ފުރަތަމަވެސް ވިސްނާލަން އޮތް ކަމަކީ އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރިނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެކަމެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުޑޭން ދުނިޔޭގެ އެންމެން މަސައްކަތްކުރިނަމަވެސް އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާގެ ވާގިފުޅުންނެވެ. އެކަމުން އެނގިގެންދާ އެއްކަމަކީ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނުވާކަމެވެ.
އަހުރެމެން ﷲ ތަޢަލާގެ ދީނަށް ނަޞްރުދޭން މަސައްކަތްކުރަންވީ އަހުރެމެންނަށްޓަކައެވެ. އަހުރެމެންނަށް ﷲ ތަޢާލާގެ ރިހިވޮޑިގަތުން ބޭނުންވާތީއެވެ. ޘަވާބު ބޭނުންވަތީއެވެ.
ﷲ ތަޢާލާއަށް ނަޞްރުދޭ އަޅުންނަށް ﷲ ތަޢާލާ ނަޞްރުދެއްވަވާނެތެވެ! އެއީ ހަމަ ޔަޤީންކަމެކެވެ. ވީމާ ދުނިޔޭގައިވެސް ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން އެދޭމީހާ ﷲ ތަޢާލާއަށް ނަޞްރުދޭށެވެ! ޤިޔާމަތް ދުވަހު ނަޞްރާއި ކާމިޔާބު އެދޭމީހާވެސްމެއެވެ.
ގިނަބައަކު މިއަދު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހަކު ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާއެވެ. ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭކަމުގެ ޝަކުވާއެވެ. ހިތްހަމަޖެހުން ނުލިބޭކަމުގެ ޝަކުވާއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ނަޞްރުދޭށެވެ! އެއިރުން ތިބާ އެދޭކަންކަމަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ!
ﷲ ތަޢާލާގެ ދީނަށް ނުވަތަ ﷲ ތަޢާލާއަށް ނަޞްރު ދޭން ގޮވައިލެވޭ އަޑު އެއީ ކޮންމެ ދުވަހަކު އެންމެ ގިނައިން އިވޭ އެއް އަޑެވެ. ނަމަވެސް އެއަޑާއިމެދު ވިސްނެނީ ކިހައިވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟
ކުރިންވެސް ބުނިފދައިން ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް ނަޞްރު ދޭން ބުނަނީ އެއްވެސް ޙާލެއްގައި މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެއްވެސް ނަޞްރަކަށް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. ﷲ ތަޢާލާއީ ހުރިހާ ކަންކަމުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް ނަޞްރުދޭށެވެ ބުނެވޭ ބަހުގެ މާނައަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާ އަންގަވާފައިވާ ޢަމަލުތައް ކުރުމުގައި ދެމިހުރުމެވެ. ނަހީކުރެއްވެވި ހުރިހާ ކަންކަމުން ދުރުރުހެލިވެހުރުމެވެ. އެންމެ ކުރުކޮށް ބުނާނަމަ ހުރިހާ ކަންކަމުގައިވެސް ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން