ބައެއް ބައިވެރިންނަކީ ވަރަށް ގިނައިން ޒުވާބުކުރާހިތްވާ ބައެކެވެ! އެފަދަ ބައިވެރިއަކު ލިބުމަކީ ކިހާ ބޮޑު ފައިދާއެއް ޙާޞިލުކުރެވެން އޮތް ކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައެއް ބައިވެރިންނަކީ ވަރަށް ގިނައިން ޒުވާބުކުރާހިތްވާ ބައެކެވެ! އެފަދަ ބައިވެރިއަކު ލިބުމަކީ ކިހާ ބޮޑު ފައިދާއެއް ޙާޞިލުކުރެވެން އޮތް ކަމެއްކަން އެނގޭތަ؟

މަގުމަތިން ނޫންނަމަ އެނޫންތަނަކުން ނަމަވެސް އެމީހަކު ގަޔާވާ ސިފަތައް ހުރި މީހަކު ފެނިއްޖެނަމަ ހިނިތުންވާން ހަދައިގެން އަނގައިގައި ހުރި ހުރިހާ ދަތްތައް ދައްކައިގެން ފައިތިލައިން ފެށިގެން ނިތްކުރިއާއި ހަމައަށް އެބަބަލަމުއެވެ. މިކަމުގައި އަންހެނެއް އަދި ފިރިހެނެއް ތަފާތުކުރުމެއްވެސް ނެތެވެ. 

ނަމަވެސް ތިމާ އެމީހަކު ލޯބިވާކަމަށްބުނެ އެތައް ދުވަހެއްގެ މަސައްކަތުން ހޯދާފައިވާ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފެނުމުން އެފަދައިން ބަލާކަށް ބޭނުމެއް ނުވެއެވެ. އަދި ހިނިތުންވާކަށްވެސް ބޭނުމެއް ނުވެއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ. ޞަދަޤާތްދޭން އޮތީވެސް ގާތުން ދުރަށެވެ. ވީއިރު ތިމާގެ ބައިވެރިޔާއަށް ހިނިތުން ނުވީމާ މިކުރެވެނީ ކޮންކަމެއްހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއީ ކުރެވޭ އަނިޔާއެކެވެ. އަނިޔާކުރަން ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟

ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢްރީފްކުރުމަކީވެސް އަޅުކަމެކެވެ. އަދި އެކަކު އަނެކަކަށް ލޯބިން ބުނާ ކޮންމެ ބަހަކީވެސް ކައިވެނީގެ ވައުފަށް ނިއުޅުނަނުދިނުމަށް ޖެހޭ އިތުރު ގޮށެކެވެ. ވީމާ ކައިވެނި ރޫޅުނަނުދީ ބަދަހިކޮށް ދަމަހައްޓަން ބޭނުންނަމަ ވީހައި ގިނައިން ގޮށްޖަހަމުން ގެންދާށެވެ! 

ދެމަފިރިން ނަމަވެސް ކޮންމެ ދެމީހެއްގެ މިޒާޖު އެއްގޮތެއް ނުވާނެއެވެ! އެފަދަ ކަމެއް މެދުވެރިވިނަމަވެސް ކުނިމޫނު ނުދައްކައި ހިނިތުންވެލާށެވެ! ހެޔޮބަހެއް ނޫނީ ނުބުނާށެވެ! އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! އެއިރުން ކަންކަން މަޑުމަޑުން ބަދަލުވަމުން ގޮސް ދެމީހުންގެ ހުރިހާ ޚިޔާލުތަކެއް އެއްގޮތްކުރެވޭނެއެވެ! 

ޚިޔާލުތަފާތުވާ ވަގުތު އެކަކު އަނެކަކަށް ކަންކަން ދޫކުރާށެވެ! ގޮތްދޫކުރާށެވެ! ގޮތްދޫކުރަނީ ބަލިކަށިވުމަކުން ނޫނެވެ! ޙައްޤުމަގުގައި ހުރިނަމަވެސް ޒުވާބުނުކުރުމުގެ ބޭނުމުގައި ޒުވާބުކުރުމުން ދުރުހެލިވެ ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގެ ގަނޑުވަރެއް ދެއްވަވާކަން އެއީ އެނގެން އޮތްކަމެކެވެ. އެއިރުން ދިރިއުޅުންވެސް ބާއްޖަވެރިކުރެވެނީއެވެ. ސުވަރުގެއިން ގަނޑުވަރެއްވެސް ލިބެނީއެވެ! ގިނަގިނައިން ގަނޑުވަރުތައް ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟ 

ސުވަރުގެއިން ލިބެން އޮތް އެގަނޑުވަރު ހޯދަން މާބޮޑުކަމެއް ކުރާކަށް ވެސް ނުޖެހެއެވެ. ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ ބައިވެރިޔާ ނުވަތަ މީހަކު ތިބާ އާއި ޒުވާބުކުރަންފެށީމާ ރައްދުނުދީ، އަޅައިވެސް ނުލައި ހުރުމެވެ. ކުރިން ބުނިހެން ތިބާ ހުރީ ޙައްޤުގައި ކަމަށްވީނަމަވެސް ޒުވާބުކުރުން ހުއްޓާލައި އެތަން ދޫކޮށްދެވެން އޮތްނަމަ އަވަހަށް ދުރަށްދާށެވެ. އެއިރުން ތިބާއަށް އެހޯދުނީ ސުވަރުގެއިން ގަނޑުވަރެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން