ﷲ ތަޢާލާ މީސްތަކުންނަށް ތަނަވަސްކަން ދެއްވަވަނީ އެއިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށެވެ. އެފައިސާ ﷲ ތަޢާލާގެ މަގުގައި ހޭދަކޮށް އާޚިރަތް ބާއްޖަވެރިކުރުމަށެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާމީހުންނާއިމެދު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެއީ ދަހި މީހުން ކަމުގައެވެ. ދަހިވެތިކަމަކީ މީހެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި އެއް ސިފައެވެ.
އަތުގައި ތަނަވަސްކަން ހުރެ އެހެން މީހުންނަށް، ޚާއްޞަކޮށް ޢާއިލާގެ މީހުންގެ ބޭނުންތައް ފުއްދައިނުދޭނަމަ އެމީހަކީ ދަހިވެތިކަން ހައްދުފަހަނައަޅާފައިވާ މީހެކެވެ. އެމީހަކަށް އެކުރެވެނީ ބޮޑު ފާފައެކެވެ. ނަމަވެސް ހިތާމައަކީ ތަނަވަސްކަން ލިބުމުން އެއީ ތިމާ އާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތެއްކަމާއި އެއިގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ އެއްޗެއްކަން ހަނދާނުން ފުހެވިގެންދާކަމެވެ.
އަބޫޖަހުލަކީ ތަނަވަސްކަން ދެއްވެވި މީހެކެވެ. ނަމަވެސް އޭނާގެ ހަލާކުކަމުގައިވެގެންދިއައީ ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމެވެ. ޤާރޫނަކީ ހަމަ އެފަދަ މީހެކެވެ. މިއީ ހަމަކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. އާޚިރަތްވެސް އަދި މިދުނިޔެވެސް ކާމިޔާބުކުރެވޭނީ މިކަންކަމަށް ވިސްނައި އަމަލުކުރުމުންނެވެ.
ދުނިޔޭގައި އުޅެމުންދާއިރު ކުރިމަތިވާ ކޮންމެ ކަމަކީވެސް މުޞީބާތެކެވެ. އެގޮތުން ޚަރަދުކުރާނެ ފައިސާ އަތުގައި ނެތި ދިރިއުޅެން ޖެހުމަކީވެސް މުޞީބާތެކެވެ! ގިނަ އަދަދެއްގެ ފައިސާ އަތަށް ލިބުމަކީ ފައިސާ ނުލިބުމަށްވުރެ ބޮޑު މުޞީބާތެކެވެ.
ފައިސާޢަތްމައްޗަށް އެރުމުން އެފައިސާ ތިމާ އާއިއެކުގައި ދަމަހައްޓަން މިއަދު އެނގެނީ ވަރަށް މަދު މީހަކަށެވެ. އެހެނީ ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ފައިސާ އަތަށް އެރުމުން އަތުގައި ބެހެއްޓުމަކީ އަމިއްލަ ތިޖޫރީއެއްގައި ބެހެއްޓުން، ބޭންކު އެކައުންޓެއްގައި ބެހެއްޓުން ފަދަ ގޮތަކަށް ތިމާގެ ބާރުގެދަށުގައި ފައިސާ ބެހެއްޓުން ކަމަށެވެ.
ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ! ފައިސާ ލިބުމުން ތިމާގެ އަތުގައި ބަހައްޓަން އެދޭމީހާ ވީހައި ގިނަ ފައިސާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! ޢާއިލާގެ މީހުންނަށާއި ބޭނުންޖެހިފައިވާ މހުންނަށް ހޭދަކޮށް އެމީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. އެހެނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުން އެ ފައިސާ އެހުރީ އެމީހާގެ އަތުގައެވެ. ދުވަހަކުވެސް ގެއްލިގެނެއް ނުދާނެއެވެ! އަދި ﷲ ތަޢާލާ އިރާދަކުރައްވަވާ މިންވަރަކަށް އެމީހަކަށް އިތުރުވެސް ކރައްވަވައި ދެއްވަވާނެތެވެ.
އެއިގެ ބަދަލުގައި ތިޖޫރީގައި ނުވަތަ ބޭންކް އެކައުންޓުގައި ބަހައްޓާފައި ހުއްޓައި ނުވަތަ ދުނިޔަވީ ކަންކަމަށް އިންވެސްޓްކޮށްފައި ހުއްޓައި އެމީހަކު މަރުވެއްޖެނަމަ އެހުރިހާ ފައިސާތަކެއް އެމީހަކަށް ވަގުތުން ގެއްލިގެން ދިއައީއެވެ. އެމީހާއަށް އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ހުރިހާ ފައިދާތަކެއް ކުރާނީ އެހެންބައަކަށެވެ.
-މުފްތީ މެންކުގެ ދަރުސަކުން