ކޮންމެ ކަމަކަށް ހުވާކުރުމެއް ނެތް! ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހުވާކުރުމާ ދޮގުހެކިދިނުމަކީ އެންމެ ބޮޑެތިފާފަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ކޮންމެ ކަމަކަށް ހުވާކުރުމެއް ނެތް! ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހުވާކުރުމާ ދޮގުހެކިދިނުމަކީ އެންމެ ބޮޑެތިފާފަތައް!

އާދަމްގެފާނަށް ސުވަރުގެ ދޫކުރައްވަވައި ބިމަށް ފައިބާ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކުރެއްވެވުނު ހަމަ އެންމެ ފާފައަކާއި ގުޅިގެންނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެ އަމަލެއް ކުރެއްވެވިގެންނެވެ. އެގަހަކާއި ކައިރިވެވަޑައި ނުގަތުމަށް އަމުރުފުޅުކުރެއްވެވި އެންމެގަހަކުން ފަރިއްކުޅުއްވެވުމުންނެވެ. 

ސުވާލަކީ އާދަމްގެފާނަށް އެފަދަ ބޮޑު ކުށެއް އެހައި ފަސާހައިން ކުރެއްވެވުނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި އެކަމުގައި މެދުވެރިވި ސަބަބަކީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން އެއްވެސް މީހަކު އެއްވެސް މިނަވަރެއްގެ ދޮގެއް ބުނެފާނެ ކަމަށް އާދަމްގެފާނަށް އެއްވެސް ވަރަކަށް ޤަބޫލުފުޅު ކުރެއްވެވިފައިނެތުމެވެ. އެފަދަ ނުބައި އަމަލެއް އެއްވެސް މީހަކު ކޮށްފާނެ ކަމަށް ހިތްޕުޅަށްވެސް ނާރާކަމެވެ. 

ފުރަތަމަ ކަމަކީ ދޮގުހެދުމަކީ ބޮޑުފާފައެކެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. މިއަދު ދޮގުހަދައި އެދޮގަކީ ތެދުކަން ދެއްކުމުގެ ގޮތުން ﷲ ތަޢާލާ ގަންދީ އެބަ ހުވާވެސް ކުރެއެވެ. މިކުރެވެނީ ކިހައި ބޮޑު ފާފައެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ. ބިރެއްވެސް ނުގަނެއެވެ. ހުވާކޮށްފައި ދޮގުހެކިދޭ މީހުންވެސް އެކަންކުރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުން މިއަދު ވާހަކަދައްކާއިރު ބުނާކޮންމެ ބަހެއްގެ ކުރިއަށް ﷲ ތަޢާލާގެ ނަންފުޅު އެބަ ބޭނުންކުރެއެވެ! ﷲ ގަންދީ ކަމަށްބުނެ ބޮޑެތި ދޮގުތައް ހަދަން އެއްވެސް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ހީވަނީ ދުލުންބުނެލާ އެންމެ އާދައިގެ ބަހެއް ބުނެލާހެންނެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ނަންފުޅުތަކަކީ އެންމެ މަތިވެރި ނަންފުޅުތަކެވެ. އޮނަސައްތަ އިސްމްފުޅުގައިވާ 99 ނަންފުޅުގެ ތެރެއިންވެސް ﷲ އަށްވުރެ މަތިވެރި އެއްވެސް ނަންފުޅެއް ނުވެއެވެ. އެފަދަ މަތިވެރިކަންބޮޑު ނަންފުޅެއް ބޭނުންކޮށްގެން ދޮގުބަސްތައް ނުބުނާށެވެ! ދޮގުހުވާތައް ނުކުރާށެވެ! ﷲ ތަޢާލާ އިބިލީހަށް ލަޢްނަތް ލެއްވެވިފަދައިން ހަމަ ތިމާއަށްވެސް ލަޢްނަތް ލައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! 

ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހުވާކުރާއިއރު ވިސްނައިލާށެވެ! ތިބާހަދާ ބޮޑު ދޮގު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާއަށް ބޮޑުވެގެންވާ ކޯފާއެއް ލައްވަވައިފާނެކަމަށް ބިރުވެތިވާށެވެ! ތިބާ އެދޭ އެއްވެސް ކަމެއް ޙާޞިލުނުވެ ދުނިޔޭގެ ޙަޔާތްވޭތިކުރަންޖެހި އަދި އާޚިރަތުގައިވެސް އެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން