ތައުބާ ނުވެވި ފާފަކުރަމުން ތިއަ ގެންދެވެނީ މިކަންކަމަށް ވިސްނާނުލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތައުބާ ނުވެވި ފާފަކުރަމުން ތިއަ ގެންދެވެނީ މިކަންކަމަށް ވިސްނާނުލެވޭތީ!

އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ދީލަތިވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވައެވެ. ލަޢްނަތް ލައްވަވަތެވެ. އެއީ ޤުރްއާނުން އެނގެން އޮތް ކަމެކެވެ. 

އެހެންކަމާއިއެކުވެސް މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމަށާއި ޢަޛާބަށް އެބަ ބިރުވެތިވެވޭ ހެއްޔެވެ؟ ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. މިމިސްކިތުގެ ބޭރުގައި ސިންގާއެއް ނުވަތަ މިނިކާވަގެއް އޮތްކަން ނުވަތަ ޖިންނިއެއް އުޅޭކަން އެނގިއްޖެނަމަ ބިރުން އެއްވެސް މީހަކު މިސްކިތުން ބޭރަށްވެސް ނުނުކުންނާނެއެވެ. 

އެހެނަސް މިވެނި އެވެނި ފާފަތައް ކުރުމުން ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން އެމީހަކަށް ލިބި ނަރަކައިގެ ގަދަފަދަ ޢަޛާބުހުރިކަން އެނގޭއިރުވެސް އެފަދަ ބޮޑެތި ފާފަތައް ކުރަން ބިރެއް ނުގަނެއެވެ. ނަމާދުނުކޮށް ހުންނަން ބިރެއް ނުގަނެއެވެ. އެހެންކަމަށްވާނަމަ ﷲ ތަޢާލާއަށް ބިރުވެތިވާކަމަށްބުނެ ތިއަ ހަދަނީ ބޮޑު ދޮގެއް ނޫންހެއްޔެވެ؟ ތިއަ ވެވެނީ މުނާފިޤަކަށް ނޫން ހެއްޔެވެ؟ 

ﷲ ތަޢާލާ ކޯފާ ލައްވަވައިފާނެ ކަމަށް ޝައްކުކުރަނީހެއްޔެވެ؟ ނުވަތަ ވަޤުތުން ޢަޛާބް ނުދެއްވަވާތީ ބިރުނުގަންނަނީ ހެއްޔެވެ؟ މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަހަރެމްނެ އީމާންވެގެން މިތިބީ ޣައިބަށެވެ. އަހަރެމެންގެ ލޮލަށް ﷲ ތަޢާލާ ފެނުމަކާއި ނުލައެވެ. އެހެންވީއިރު ޤުރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބުގެ ވާހަކަތަކަށް އިތުބާރުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ބިރުގަންނަންވީ މިނިކާވަގެއް ކައިލާފާނެތީއެއް ނޫނެވެ. ނުވަތަ މީހަކު ބަޑިޖަހާ މަރާލައިފާނެތީއެއް ނޫނެވެ. ބިރުގަންނަންވީ ﷲ ތަޢާލާއަށެވެ. އެހެނީ ޖަނަވާރެއްގެ ޝިކާރައަކަށްވެގެން މަރުވިނަމަވެސް މީހަކު ބަޑިޖަހައި މަރާލިނަމަވެސް ޤުދްރަތީ މަރަކުން މަރުވިނަމަވެސް އެމީހެއްގެ ފުރާނަ މަލާއިކަތުން ގެންދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެފުރާނައަށް އޮތް ގޮތުގެ މައްޗަށް ޙުކުމް ކުރައްވަވާނީ ﷲ ތަޢާލާއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން