ކައްވަޅުގަ އެ ބިރުވެރި، ސިފަހުތުރުކަންބޮޑު މީހާއާ ބައްދަލުކުރަން ޖެހިއްޖެ ހަމައެކަކަށްވެސް އެމީހާގެ ކިބައިން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކައްވަޅުގަ އެ ބިރުވެރި، ސިފަހުތުރުކަންބޮޑު މީހާއާ ބައްދަލުކުރަން ޖެހިއްޖެ ހަމައެކަކަށްވެސް އެމީހާގެ ކިބައިން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ!

ކައްވަޅުގެ ޢަޛާބުގެ ވާހަކަ އަޑުއަހަންވެސް ބޭނުން ނުވާ މީހުން ވަރަށް ގިނައެވެ. ނަމަވެސް އެއީ އަޑުނުއަހައި ވާންއޮތް ވާހަކައެއް ނޫނެވެ. އެހެނީ އެވާހަކަތައް ގުޅިފައިވަނީ ޤިޔާމަތް ދުވަހު ތިމާއަށް ކުރިމަތިވާނެ ޙާލަތާއިއެވެ.

ކާފިރުން މަރުމުން ވަޅުލެވި ސުވާލުކުރެވި އެކަންކަމުގެ މަރުޙަލާ ނިމިގެން ދިއުމުން އެމީހުންގެ މަހާނައިން ނަރަކައަށް ދޮރެއް ނުވަތަ މަގެއް ހުޅުވިގެންދާނެއެވެ. އެވަގުތު އެމީހާގެ ގާތަށް މީހަކު އަންނާނެއެވެ. އެއީ އިންސާނަކަށް ފެންނާނެ އެންމެ ސިފަހުތުރު ސޫރައިގައި ހުންނާނެ މީހެކެވެ. ގައިގެ ފޭރާމުންވެސް ދުވާކުނިވަހުން ވެސް ނޯށް ދަމައިލަން ނުކެރޭނެއެވެ.  

އެމީހާ ބުނާނެއެވެ. ކަލެއަށް ހުރީ އުފާވެރިކަމުގެ ޚަބަރުތަކެވެ. ނަމަވެސް ކޮންކަންކަމަކުންކަން އެނގޭ ހެއްޔެވެ؟ އެމީހާއަށް ކައްވަޅުގައި ލިބޭނެ ގަދަ ފަދަ ޢަޛާބުގެއެވެ. ކުރިމަތިވާނެ މުޞީބާތްތަކުގެއެވެ. ލިބޭނެ ހިތްދަތިކަމާއި އަނިޔާތަކުގެއެވެ.  

އެމީހާ ބުނާނެއެވެ. މިކަންކަން ކަލޭ ދުނިޔޭގައި ޤަބޫލުނުކުރީއެވެ! ކޮންމެ ދުވަހަކުހެން ލިބެމުންދިއަ އިންޒާރުތަކުގެ އަޑު ނުއެހީއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް ކަލޭ ޤަބޫލުނުކުރީއެވެ! ރަސޫލް () ގެ ޙަދީޘްފުޅުތައް ކަލޭ ޤަބޫލުނުކުރީއެވެ. ހުކުރު ޚުޠުބާތަކާއި ދީނީ ދަރުސްތައް ކަލޭ ޤަބޫލުނުކުރީއެވެ. މަރުވާނެ ކަމާއި ސުވާލުކުރެވޭނެ ކަމާއި މިދުވަސް އަންނާނެކަން ކަލޭ ޤަބޫލުނުކުރީއެވެ. އެކަމުގެ އަގު މިއަދު ކަލޭއަދާކުރާށެވެ!  

އެހިނދު އެމީހަކީ ކާކުތޯ އޭނާ ސުވާލުކުރުމުން އެމީހާ ޖަވާބުގައި ބުނާނެއެވެ. އަހަރެންނަކީ ކަލޭ ދުނިޔޭގައި ހުރެ ކުރި ނުބައި އަމަލުތަކެވެ. ކަލޭކުރި ނުބައި އަމަލު ތަކަށް ﷲ ތަޢާލާ މިއަދު މިސޫރަ ދެއްވަވާފައިމިވަނީ ކަލޭކުރި ނުބައި އަމަލުތައް ޤިޔާމަތާއިހަމައަށް ކލެއާއިއެކުގައިވެ ކަލެއަށް ގަދަ ފަދަ ޢުޤޫބާތް ދެއްވެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. 

ކައްވަޅުން އެބިރުވެރި މީހާ ބައްދަލުކޮށްފި ހަމައެކަކަށްވެސް އެމީހާގެ ކިބައިން ސަލާމަތެއް ނުވެވޭނެއެވެ. ޤިޔާމަތާއި ހަމައަށްވެސް ޖެހޭނީ އެމީހަކާއިއެކުގައިވާށެވެ!  

އެހިސާބުން އެމީހާ ﷲ ތަޢާލާއަށް ދުޢާކުރަން ފަށާނެއެވެ! ދުވަހަކުވެސް ޤިޔާމަތް ނުވުން އެދިއެވެ. އެއީ ޤިޔާމަތް ދުވަހު އޭނާއަށް ދެއްވަވާނެ ޢަޛާބު އޭނާއަށް ކައްވަޅުގައި ދެއްވަވާ ޢަޛާބަށްވުރެ އެތައް މިލިއަން ގުނައަކަށް އިތުރުވެގެންދާނެކަން އޭނާއަށް އެނގޭތީއެވެ. އަދި ޢަޛާބު ދާނީ ދުވަހެއް ދުވަހެއް ދުވަހަކަށް ގަދަފަދަވެ އިތުރުވަމުންކަންވެސް އެނގޭތީއެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި މިއަދު މިކަންކަމަށް ޣާފިލުވެ ފާފަތައްކުރަމުން ދުވަސްތައް ވޭތިކުރަމުން ގެންދާއިރު މަރުވުމުން ކުރިމަތިވާނެ އެއްވެސް ކަމަކުން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެއެވެ! ގަދަފަދަ ޢަޖާބުން ސަލާމަތްވުން އޮތީ މިއަދު އެކަމަށްކުރި މަސައްކަތަކުންނެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ! 

- ޝައިޚް ޢަހްމަދު ޢަލީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން