ކައުންސިލްތަކުގެ މައްސަލަތައް ކެބިނެޓަށް ގެނައުމަށް މިހާރުގެ ސަރުކާރުން މަގުފަހިކޮށްދީފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ރޭ ބޭއްވުނު ކަންގަތި އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ކުރީގެ ސަރުކާރުތަކުގައި ކައުންސިލްތަކާއި މައި ސަރުކާރާ ދެމެދު ގުޅުން ކުޑަކަމަށް ޝަކުވާ އުފުލާފައިވާކަން ފާހަގަކުރެއްވި ވަޒީރު، ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ގުޅުން ބަދަހިކޮށް، އެކަމަށް ޚާއްޞަ ވުޒާރާއެއް އުފައްދާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކައުންސިލްތަކަށް ސަރުކާރާ ގުޅުން ބަދަހިކުރުމަށް ފަސޭހަވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަންގަތި އެވޯޑަކީ ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްއިން އެންމެ މަތީ ވަނަ ހާސިލްކުރާ ކައުންސިލްތަކަށް ދެމުން އަންނަ އެވޯޑެކެވެ. 2023 ވަނަ އަހަރުގެ ކަންގަތި އެވޯޑުގައި އަތޮޅު ކައުންސިލްތަކުން 1 ވަނައަށް ހޮވުނީ ލ. އަތޮޅު ކައުންސިލެވެ. އަދި ރަށު ކައުންސިލްތަކުން 1 ވަނައަށް ހޮވުނީ އއ. ބޮޑުފުޅުދޫ ކައުންސިލެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ މައްސަލަތައް ސީދާ ކެބިނެޓަށް ގެނައުމުގެ މަގު މިހާރު ފަހިވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.