ސަރުކާރުގެ އިސްވެރިންނަށް ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި އިންޒާރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިއިންޒާރު ދެއްވާފައިވަނީ ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސްވެރިއަކު ކޮރަޕްޝަނުގެ ޢަމަލެއް ހިންގައިފިނަމަ، ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކޮރަޕްޓް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ހަޤީޤީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.
"އެއްވެސް ބޭފުޅަކު ޤަވާއިދާ ޚިލާފު އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތުދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދިނުން ފަދަ ކަމެއް ކޮށްދީފިނަމަ ނޫންނަމަ އެފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އިންޒާރު ދެއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ބިންވެރިޔާ ސްކީމުގެ ޝަރުތު ހަމަނުވާ ސަރުކާރު ކުންފުންޏެއްގެ ވެރިއެއް ގޯތި ލިބިފައިވާކަމުގެ ލިޔުމެއް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގެ ޖިނާޢީ ތަހުޤީޤެއް މިވަގުތު ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ދަނީ ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި އިންޒާރާ ގުޅިގެން، ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުގެ ވެރިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވާ ސްޓޭންޑަށް ތާއީދު ކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ އެފަރާތްތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއެކު އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް އެމަނިކުފާނުގެ ސަރުކާރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންނެވެ. މި އިންޒާރަކީ އެ ވައުދު ފުއްދެވުމަށް އެޅުއްވި އިތުރު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.