މިހާރަކަށް އައިސް މީހަކު ހެޔޮނަޞޭޙަތެއް ދިންނަމަވެސް ފުރަތަމަ ބަލަނީ އެމީހަކަށެވެ. އެއީ ކޮން ގޮތަކަށް އުޅޭ މީހަކު ކަމެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ބަލަންވީ މީހާއަކަށް ނޫނެވެ. ދިން ނަޞޭޙަތަށެވެ.
ހެޔޮލަފާ ނަޞޭޙަތް ދިނުމަކީ ކުރަން އެންމެ ފައިދާހުރި އެއްކަންތަކެވެ. އެހެނީ އެނަޞޭޙަތްދިނުމުން އަނެކާ އެކަން ޤަބޫލުކޮށްފިނަމަ އޭނާ ކުރާ ހެޔޮ ޢަމަލުން އެމީހަކަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. ވީމާ އެކުވެރިން އެކަކު އަނެކަކަށް ހެޔޮ ނަޞޭޙަތްދިނުން ގިނަކުރާށެވެ. އަދި ތިމާވެސް ޢަމަލުކުރަން މަސައްކަތްކުރާށެވެ!
ވީމާ މީސްތަކުން ދޭ ހެޔޮލަފާ ނަޞޭޙަތަކީ ތިމާ އިޞްލާހްވުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެއްކަމުގައި ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާށެވެ! ހެޔޮ އަމަލުކުރަން ނަޞޭޙަތްދީފިނަމަ އެކަން އަވަހަށް ޤަބޫލުކޮށް ހެޔޮ އަމަލުކުރުން ގިނަކުރާށެވެ! މުސްލިމުން ވާންޖެހޭނީ އަބަދުވެސް ހެޔޮ ނަޞޭހަތްދޭ އަދި ހެޔޮ ނަޞޭޙަތް ޤަބޫލުކުރާ ބައަކަށެވެ.
އިސްލާމް ދީނުގައި އެކަމެއް ކުރަން އަންގަވާފައިވާ ހެޔޮ ޢަމަލެއް ކުރަން އެހެން މީހަކު ހިތްވަރުދިނުމުން ބައެއް މީހުން އެބަ ދެރަވެ ލަދުގަނެއެވެ. ތިމާއަށް ނުކުރެވޭ އަމަލެއް ކުރަން އެހެން މީހަކު ބުނުމުން އެއީ ތިމާ ދެރަވުންކަމަށް ޤަބޫލުކުރެވިގެންނެވެ.
އެއްވެސް ޙާލެއްގައި އެގޮތަށް އެކަން ނުކުރާށެވެ! ދެރަނުވާށެވެ! އުފާކުރާށެވެ! ހިތްވަރުދިނީތީ އުފާކުރާށެވެ! އެމީހަކަށް ޝުކރުވެރިވާށެވެ! އަދި ތިމާއަށް ﷲ ތަޢާލާ ލެއްވެވި ރަޙްމަތެއްކަމަށް ޤަބޫލުކުރާށެވެ! ދީނަކީ ނަޞޭހަތެވެ! ދީނުގައި އޮތީ ހަނދުމަކޮށްދިނުމެވެ.
މިސާލަކަށް ތިބާއަކީ ރަވާތިބު ސުންނަތް ކުރުމުގައި ފަރުވާކުޑަކުރެވޭ މީހަކަށްވެދާނެއެވެ. އެހެން މީހަކަށް އެކަން ފާހަގަކުރެވިގެން ރަވާތިބު ސުންނަތްކުރަން ހަނދާންކޮށްދީ ހިތްވަރުދީފާނެއެވެ. އެއީ ދެރަވެ ލަދުގަންނަންވީ ކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ހަޟްރަތުން ތިބާއަށް ލިބިގެން ދިއަ މެސެޖެއް ކަމަށް ދެކޭށެވެ! ނަޞޭޙަތް ދިން މީހާ މަސައްކަތް އެކުރީ ތިބާލައްވައި އިތުރު ހެޔޮ ޢަމަލުކުރުވުމަށެވެ. އެއީ ކޮންމެ މުސްލިމަކުވެސް އޭނާގެ އަކާއަށްޓަކައި އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ!
-މުފްތީ މެންކްގެ ދަރުސަކުން