ޢާއިޝަތު ރަފާޙް ޢަލީ
ފާފަކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފުވެ، ޝަރީޢަތްތަކާއި ޚިލާފުވުމެވެ. ފާފަކުރުމުގެ ތިން ބައެއްވެއެވެ. އޭގެތެރެއިން އެއްބައި މިލިޔުމުގައި ތަފްސީލް ކޮށްލާނަމެވެ.
ފުރަތަމަ ވައްތަރަކީ ނުފުއްސެވޭ ފާފަ:
އެގޮތުން އެންމެ ބޮޑު ފާފައެއް ކަމުގައި ބެލެވެނީ ﷲ ތަޢާލާއަށް ޝިރުކުކުރުމެވެ. އަދި ތައުބާ ނުވާ މީހާ މަރުވެއްޖެނަމަ އެމީހެއްގެ ޝިރުކުގެ ފާފަ ނުފުއްސެވޭނެއެވެ.
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 72 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ﴿٧٢﴾
މާނައީ: "ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. (72)"
ﷲ އަށް ކުފުރުވުމަށްފަހު މަރުވެއްޖެ މީހެއްގެ ފާފައެއް ﷲ ތަޢާލާ ފުއްސަވާ ނުދެއްވާނެއެވެ.
އަދިވެސް ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 161 އަދި 162 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ ﴿١٦١﴾ خَٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ ﴿١٦٢﴾
މާނައީ: "ހަމަކަށަވަރުން كافر ވެ އަދި كافر ން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް اللَّه އާއި ملائكة ންނާއި އެންމެހާ މީސްތަކުންގެ لعنة ހުށްޓެވެ. (161) އެއުރެން އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ. (162)"
ތައުބާ ނުވެއްޖެނަމަ އެމީހާގެ ފާފަ ނުފުއްސަވާ އަބަދު ނަރަކައިގައި ދެމިއޮންނާނެއެވެ. ﷲ ތަޢާލާ އަށް އަޅުގަނޑުމެން މިފަދަ ކަންކަމުން ރައްކާތެރި ކޮށްދެއްވުން އެދި ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ނަމަވެސް ތައުބާވެ އިޞްލާޙު ވެއްޖެނަމަ، ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލުކުރައްވާ، ޘަވާބާ އަޖުރު ދެއްވާނެއެވެ. އެއީ އޭނާ ކުރި ފާފަތަކަށް ތައުބާވުމުގެ ސަބަބުންނެވެ.
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (53)"