ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ޤާއިމުކުރުމަށް ދިރާސާއެއް ހެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ނިންމުމާއެކު، އެމްއެމްއޭއިން ވަނީ މި ދިރާސާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވިގޮތުގައި، ޑިޖިޓަލް އެސެޓްތަކާއި އިސްލާމިކް ފައިނޭންސަށް ޤައުމުތަކުގެ މެދުގައި ޝައުގުވެރިކަން އިތުރުވަމުންދާއިރު، މިދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ގެނެސް، ސަރަހައްދީ ހަބަކަށް ހެދުމަކީ އެ އިދާރާގެ އަމާޒެކެވެ. މި ސެންޓަރު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާއާ އެއްގޮތް ހައްލުތައް ގެނެސް މާލީ ބައިވެރިވުން އިތުރުކުރުމާއި، ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ސަރަހައްދީ އަދި ތަންފީޒީ ގޮތުން އިތުރުކުރުން ހިމެނެއެވެ. އަދި އިސްލާމީ ފިންޓެކް ދާއިރާ ކުރިއެރުވުމަކީވެސް މި ސެންޓަރު ޤާއިމުކުރުމުގެ މުހިންމު މަޤްޞަދެކެވެ.
އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިސްލާމީ ޝަރީޢާގެ ހަމަތަކުގެ ތެރެއިން ބޭނުންކުރާ ޑިޖިޓަލް އެސެޓްތަކަށް ދުނިޔޭގެ ޤައުމުތަކުގައި ލިބެމުންދާ މަޤުބޫލުކަން ދަނީ އިތުރުވަމުންނެވެ. މިގޮތުން ޝަރީޢާ ހަމަތަކަށް ފެތޭ ކްރިޕްޓޯ ކަރަންސީ، ހަލާލް އެންއެފްޓީ، ވަޤްފް ޓޯކަން އަދި ޑިޖިޓަލް ސުކޫކްތަކަކީ މިހާރުވެސް ބައެއް ޤައުމުތަކުގައި ބޭނުންކުރާ ޑިޖިޓަލް އެސެޓުގެ ބާވަތްތަކެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސެންޓަރު ޤާއިމުކުރުމަށް ބޭނުންވާ ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިހާރު ހުޅުވާލާފައިވެއެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު ދިރާސާގެ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދިރާސާގެ އަންދާސީ ހިސާބު 29 ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުމަށް އެ އިދާރާއިން ވަނީ ހުޅުވާލާފައެވެ.
މިދިޔަ އޮކްޓޯބަރ މަހު އެމްއެމްއޭއިން ވަނީ ރާއްޖެއަށް ޑިޖިޓަލް ފައިސާ ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން ފުރުސަތު ދޭނީ އެސެޓް ބޭކްޑް ނުވަތަ ރުފިޔާ ބެކްކޮށް ތަޢާރަފްކުރާ އޮންލައިން ފައިސާއަށް ކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ. އަދި މިއާ ގުޅޭ ޖޮއިންޓު ރެގިއުލޭޓަރީ ފްރޭމްވޯކެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
ރާއްޖެއަށް ޑިޖިޓަލް އެސެޓްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަކީ މާލީ ހަބަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ގޮތުން 2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް ދާއިރާ ހިއްސާކުރާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ.
އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމަށް އެމްއެމްއޭއިން މި ނިންމި ނިންމުމަކީ، ރާއްޖޭގެ މާލީ ދާއިރާގައި އައު ހަރުފަތަކަށް އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައު ފުރުޞަތުތަކެއް ހުޅުވި، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ދިރާސާގެ ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.