ތިމާއަށް ބައިވެރިޔާ ފޯރުކޮށްދޭ މާލީ ތަނަވަސްކަން ބައެއް މީހުން އެކުވެރިންނަށް އިޝްތިހާރުކުރެއެވެ. އެގޮތުން ގެއަށް އަގުބޮޑު ފަރުނީޗަރު ހޯދިނަމަވެސް އަދި އަގުބޮޑު ހަދިޔާއެއް ދިނަނަމަވެސް އެކަންވެސް އެބަ އިޝްތިހާރުކުރެއެވެ.
އެކަން އެމީހުން ކުރަނީ މާބޮޑު މާނައެއް ލައިގެން ކަމަށްނުވި ނަމަވެސް އެއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. އެއީ ވަރަށް ބޮޑު ކުށެކެވެ. އެކަން އެހައި ނުބައި ކަމަކަށްވާ ސަބަބުތައް ބައިވަރެވެ.
ފުރަތަމަ ސަބަބަކީ ހުރިހާ ފިރިންގެ ތަނަވަސްކަން އެއްވަރެއް ނުވާނެއެވެ. ވީމާ ކަންކަން ކޮށްދެވޭނީ އެއް ފެންވަރަކު ނޫނެވެ. އެކަން އެނގޭއިރުވެސް މިދެވޭ މެސެޖަކީ ތިމާގެ ފިރިމީހާ ތިމާދެކެ މާބޮޑަށް ލޯބިވާ ކަމުގެ މެސެޖެވެ.
ދެވަނަ ސަބަބަކީ ކެތްތެރިކަން ހުރިނަމަވެސް ކޮންމެ މީހަކީވެސް ތަނަވަސްކަމަށް ބޭނުންވާނެ މީހެކެވެ. ވީމާ އެގޮތަށް ކަންތައް ކުރުމުން އެކުވެރިންގެ ހިތުގައި އެމީހުންގެ ފިރިންގެ މައްޗަށް ޝަކުވާތައް އުފެދެއެވެ. ތަނަވަސްކަން ކުޑަ ފިރިމީހާ އާއި ވަކިވެ ތަނަވަސްކަން ހުންނަ މީހަކާއި ގުޅުމުގެ ޝައުޤޫވެރިކަން އުފެދެއެވެ.
ތިންވަނަމަ ކަމަކީ އެކަމަކީ ދެއްކުންތެރިކަމެވެ. އެއީ ވަރަށް ނުބައި ސިފައެކެވެ. މުސްލިމުންނަށް އެއީ ޙަރާމް ކަމެކެވެ. ސުވަރުގެ ނުވައްދަވައިފާނެ ކަމުގެ ބިރު އޮތް ބޮޑު ފާފައެކެވެ. އެފަދަ މީހަކާއި އެކުވެރިކަން ބޭއްވުމަކީ އެކަމުގެ ނުރަނގަޅު އަސަރު ތިމާއަށްވެސް ކޮށްފާނެ ކަމެކެވެ.
ހަމައެކަނި މި 3 ސަބަބަށް ބެލިނަމަވެސް މިބުނި ޒާތުގެ މީހުންނާއި އެކުވެރިކަން ބާއްވާނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެކަން ވިސްނޭނެއެވެ. އެކަމުގެ ނޭދެވޭ އަސަރު ތިމާގެ ދިރިއުޅުމަށް ކޮސްފާނެކަން ވިސްނޭނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުންނާއިއެކުވެރިކަން ނުބޭއްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން