އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް ކޯފާއިސްކުރައްވައިގެން ހުންނަވައި އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއް ނުކުރައްވަވައެވެ. އަދި އިތުރުއެކަލޭގެފާނަށް ނުބައިކޮށް ކަންތައްކުރި ހަމަ އެކަކަށްވެސް އެމީހަކު ކަންތައްކުރި ގޮތަށް ކަންތައް ކުރައްވަވާފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކަށް މާފުކުރެއްވެވީއެވެ.
މިބުނަނީ ތިބާގެ މޫނުގެ އެއްފަޅީގައި މީހަކު ޖެހުމުން ޖަހަން އަނެއްފަޅި ދޭކަށް ނޫނެވެ. އެމީހަކު ކުރަން ބޭނުންވާހައި ކަމެއް ކުރަން ފުރުޞަތު ދިނުމަކަށްވެސް ނޫނެވެ. ނަމަވެސް އޭނާ ކަންތައް ކުރި ގޮތަށް ތިބާ އޭނާއާއިމެދު ކަންތައް ނުކުރުމަށެވެ.
އެންމެ ކާމިޔާބު މީހުންނަކީ ތިމާ ދިފާޢުކޮށްދޭ ހަތިޔާރަކީ ތިމާގެ ރިވެތި އަޚަލާޤް ކަމުގައި ހަދާ މީހުންނެވެ. އަނެކާ ހަޑިހުތުރު ބަހުރުވައިން މުޢާމަލާތުކުރިނަމަވެސް އޭނާއާއިވެސް ހަމަ އެންމެ ރިވެތި ބަހުރުވައިން މުޢާމަލާތުކުރާ މީހުންނެވެ.
މީހަކު ނުބައިކަމެއް ކޮށްފިނަމަ ބަދަލުގައި އޭނާއަށް ހެޔޮކަމެއް ކޮށްދޭން ބުނެވޭ ބަހުގެ މާނައަކީ އޭނާކުރި ނުބައި ކަންތަކަށް ރުހުމެއް ނޫނެވެ. ރިވެތި ގޮތުގައި މުޢާމަލާތުކޮށް އޭނާކުރި ކުށް އޭނާއަށް އަންގައިދިނުމެވެ. އޭނާއަށް ކުރެވުނީ ކުށެއްކަން އޭނާއަށް ވިސްނައިދިނުމެވެ. އެކަންކަން ކުރެވޭނީ އޭނާއަށް ހެޔޮކޮށް ހިތައިގެން ކަމަށްވާތީއެވެ.
އެންމެ މުހިންމު އެއްކަމަކީ ތިމާއާއިމެދު ނުބައިކޮށް ކަންކަންކުރާ މީހުންގެ ބަދަލުނުހިފުމެވެ. އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލާށެވެ. ﷲ ތަޢާލާ އެކަން ނިންމަވާނީ އެންމެ ރަނގަޅަށްކަން ޔަޤީންކުރާށެވެ. ބަދަލު މާފުރިހަމައަށް ހިފިގެން އަންނަތަން ފެންނާނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން