ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް: ހުސައިން ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް: ހުސައިން ފަހުމީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯއަށް 75 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލްއާ ހަމައަށް ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަސައްކަތްތައް ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، ކަރަންޓު ހިމެނޭ ހަކަތައިގެ ސިނާއަތުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކާމެދު ފަޚުރުވެރިވާ ކަމަށެވެ. އަދި އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުންނަށާއި މިހާރު މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައިވެއެވެ.

ސްޓެލްކޯ އުފެދުނީ 1949 ވަނަ އަހަރުގައެވެ. އޭރު އެންމެ 14 ކިލޯވޮޓްގެ ކެޕޭސިޓީއަކާއެކު މާލޭގެ އެންމެ 50 ގެއަކަށް ޚިދުމަތް ދިން ސްޓެލްކޯއިން މިހާރު 80،973 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ސްޓެލްކޯގެ އަމާޒަކީ ޔުޓިލިޓީ ޚިދުމަތްތައް ފުޅާކޮށް ކާމިޔާބުކަމާއެކު ދެމެހެއްޓުމެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ދަތިކަމެއްނެތި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދެއެވެ. މީގެ އިތުރުން ދެވޭ ޚިދުމަތަކީ ޖީބަށް ލުއި ޚަރަދުކުޑަ ޚިދުމަތަކަށް ހެދުމަކީވެސް ސްޓެލްކޯގެ އަމާޒެކެވެ.

މިއަދު އޮންލައިން