މަންމައަށް އިހާނެތިކޮށް ހެދި މީހަކު މަރުވުމުން ފެނުނު ބިރުވެރި ކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
މަންމައަށް އިހާނެތިކޮށް ހެދި މީހަކު މަރުވުމުން ފެނުނު ބިރުވެރި ކަންތައްތައް-

އަހަރެންނަށް ޒުވާނެއްގެ ފޯނު ކޯލެއް އައި. އެ ޒުވާނާގެ ފުދުންތެރިކަމާއި ތަނަވަސްކަން ހުރި މިންވަރު ބަޔާން ކުރުމަށް އޭނާ ބުނި. އަހަރެންގެ ކައިރީ އެއްމިލިޔަން ރިޔާލު އެއީ އެންމެ ރިޔާލެއް ފަދަ، ނުވަތަ އެއްމިލިޔަން ދީނާރު އެއީ އެންމެ ދީނާރެއް ފަދަ. ނުވަތަ އެއްމިލިޔަން ފައިސާފޮތި އެއީ އެންމެ ފައިސާފޮއްޗެއް ފަދަ. 

އެއަށްފަހު އޭނާއަށް ޖެހިގެން އުޅޭ ހިތާމާއިގެ ވާހަކަ އަހަރެންނަށް ހުށައެޅި. އަހަރެން މިއުޅެނީ އަހަރެންގެ ބައްޕަ  ނިޔާވެގެން. އެހެންވީމަ ބައްޕަގެ ހިނެވުމުގެ ކަންތައް ކޮށްދެއްވާތޯ މި ގުޅާލީ. އަހަރެން ބުނިން އެންމެ ރަނގަޅު. އަވަހަށް މިކޮޅަށް ހިނަވާތަނަށް ގެންނަންވީނު. ޒުވާނާ ބުނެލި، އަހަރެން ބޭނުންވަނީ އަހަރެންގެ ގޭގަ ބައްޕަ ހިނަވަން. މިކޮޅަށް ދުރުވެދެއްވަންވީނު. އަހަރެން ފޯނު ބޭއްވުމަށްފަހު އެ ޒުވާނާ ދިން އެޑްރެހަށް ހިނގައްޖައިން. 

ލޮބުވެތި އަޚުންނާއި އުޚްތުން، އެކުވެރި އަޑުއެހުންތެރިން. އެ ޒުވާނާގެ ގެއަކީ ތަނަވަސްކަމާއި ތިޔާގިކަން ދައްކުވައިދޭ ފުރިހަމަ ގަނޑުވަރެއް. އަހަރެންނަށް ލިބުނު އިޒްނައާއެކު އެ ގޭގެ ތެރެއަށް ވަދެއްޖައިން. އަދި މައްޔިތާ ހިނެވުމަށްޓަކައ ބޭނުންވާނެ ތަކެތި ތައްޔާރު ކޮށްލައިފިން. އެ ޒުވާނާ ވާހަކަ ދައްކަންފެށި، އޭ ޝެއިޚް ތިޔަ ކަފަޔަކުން ނޫން ކަފުންކުރާނީ. އަހަރެން ދޭ އެއްޗެއް ކަފުނަށް ލާނީ. އެއަށްފަހު އޭނާ ގެނައީ ހަސަތޭކަ ރިޔާލަށް މީޓަރެއް ދޭ ފަށުވި ފޮތީގެ ފޭއްޔެއް. އަހަރެންގެ ދެފައި ތުރުތުރު އަޅައިގެން ދިޔަ. ދެލޯ ބޮޑުކޮށްލުމަށްފަހު ހައިރާން ކަމާއެކު އަހަރެން އެކަމަށް އިންކާރުކުރަމުގެ ގޮތުން ބުނެލިން، ނޫން، ދިރިހުރި ފިރިހެނުންނަށް ހުއްދަ ނުވާ އެއްޗެއް ކިހިނެއް އަހަރެން މަރުވެފައިވާ މީހަކަށް ބޭނުންކުރާނީ. އެއެއް ބޭނުމެއް ނުކުރެވޭނެ. އަހަރެން ރުއްސާލުމަށް އެ ޒުވާނާ ބުނެލި، އަހަރެން އަގު ދޭނަން. އަހަރެން ބުނާ ގޮތަށް މިކަން ކޮށްދެއްވާ. އަހަރެން ޖަވާބުގައި ބުނެލިން، ނޫން، ތިބާއަކަށް އަހަރެންގެ އަގެއް ނުދެވޭނެ. ހުރިހާ މުދަލެއް އެކީގަ ހޭދަކުރިޔަސް އަގެއް ނުދެވޭނެ. މިކަން ކުރެވޭނީ ދީނުގަ އޮތްގޮތަށް. އެންމެ ފަހުން އެ ޒުވާނާ އެއްބަސްވުމުން އަހަރެންނާއި އެކު ބައްޕަ ހިނެވުމުގައި ބައިވެރި ވުމަށް އެދުނިން. އޭނާގެ ޖަވާބު ވަރަށް އަވަސް. ޝެއިޚްގެ އެހީތެރިންގެ ގޮތުގައި ތިބޭނެ ދެ ޚާދިމުންނާއި އަދި ދެ ޚާދިމާއިން. އެމީހުން ޝެއިޚްއަށް ބޭނުންވެލައްވާ ހުރިހާ ކަމެއް ކޮށްދޭނެ. އަހަރެންގެ ހިތަށް ނުރުހުންތެރިކަން ވެރިވެއްޖެ. އަދި ބުނެލިން. އެކަކުވެސް ބޭނުމެއް ނޫން. އަހަރެން ތިބާއަށް މި އެދެނީ އެއީ ތިބަގެ ބައްޕަވީމަ. އެކަމުގެ އަޖުރުވެސް ތިބާއަށް ލިބޭނެތީ އެހެންވެ. 

ކޮންމެއަކަސް އެ ޒުވާނާ އޭނާގެ ބައްޕަ ހިނެވުމުގައި ބައިވެރިވުމަށް އިންކާރު ކުރުމުން މައްޔިތާ ބާއްވާފަ އޮތް ކޮޓަރިއަށް އަހަރެން ވަދެއްޖައިން. އެއީ ވަރަށް ތަނަވަސް ކޮޓަރިއެއް. ހަމައެކަނި މައްޔިތާ ބާއްވާފަ އޮތް އެނދު ފިޔަވައި އެހެން އެއްވެސް އެއްޗެއް ކޮޓަރިއަކު ނެތް. ނުހަނު ސާފު، އެހާމެ ޒީނަތްތެރި، ދިރޭ އެއްވެސް އެއްޗެއްގެ ހިލަމެއްވެސް ނެތް. އަހަރެން މަޑުމަޑުން އެ މައްޔިތާއާ ކައިރިވެލުމަށްފަހު އޭނާގެ މޫނު ދެކިލުމަށްޓަކައި މަތިން އަޅާފައި އޮތް ފޮތިގަނޑު ކަހާލިން. އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެއް. އަދި ބިރުވެރިކަން ހިތަށް ވެރިވެ، ގައިން ހީބިހި ނަގައިގެން ދިޔަ. 

ލޮބުވެތި އަޚުންނާއި އުޚްތުން، އެކުވެރި އަޑުއެހުންތެރިން. އެ މައްޔިތާގެ ގައިން އަހަރެންނަށް ފެނުނީ ކޯންޗެއްތޯ؟ ކުދިކުދި ހިނިތަކެއް. މުޅި މައްޔިތާގެ ގައިގަ ވަނީ ހުސްހިނި. މޫނުވެސް ފެންނާކަށް ނެތް. ހަސިގަނޑުގެ ހަމަ އެންމެ ތަންކޮޅެއްވެސް ނުފެނެ. ހިނިތައްވަނީ ފުރާލާފަ. ނޭފަތާއި ކަންފަތުން އަދި އަނގައިގެ ތެރެއިން ވަދެ ނުކުމެވާ ހިނިތައް ހަރަކާތްތެރިވަމުން ދަނީ ނުހަނު ހަލުވިކަމާއެކު. އެއީ ސަހަރާގެ ތެރޭގައި އުޅޭ ހިނީގެ ވައްތަރެއް. އިންސާނެއްގެ ގައިގައި ދައިގެންފިއްޔާ އޭތި މަރުވާއިރުވެސް އިންނާނީ ދަތް އަޅައިގެން. އޭގެ ހިނި މުޅި މައްޔިތާ ވަނީ ފޮރުވާލައިފަ. އެކަމަކު ބިންމަތީގައިވެސް އަދި މައްޔިތާ ބާއްވައިފަ އޮތް އެނދުމަތީގައިވެސް މައްޔިތާގެ ގައިގައި ފިޔަވާ އެހެންތާކު ހިންޏެއް ނެތް. ކޮޓަރީގެ ތެރެއަށް ހިނި ވަދެ ނުކުމެވާ އެއްވެސް މަންޒަރެއް ފެންނާކަށް ނެތް. ކިހިނެއް ކޮންގޮތަކަށް ވަން ހިނިތަކެއްކަން ދެނެވޮޑިގެން ވާނީ ހަމައެކަނި ﷲ ތަޢާލާ. 

ލޮބުވެތި އަޚުންނާއި އުޚްތުން. އެކުވެރި އަޑުއެހުންތެރިން. އެންމެފަހުން ވަރަށް އުނދަގޫ ކަމާއެކު، އިތުރު މީހުންނާއެކު މައްޔިތާ ހިނަވާ ކަފުންކުރުމަށްފަހު ވަޅުލައިފިން. އެ އަވަށުގެ އުމުރުން ދުވަސްވީ މީހުންކުރެން އެމީހާގެ އުޅުމާ ބެހޭގޮތުން ސުވާލުކޮށް އޮޅުން ފިލުވާލުމުން އެނގުނީ އޭނާއަކީ އޭނާގެ މައިންބަފައިންނަށް ވަރަށް އިހާނެތިކޮށް ހިތި މީހެއްކަން. މަންމަގެ ގައިގާ ތަޅާ އަނިޔާކޮށް އުޅުނު މީހެއްކަން. ނުވަމަސްދުވަހު އެ މައިމީހާގެ ބަނޑުގައި އުފުލި އުފުލުން، ވިހެއިގެ ގަދަ ވޭނާއި ޅައުމުރުގައި އުފުލި ބުރަ، މިއިން އެއްވެސް ކަމެއްގެ މަތިން އިޙްސާސް ނުވަނީބައޭ އަހަރެންގެ ހިތަށް އެރި. ކަށްވަޅަށް ފަސްގަނޑުގެތެރެއަށް ދިޔުމުގެ ކުރިން ފަސްމަތީގައި ވަނިކޮށްވެސް މިވަނީ އޭނާގެ މައްޗަށް ﷲ ގެ ކުދިކުދި މަޚްލޫޤުތަކެއް ފާ ކުރައްވާފަ. އަދި ކަށްވަޅުގައި ވާނީ ކޮންފަދަ ހާލެއްގައިބާ. ތަނަވަސްކަމާއި މުއްސަނދިކަމުން ކުރާނެ ފައިދާއެއް ވާނެބާ. ﷲ ގެ ރުހިވޮޑިގަތުން ލިބުންވަނީ މައިންބަފައިންގެ ރުހުން ލިބިގެންކަން މި ނިކަމެތި އިންސާނާއަށް ނޭންގުނީބައޭ އަހަރެންގެ ހިތަށް އެރި.

މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވީޑިއޯއެއްގައި ބަޔާންކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައަކީ ޝައިޚް ޢައްބާސް އާއި ޙަވާލާދެއްވައި ޝައިޚް މުޙައްމަދު ނަޤްވީ ދެއްވާފައިވާ ދަރުސެއްގައި ހިމެނޭ ކަންތައްތަކާއި ވަރަށް އެއްގޮތް ކަންތައްތަކެއް ހިމެނޭ ޙާދިސާއެއްގެ ވާހަކައެވެ. ތަފާތު އެހެން ޙާދިސާއަކަށްވެސް ވެދާނެއެވެ. އަދި މިވާހަކަ އެހެން ޝައިޚަކު ބަޔާން ކުރެއްވުމުން އައިސްފައިވާ ބައެއް ބަދަލުތައް ކަމަށްވެސް ވެދާނެއެވެ. 

މިވާހަކައަކީ ވަރަށް މުހިންމު ވާހަކައަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. މައިންނަށް އިހާނެތިކޮށް ހިތާ ދަރިން މިފަދަ ވާހަކަތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމުކަން ފާހަގަކުރެވޭތީއެވެ.

 

މިއަދު އޮންލައިން