ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިސް ވެރިން ހިމެނޭގޮތަށް 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދު އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރެފައިވެއެވެ. މި އަމުރު ނެރެފައިވަނީ "ބިންވެރިޔާ" ހައުސިން ސްކީމާ ގުޅުންހުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުންދާތީއެވެ.
ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް ހާމަވެފައިވާ ގޮތުގައި، ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ ފަރާތްތަކަކަށް ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވެއެވެ. އަދި ލިސްޓުގައި ނުހިމެނޭ ފަރާތްތަކުން ސައްޙަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން މަދުވެގެން 3 ގޯތި ހޯދަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ސުވާލު އުފެދިފައިވާ ލިޔެކިޔުންތައް ދޫކޮށްފައިވަނީ ކުރީގެ ސަރުކާރުގެ ދައުރުގައި ކަމަށް ތަޙުޤީޤަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުވެސް ހިމެނެއެވެ. އަދި އެމްޑަބްލިއުއެސްސީން ވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް މި މައްސަލައަށް ސަމާލުކަން ދީފައިވާކަން ފާހަގަކޮށް، މި މައްސަލައިގެ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމުރުކޮށްފައިވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތް ހަފްތާއަކު އެއްފަހަރު ޕްރޮސެކިއުޓަރ ޖެނެރަލާ ހިއްސާކުރުމަށްވެސް އަންގާފައިވެއެވެ.