ އެކަމަށް ފަރުވާތެރިވެ އިޚްލާޞްތެރިކަމާއިއެކު ކިޔެވުމުންނެވެ.
ކަމުގެ މުހިންމުކަން ބޮޑުކަމުން އަދިވެސް ތަކުރާރުކޮށްލާނަމެވެ. އަހަރެމެން ނަމާދުކުރާއިރު ﷲ ތަޢާލާ ދެއްވަވާ ސަމާލުކަން ނިކަން ދެކެބަލާށެވެ! އަހަރެމެން އަލްޙަމްދުކިޔައި ﷲ ތަޢާލާ މަތިވެރިކުރަންފެށުމުން ﷲ ތަޢާލާ އެކަން ފާހަގަކުރައްވަވައި ބަސްވަޙީކުރައްވަވައެވެ. ނަމަވެސް ހިތާމައަކީ އަހަރެމެން އަލްޙަމްދުކިޔާއިރުވެސް އަހަރެމެންގެ ހިތްމައްޗަށް އަހަރެމެންނަށް ކިޔޭ އެއްޗެތީގެ މާނަ ވެސް ނުގެނެވޭކަމެވެ.
ވީމާ ނަމާދަކަށް ނަމާދެއް ކުރުމުގެ ބަދަލުގައި ކުރާ ކޮންމެ ނަމާދެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރަން މަސައްކަތްކުރާށެވެ! ކުރާ ކޮންމެ ނަމާދަކުންވެސް ތިމާގެ ހުރިހާ ފާފަތަކެއް ފުހެލަން މަސައްކަތްކުރާށެވެ! ފަހުން ފުރިހަމައަށް ކުރަން ނުބަހައްޓާށެވެ! ފަސް ނައިސް މަރުވެދާނެކަމަށް ބިރުވެތިވާށެވެ! އެއިރުން ހުރިހާ ފުރުޞަތުތަކެއް ގެއްލިގެންދިއައީއެވެ! އެއަށްވުރެ ވަކިން ބޮޑު ހިތާމައެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ!
ނަމާދަކީ އާދައިގެ އަޅުކަމެއް ކަމަށް ހީނުކުރާށެވެ! އެހެނީ ކޮންމެ ނަމާދަކުން އެމީހާގެ ހުރިހާ ފާފައެއް ފުހެލުމުގެ ފުރުޞަތު އޮތްކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ވީމާ ނަމާދަށް ފަރުވާތެރިވާށެވެ!
ޙަދީޘްފުޅުން އެނގެން އޮތީ ކުރާ ކޮންމެ ނަމާދަކުންވެސް މިމަތިވެރި ނިޢްމަތް ލިބިގަނެވެން އެބައޮތްކަމެވެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދުންވެސްމެއެވެ. ވީމާ މިކަމުން އެނގިގެންމިދަނީ ކޮންމެ ނަމާދެއްކުރި ނަމަވެސް އެ ނަމާދެއް ވީހައި ފުރިހަމައަށް ކުރުމަށް ސަމާލުކަންދޭންޖެހޭނެ މިންވަރެވެ.
އެމީހާގެ ހުރިހާ ފާފަތަކެއް ފުހެވިގެންދިއުމަކީ އެމީހަކު އަލުން ދުނިޔެއަށް އުފަންވުން ފަދަ ކަމެކެވެ. އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތެވެ. އެހެން ނަމަވެސް ހިތާމައަކީ ނަމާދުގައި ޚުޝޫޢަތްތެރިނުވެވި ނަމާދުން ލިބެން އޮތް އެ މަތިވެރި ޘަވާބު ޙާޞިލުނުކުރެވޭ ކަމެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން