އަބޫ ސަލަމާ އަވަހާރަވި ވަޤުތު ރަސޫލް ޞޢޥ ކުރެއްވެވި ދުޢާ- މީހަކު މަރުވާ ތަނުގަ ހުރެވިއްޖެނަމަ އަހުރެމެންވެސް ދުޢާކުރަންވީ އެކަންކަމަށް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އަބޫ ސަލަމާ އަވަހާރަވި ވަޤުތު ރަސޫލް ޞޢޥ ކުރެއްވެވި ދުޢާ- މީހަކު މަރުވާ ތަނުގަ ހުރެވިއްޖެނަމަ އަހުރެމެންވެސް ދުޢާކުރަންވީ އެކަންކަމަށް!: ޢުމަރު ސުލައިމާން

އެކުވެރިއަކު، ގާތް ތިމާގެ މީހަކު ބަލިޙާލުގައި އޮވެ ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން ދުނިޔެއާއި ވަކިވާން އުޅޭކަން އެނގިއްޖެނަމަ އެތަނަކަށް ގިނަ ބައަކު ޖަމާވެއެވެ. ނަމަވެސް ޙާލަތު އެންމެ ސީރިޔަސްވާ ވަޤުތުގައިވެސް އެކަމަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ. ތިބެވެނީ ދުނިޔަވީ ކޮންމެވެސް ކަމެއްގެ ވާހަކަތައް ދައްކާށެވެ. މިއީ އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.  

މަރުގެ މަލާއިކަތާ މީހުންގެ ފުރާނަ ހިއްޕަވާ ވަޤުތަކީ ވަރަށް ޚާއްޞަ ވަޤުތެކެވެ. އެމީހެއްގެ މޫނަށް އަންނަ ބަދަލުތަކުން ވަޒަންކުރެވޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ފާހަގަކުރެވޭނީ މީހުން މަރުވާތަން ގިނައިން ފެންނަ މީހުންނަށެވެ. ކޮންމެ ގޮތަކަށް ފާހަގަކުރެވުނަސް އެއްވެސް މީހަކު މަރުވުމަށްފަހު އަމިއްލައަށް ގޮތް ނުނިންމާށެވެ! އޭނާގެ ފުރާނައަށް ހުރީ ހެޔޮ ރަޙްމަތްކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މީހުންގެ ފުރާނަ ހިއްޕެވުމާއިއެކު އެމީހާގެ ކަޅި މައްޗަށްވާގޮތަށް ހުއްޓެއެވެ. އެއީ އޭނާގެ ފުރާނަ ހިއްޕަވައިގެން މަލާއިކަތުން ވަޑައިގަންނަވާތަން އޭނާގެ ލޮލަށް ފެންނާތީއެވެ. ސުންނަތުގައި އޮތީ އޭނާގެ ލޯމަރައިލުވުމެވެ.  

ކޮންމެ މީހެއްގެ ފުރާނަ ހިއްޕަވާ ވަގުތުގައިވެސް ޚާއްޞަ މަލާއިކަތުންތަކެއް އެތަނުގައިވާނެއެވެ. ވީމާ މައްޔިތާ އާއިބެހޭ ގޮތުން ނުބައިބަހެއް ނުބުނާށެވެ. ނުބައި ދުޢާއެއް ނުކުރާށެވެ. ހެޔޮބަސްބުނެ ހެޔޮދުޢާ ކުރާށެވެ! އެއީ އެމަލާއިކަތުން އާމީންވިދާޅުވާނެ ކަމަށްޓަކައެވެ.  

މިކަންކަން އެނގިގެންދިއައީ އަބޫ ސަލަމާ (ރޢ) އަވަހާރަވި ވަޤުތު ރަސޫލް އެތަނުގައި ހުންނަވައި ކުރެއްވެވި ޙަދީޘްފުޅުންނެވެ. އަބޫ ސަލަމާއަށްޓަކައި ރަސޫލް ވަނީ ވަރަށް ހެޔޮދުޢާއެއް ކޮށްދެއްވަވައިފައެވެ.  

އެދުޢާގައި އަބޫ ސަލަމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށާއި ހެޔޮލަފާ ޞާލިޙް އަޅުންގެ ތެރެއިން އަބޫ ސަލަމާގެ ދަރަޖަ މަތިކުރައްވަވައި ދެއްވެވުމަށާއި ކައްވަޅު ތަނަވަސްކޮށްދެއްވެވުމަށާއި ކައްވަޅު އަލިކޮށްދެއްވެވުމަށާއި ޢާއިލާގެ (ދުނިޔޭގައި ތިބި) މީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. 

މިއީ އަހަރެމެންވެސް ކަންތައްކުރަންވީ ގޮތެވެ. މީހަކު މަރުވުމުން އެތަނުގައި ތިބެގެން އޭނާއަށްޓަކައި ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ހެޔޮދުޢާއެއް ނޫނީ ނުކުރާށެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން