އަކްރަމް ކަމާލުއްދީނާއި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ 4 އިސްވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަކްރަމް ކަމާލުއްދީނާއި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ 4 އިސްވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އިތުރު 3 އިސްވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އަކްރަމް ކަމާލުއްދީނުގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް، ކުރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް އަދި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމްގެ ޕާސްޕޯޓެވެ. މި ފަރާތްތަކުގެ ޕާސްޕޯޓްތައް ހިފަހައްޓާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެދުމުގެ މަތިން ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު މިވަގުތު ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މިހާތަނަށް ކުރެވުނު ތަޙުޤީޤުތަކުންނާއި ސުވާލުކުރެވުނު މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން، ގޯތި ލިބުނު ފަރާތްތަކަށް ލިބިފައި ހުރި ޑޮކިއުމެންޓްތަކަކީ ކުރީ ދައުރުގައި ދޫކޮށްފައި ހުރި ޑޮކިއުމެންޓްތަކެއްކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މި ޑޮކިއުމެންޓްތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން، އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަޙުޤީޤަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމާއެކު އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން