ކައިވެނިކުރަނީ ވަޢުދުތަކާއިއެކުގައެވެ. ދަރިން ހޯދަނީ އެކަމަށް އުފާކުރަމުންނެވެ. ނަމަވެސް ފަހުން އެކަންކަން ބިލާހަކަށް ހަދައިލާ މީހުން އަންނަނީ ގިނަވަމުންނެވެ. ތިމާއަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ތިމާ ހިތަސްއެރިހައި ގޮތަކަށް ކޮށްފައި އެކަން ޤަޟާޤަދަރާއި ޙަވާލުކުރާ މީހުން އެކަން އެގޮތަށް އެކުރަނީ އެމީހެއްގެ ޒިންމާ ހަނދާން ނައްތާލައިފައެވެ.
އަދި ކީއެއްތަ؟ މައިންބަފައިންނާއި އަޅާލަންޖެހޭ ދުވަހު އެކަން ނުކޮށް ފިލައިގެން އުޅެނިކޮށް މައިންބަފައިން ނިޔާވުމުން އެއީވެސް އިރާދަކުރެއްވެވި ގޮތް ކަމަށް އެބަ ބުނެއެވެ. އެހެން ބުނާ މީހުންނަށް ބުނެލަން އޮތީ މައިންބަފައިންނާއި އަލައިލަން އުޅެނިކޮށް އެކަމަށް ހުރަސްއެޅީ ޝައިޠޯނާ ފިޔަވައި ކާކުހެއްޔެވެ؟
އަނބިން ވަރިކުރުމަށްފަހު ދަރިންގެމަތިން ހަނދާން ނައްތާލީމާ ނިކަމެތި ޙާލުގައި އުޅެ އެކުދިން ބޮޑެތިވުމުން އެކުދިންގެ ކިބައިން އެހީތެރިކަމަށް އެދިގެން ގޮސްފައި "ދަރިފުޅާއޭ! އެއީ ﷲ އިރާދަކުރެއްވެވި ގޮތޭ" އެބުނަނީ ކޮން އިންޞާފަކުން ހެއްޔެވެ؟
ހިތަށް އެރިހައި ގޮތަކަށް އުޅެފައި ޤަޟާޤަދަރާ މަތިކުރާ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ވަރަށް ނުރައްކާތެރިކަން ބޮޑުކަމެކެވެ. އެމީހަކު ކުރަން ބޭނުންހައި ކަމެއް ކޮށްފައި މިއީ ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތް ކަމަށް ބުނުމުގެ ޙައްޤު ހަމައެކަކަށްވެސް ދެއްވަވާފައެއް ނުވެއެވެ.
ތިރީގައި އެވަނީ އެކަންކަން ފާހަގަކުރައްވައި އުސްތާޛާ އަނާރާ ނަޢީމް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
ކޮންމެ މީހަކީވެސް ދުނިޔެއާ އާޚިރަތުގެ ބާއްޖަވެރިކަން ބޭނުންވާނެ މީހެކެވެ. ކޮންމެ މީހަކާއިވެސް އާޚިރަތް ދުވަހު ސުވާލުކުރެއްވޭނެ 3 ކަމެއްވެއެވެ. އެއީ އެމީހާގެ އަމިއްލަ ނަފްސުގެ ޢަމަލުތަކާއިބެހޭގޮތުންނާއި އެމީހެއްގެ ޢާއިލާގެ މީހުންނާއިމެދު ކަންތައްތައްކުރި ގޮތާއި އަދި އެމީހަކު ކުރި މަސައްކަތާއި ގުޅޭގޮތުންނެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙިކުރައްވަވާފައިވެއެވެ. "ﷲ ތަޢާލާ ކޮންމެ ނަފަސަކަށްވެސް އިލްހާމްކުރައްވަވާފައިވެއެވެ. ރަނގަޅު ގޮތާއި ގޯސް ގޮތް"
މިބަސްފުޅުން އެނގިގެންދަނީ ރަނގަޅު ގޮތް އިޚްތިޔާރުކުރުމާއި ގޯސްގޮތް އިޚްތިޔާރުކުރުމުގެ ބާރު ކޮންމެ ނަފްސަކަށްވެސް ލިބިގެންވާކަމެވެ. ކަން މިހެން އޮތުމުން އަޅުގަނޑުމެންގެ ނަފްސްތަކުގެ ޢަމަލުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ހެއްދެވި ފަރާތާއި އަމިއްލަ ނަފްސާއި އޮންނަ ގުޅުން ވަރަށް ވަރުގަދަކުރަންޖެހެއެވެ. އަޅުކަންތަކަށް ސަމާލުކަންދޭންޖެހެއެވެ. ޚާއްޞަކޮށް ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދު އަދާކުރަން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ހަމައެފަދައިން އެހެން މީހުންނާއި ތިމާގެ ނަފުސާއި އޮންނަ ގުޅުންވެސް ހަރުދަނާކުރަން ޖެހެއެވެ. އެހެން މީހުންނަށް ހެޔޮބަސްބުނުމާއި އެހެން މީހުންނާއިމެދު ހިތްސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އަމިއްލަ ނަފްސުގެ ކަންކަން ހިސާބުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ވެސް ނަފްސުގެ ޢަމަލުތަކަށް ފާރަވެރިވާ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން ގަދައަޅައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ﷲ ތަޢާލާ މިންވަރުކުރެއްވެވުމެވެ.
- އުސްތާޛާ އަނާރާ ނަޢީމް