ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ޝުކުރުވެރިވުމުގެ ބަދަލުގައި މަކަރުހަދަން އުޅޭ މީހުން އެބައުޅެއެވެ. އެމީހުން ކުރާ އެއްކަމަކީ ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން ޞަދަޤާތް ކުރަން ބޭނުންނުވާތީ އެމީހުން ހަދާ ގޮތަކީ އެމީހުންގެ ތަނަވަސްކަން ދަރިންގެ ނަމަށް ބަދަލުކޮށްލަނީއެވެ. އެމީހުން ހީކުރަނީ އެމީހުންގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންނުވާ ކަމަށެވެ. އަހުރެންގެ މިރޭގެ ވާހަކަކޮޅު ބޮޑަށް އަމާޒުމިކުރަނީ އެފަދަ މީހުންނަށެވެ.
ދުނިޔެއިން ބޭނުންވާ ކަމަކަށް އެދި ކުޑަ ވަޤުތުކޮޅަކު މަޑުކޮށްލަން ޖެހުން މިއޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ކެތްތެރިކަން ކޮޅުންލައި ތެޅި ނުގަނެ ހުރެވެނީއެއް ނޫނެވެ. އެހެންކަމަށްވާއިރު ތިމާއަށް އޮތީ ނަރަކަކަން ނުވަތަ ސުވަރުގެކަން ނުއެނގި ދޭތެރޭ މެދުގައި 500 އަހަރު މަޑުކުރަން ޖެހުމަކީ ކިހައި ވަރެއްގެ ބޮޑު ބުރައަކަށްވާނެކަން ނިކަން އިޙްޞާޞްކޮށްލައިބަލާށެވެ.
ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް ވީހައި ގިނަ ހެޔޮ އަމަލުތަކަށް ބޭނުންވާނެ މީހެކެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް އެދޭނެ މީހެކެވެ. އެމީހުން ބޭނުންވާހައި ކަންކަން ފުދި އިތުރުވެގެން ދުނިޔޭގައި މިއުޅޭ ބޮޑެތި ބިލިއަނަރުންތަކާއި މިލިއަނަރުންތައް ވެސް އެދުވަހު ތިބޭނީ ހަމަ ޒައްރެއްގެ މިންވަރުގެ ވެސް ހެޔޮ ޢަމަލެއް ލިބުމުގެ އުންމީދުގައެވެ! އެކމަށް ދަހިވެތިވެގެންނެވެ.
މިފަދަ ޙާލެއްގައި ތިއްބައި މިފެންނަނީ ދުނިޔޭގައި ވަރަށް ފަޤީރު ޙާލުގައި އުޅުނު ނިކަމެތި މީހުން، އެމީހުން ކުރި ޞަދަޤާތުގެ ފުނިވަރުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ބަހައްޓާފައި ނަރަކައަށް ހަނާއަޅަމުން ނުވަތަ "ޓާޓާ"ކިޔަމުން ކިޔަމުން ބާރު ސްޕީޑްގައި ސުވަރުގެ ވަދެގެންދާތަނެވެ.
އަޅެ ނިކަން ބުނެބަލާށެވެ!
ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކައިލާނެ އެތިކޮޅަކަށް އެދި ސަލާންޖެހި މީހުން ހެވިދިލިފަ ތިބެގެން އެތިބަ ސުވަރުގެ ވަންނަނީއެވެ. ތަނަވަސްކަން ދެއްވެވި މީހާއަށް ހުންނަން މިޖެހެނީ ވާނުވާވެސް ނުއެނގޭ ހާލަގައެވެ. ނަރަކައަށް ދާންޖެހިއްޖެ ނަމަ ހުރި ގަދަފަދަ ޢަޛާބު ލޮލަށް މިހާރުވެސް އެހެރަ ދައްކަވަނީއެވެ. ދުނިޔޭގައި ﷲ ތަޢާލާ އޭނާއަށް ދެއްވެވި ބިލިންތަކުން އިތުރަށް ކުޑަމިންވަރެއް ހޭދަކުރެވުނު ނަމަވެސް ސުވަރުގެ ސުވަރުގެ ވަންނަންވީއެވެ. ވީއިރު އެ ބޮޑު ބިލިއަނަރުގެ ހިތަށް އެދުވަހު ކުރާނެ އަސަރު އިޙްޞާބްކޮށްލާށެވެ! ފައިދާއެއް ކުރާނީ އިޙްޞާޞް ކުރެވުނު ނަމައެވެ.
ވީމާ މަރުމަތީގަ ޞަދަޤާތްކުރަން އެހެން މީހުންނަށް ވަޞިއްޔަތްކުރާމީހަކަށްވާން މަޑުނުކުރާށެވެ! އެ ފުރުޞަތު ނުލިބި މަރުވެސް ވެދާނެއެވެ! ވީމާ ގައިގައި ބާރުހުރެ، ސަލާމަތް ޞިއްޙަތުގައި ހުރެ ޞަދަޤާތްކޮށް ނިންމައިލާށެވެ! އެންމެ އިތުރުކަން ބޮޑީ އެމީހާގެ އަތުން ސިއްރިޔާތުގައި ކުރާ ޞަދަޤާތެވެ!
ޞަދަޤާތް ކުރަންވީ ޒުވާން ޢުމުރުގައެވެ. ސަލާމަތް ޞިއްޙަތުގައި ހުރެއެވެ. އެހެނީ އުމުރުން ދުވަސްވެ ބަލިޙާލުގައި ޖެހުމުން ތިބާގެ އަތުން އޮންނާނީ ޞަދަޤާތް ނުކުރެވިފައެވެ. ޞަދަޤާތް ކުރަން ވެސް އޮންނާނީ އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ޖެހިފައެވެ. އެކަން ފުރިހަމަވެގެންދާ މިންވަރުވެސް އޮންނާނީ ޔަޤީން ނުކުރެވިފައެވެ.
މީހަކު ކަމަކަށް އެދުމުން އެމީހާގެ ބޭނުން ފުއްދައިދީފިނަމަ ތިމާއަށް ދަތިވެދާނެކަން އެނގިހުރެވެސް ޞަދަޤާތްކުރާށެވެ! އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށްވުރެ އިސްކަން އެދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގައި ތިބާއަށް ހުރި ދަތިތައްވެސް ފިލައިގެންދާނެއެވެ! އަދި ތިބާ ވާނީ އާޚިރަތުގައިވެސް ބާއްޖަވެރިއަކަށެވެ!
ބަލަންވީ ޞަހާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ! ގެކޮޅުތަކުގައި ތުއްޕުޅު ބޭފުޅުންނަށް ދެއްވަވަން ހުރި އެންމެ ފަހަރެއްގެ ފުރާޤުވެސް ޞަދަޤާތް ކުރެއްވެވިއެވެ. އެބޭކަލުން ހުރިހާ ސަމާލުކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ! އަހަރެމެން މިއަދު ފަސް މިޖެހެނީ ކީއްވެގެން ހެއްޔެވެ؟
ދެން ބުނެލަން އޮތީ ޞަދަޤާތް ކުރަން ބޭނުންނުވާ މީހުން ކަންކަން އޮޅުވާލަން ކުރާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެމީހުންގެ ނިޔަތްވެސް ދެނެވޮޑިގެންވެއެވެ. އެމީހަކު ކުރި ކަންކަމަށް ޒިންމާވެ ހިތާމަކުރަންޖެހޭނެ މީހަކަށް ވެއްޖެނަމަ ކުރިމަތިވާނެ ނިކަމެތި ޙާލަތަށް ބިރުވެތިވާށެވެ!
ތަނަވަސްކަން ހުރިނަމަ ދަރިންނަށް ފޯރުކޮށްދިނުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ދަހިވެިކަން ބޮޑުވެ ނުބައި ނިޔަތުގައި އެކަންކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން