ދެމީހުންކުރެ ކޮންމެ މީހެއްގެ ސަބަބުން ނަމަވެސް ޒަވާޖީ ޙަޔާތް ނިމުމަކަށް އަތުވެއްޖެނަމަ އެކަން އެހިސާބުން ނިންމައިލާށެވެ! އަނެކާކުރި ކުށާއިމެދު ވިސްނުމަށާއި ފެންނަހައި މީހެއްގެ ގާތުގައި އެވާހަކަދައްކަން ވަޤުތު ހޭދަނުކުރާށެވެ!
އެއިގެ ބަދަލުގައި ދިރިއުޅުމާއިގެން ދެން ކުރިއަށްދާނެ ގޮތްތަކަށް ވިސްނާށެވެ! އެކަންކަމަށް ވިސްނަން ވަޤުތު ބޭނުންވާނެއެވެ. ވީމާ އަވަސްއަރުވާލައިގެން ކަންކަން ނުނިންމާށެވެ.
ނުބައިކޮށް ކަންކަންކުރިމީހާ ބަލިކޮށް ދެރަކޮށްލަން އެންމެ ފަސޭހަވާނެ ގޮތަކީ އޭނާގެ ވާހަކަ އެއްގޮތަކަށްވެސް ނުދެއްކުމެވެ. އޭނާ ކުރިކަންތަކަށް ތިބާ ކަންބޮޑުނުވިކަން އޭނާއަށް ވިސްނުމަށްވުރެ ވަރުގަދަ ޙަމަލާއެއް ނުދެވޭނެއެވެ. އޭނާ އެންމެ ބޮޑަށް ދެރަވާނީވެސް، ހިތުގައި ޖެހޭނީވެސް އަދި މާޔޫސްވާނީވެސް އެއިރުން ކަމަށްވާތީއެވެ.
އެއިގެ ބަދަލުގައި އެވާހަކަ ދައްކަމުން ތިބާ ހިނގާނަމަ އޭނާއަށް ވިސްނޭނީ އޭނާކުރި ކަންތަކުން، ދިން ދެރައިން ތިބާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމެވެ. އޭނާ ދާނީ އެކަމަސް އުފާކުރަމުންނެވެ.
ފިރިމީހާގެ ކިބައިން ވަރަށް ބޮޑެތި އަނިޔާތަކާއި ހިތްދަތިކަން ލިބެމުން އައި އަންހެނަކު ވަރިކުރުމުން އޭނާގެ ފޭސްބުކްގައި ޖެހީ ކީކޭކަން އެނގޭ ހެއްޔެވެ؟ "މާއުފާވެރި ޙަޔާތެއް ހޯދަން ފުރުޞަތު ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ" މިފަދައިންނެވެ. އެކަމާއި ގުޅިގްން ސުވާލުކުރި އެއްވެސް މީހަކަށް އޭނާ ޖަވާބުވެސް ނުދެއެވެ. ދުވަސްކޮޅެއްފަހުން ފެނުނީ ދެވަނަ ކައިވެނިކޮށް އުފަލުގައި ދިރިއުޅެންފެށި ތަނެވެ. ގިނަ ބައަކަށް އެކަމުން ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ޚާއްޞަކޮށް އޭނާއަށް އަނިޔާވެރިވި ކުޜިގެ ފިރިމީހާއަށެވެ.
އަހުރެން ބުނާނީ އޭނާ ކަންތައް އެކުރީ އަހުރެން ކުރިން މިބުނި މަގުން ކަމަށެވެ. އަދި ކަންތައް ކުރަން އެންމެ ފައިޑާހުރި ގޮތަކީވެސް އެއީ ކަމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން