ބަހާތަނަށް ބަލައިދާންޖެހޭ ވަޤުތު ބަލައިނުދާ މީހުންނަށް ތަނަވަސްކަން ލިބޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ބަހާތަނަށް ބަލައިދާންޖެހޭ ވަޤުތު ބަލައިނުދާ މީހުންނަށް ތަނަވަސްކަން ލިބޭނީ ކިހިނެއްތަ؟

ގިނަ ބައަކަށް އުޅެންޖެހިފައިވަނީ ވަރަށް ދަތިޙާލުގައެވެ. އެކަމަކުވެސް އެޙާލަތުން އަރައިގަތުމަށް ކުރަން އޮތް އެންމެ ޔަޤީންކަން ބޮޑު ޢަމަލު ކުރެވެނީ ހާދަމަދު މީހަކަށެވެ. ވީމާ އިތުރަށް ވިސްނައިލުން ކީއްހެއްޔެވެ؟

ދުނިޔޭގައި އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރެވޭކަމުގެ ހިތްހަމަ ޖެހުން ލިބިގެން އުޅެވެނީ ވަރަށް މަދު ބައަކަށެވެ. ގިނަ މީހުންނަށް ދިރިއުޅެންޖެހިފައިވަނީ ކޮންމެހެން ފުއްދަން ޖެހޭ ބޭނުންތައްވެސް ނުފުއްދޭފަދަ ދަތި ޙާލަތުގައެވެ. 

އެހެންކަމާއިއެކުގައިވެސް ތިމާގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެ ދުވަހަކުވެސް ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރަނީ ހާދަ މަދުމީހެކެވެ. މިބުނަނީ ކޮންކަމެއްގެ ވާހަކަކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް ބުނެލާނަމެވެ. މިދައްކަނީ ފަތިސްނަމާދުގެ ވާހަކައެވެ. 

މުސްލިމުންނަށް ދުވަސް ފަށަން އޮތީ އޮފީހަށް ގަޑިނުޖެހިދިއުމަކުންނޫނެވެ. އަދި ގަޑިއަށް ކުދިން ސްކޫލަށް ގެނދދިއުމަކުންވެސް ނޫނެވެ. ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމުންނެވެ. ވީމާ ފަތިސް ނަމާދަށް ޢާންމުކޮށް ނުހޭލެވޭ މީހުންނާއި ގުޅުން ނުބާއްވާށެވެ! އެއީ ޝައިޠޯނާގެ ބައިވެރިންނެވެ! އެމީހުންނާއި ގުޅިގެން ރޭގަނޑު އަވަހަށް ނުނިދައި ހޭލައި އުޅުމުންވެސް ތިބާވެސް ހިމެނިގެން އެދަނީ ޝައިޠޮނާގެ ބައިވެރިންގެ ތެރެއިންނެވެ. 

ނިކަންވިސްނައިލަބަލާށެވެ! ﷲ ރިޒްޤް ބައްސަވާ ގަޑީގަ އިބިލީހުގެ ކަސްތޮޅުގަ އޮވެފައި ތެދުވެ ރިޒުޤަށް އެދި ﷲ އަށް ދަންނަވަން ލަދު ނުގަންނަނީ ވެސް އިބިލީހުގެ ކަސްތޮޅު ގައިގައެޅިފައިހުރި ވަރުބޮޑުކަމުން ނޫން ހެއްޔެވެ؟ ރިޒުޤް ހޯދަން އަމިއްލަ މަސައްކަތެއްކުރި ނަމަވެސް ވަޒީފާއެއް އަދާކުރިނަމަވެސް ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. ލިބޭނީ އެކަލާނގެ ދެއްވެވި މިންވަރަކަށެވެ. 

ތަނަވަސްކަން ލިބިގެންވާ މީހުންގެ ވާހަކަ އިހަށް ނުދައްކައި ފަޤީރުންގެ ޙާލަތަށް ބަލައިލަމާ ހިނގާށެވެ! ޒަކާތް ބަހާނަމަ ނުވަތަ މީހަކު ޞަދަޤާތެއް ބަހާނަމަ ލިބިގަތުމަށްޓަކައި އެތައް ގަޑިއިރެއްގެކުރިން ކިޔޫގައި ޖެހެއެވެ. ކޮޅަށް ހުރެ އެތައް ވަޤުތެއްވަންދެން އިންތިޒާރުވެސް ކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ރިޒުޤް ބައްސަވާ ގަޑީގައި މިއޮންނަނީ ކަންނެތްވެ ނިދާފައެވެ. 

އަހުރެން މިހެން މިބުނަނީ ސަބަބެއް އޮތުމުންނެވެ. ރަނގަޅެވެ. އެއްވެސް އިސްތިސްނާއެއް ނެތި ތަނަވަސްކަން ލިބިގެންވާ މީހުންނަށްވެސް އޮތީ ފަތިސް ނަމާދުން ދުވަސްފެށުމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ފާހަގަކޮށްލަން މިއުޅެނީ އަތްމަތި ދަތި ރިޒުޤަށް އެދި ސަލާންޖަހާ ޙާލަތުގައި ތިބި މީހުން އެކަނި ފަތިސްނަމާދުގެ ޖަމާޢަތަށް ދިއަނަމަވެސް މިސްކިތްތައް ފުރިބާރުވެގެންދާނެކަމެވެ. 

އެކުވެރިންނޭވެ! ރިޒުޤްތަނަވަސްވުމަށް އެދޭނަމަ ފުރަތަމަކަމަކަށްވެސް އެންމެ ކުޑަމިނުން ފަތިސްނަމާދުކޮށްލެވޭތޯ ބަލާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުވަސް ފަށަން މަސައްކަތްކުރާށެވެ! ހެޔޮ ބަދަލުތަކެއް އަންނާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން