އަހުރެމެން 3 އަނހެންކުދިންނަކީ އެކުގައި އެއް އޮފީހެއްގައި އުޅުނު 3 އަންހެންކުދިންނެވެ. އަހުރެންނަކީ ލޯބީގެ ކުޅިގަނޑު ކުޅޭ އަންހެނަކީމެއް ނޫނެވެ. އެހެންވެ އަޅުގަނޑުގެ ލޯބިވެރިއަކު ނުހުރެއެވެ. އަނެއް 2 ކުދިން ލޯބިވެރިން ހޯދަމުންގޮސް އެމީހުންނަށް ކަމުދާ، ތަނަވަސްކަންހުރި ލޯބިވެރިން ހޯދައި 2 އަންހެނުން އެކުގައި ކައިވެނިކުރަން ނިންމިއެވެ.
އެހިސާބުން އަޅުގަނޑުވެސް ކައިވެނިކުރަން ބޭނުންވެއްޖެއެވެ. އެހެންވެ އޮފީހުގައި އުޅުނު އެންމެ ނިކަމެތި ޒުވާނާ އާއި ގުޅުނީމެވެ. ވަރަށް ސިއްރުން ކައިވެނީގެ ކަންކަން ކުރިއަށް ގެންދަނިކޮށް 2 އެކުވެރިންނަށް އެނގިއްޖެއެވެ. އެމީހުން ވަރަށް ރުޅިގަދަވެއްޖެއެވެ. ބުންޏެވެ. "ތިހިރަ ރީތި އަންހެނާ، ތަނަވަސް އެތައް ބައަކު ލޯބި ހުށަހެޅުމުން ޤަބޫލުނުކޮށް ހުރެފަ ހާވަން ތިއައުޅެނީ ކޮން ހަޑިއެއް ހެއްޔެވެ؟" މިބާވަތުގެ އެތައް ބަސްތަކެއް ބުންޏެވެ.
އެއިން އެއްވެސް އަޑެއް އިވޭކަމަށްވެސް ނުހަދަމެވެ. ކަންކަން މަޑުމަޑުން ކުރިއަށް ގެންގޮސް އެކުއެކުގައިހެން 3 އެކުވެރިންވެސް ކައިވެނިކުރީއެވެ. ކައިވެނިކުރިއިރުވެސް އޭނާދެކެ ލޯބިވެވުނުކަން ހިތަށް ޔަޤީނެއްވެސް ނުކުރެވެއެވެ. އެހެންވެ ހުރީ ކައިވެންޏަށް ވެދާނެ ގޮތަކާއިމެދު ވަރަށް ބިރުންނެވެ.
ކަންކަން މެދުވެރިވީ ހީވެސް ނުކުރެވޭފަދަ ގޮތަކަށެވެ. ފިރިމީހާގެ ރަނގަޅުކަމާއި އޯގާތެރިކަމާއި ވަފާތެރިކަން ބޮޑުވެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ހިތް އެކުގައި އަތުލައިގެންފިއެވެ. އިންތިހާއަށް އޭނާދެކެ ލޯބިވެވިއްޖެއެވެ. ކައިވެންޏަށްފަހު އޭނާގެ ހިތްވަރާއި ހީވާގިކަން އިތުރުވުމުން އޮފީހުގައި ކުރިއަރަމުން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްވަޒީފާއަކާއި ހަމައަށްވެސް ދިއައެވެ.
3 އަންހެނުންގެވެސް އަލަތު ކައިވެންޏަށް 5 އަހަރުފުރުނީއެވެ. 2 އެކުވެރިންގެވެސް ފުރަތަމަ ކައިވެނި ރޫޅި އިތުރު ކައިވެންޏެއް ކޮށްފިއެވެ. ކައިވެނީގައި އުފަލުގައި ދެމިހުރެވުނީ ނިކަމެތި ޒުވާނަކާއި ކައިވެނިކުރި އަޅުގަނޑަށެވެ. މިއަދު އަޅުގަނޑުގެ ފިރިމީހާއަކީ ނިކަމެއްޗެއް ކަމަކަށްވެސް ނުބުނެވޭނެއެވެ.
5 އަހަރުވީއިރު ދެމަފރިންނަށް ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައެވެ. ލާރީގެ ގޮތުން ދަތިކަމެއް ނެތެވެ. ގެ ހެދުމުގެ އިތުރުން ދެމީހުން ދުއްވާނެ 2 ސައިކަލް ހުރެފައި ބެންޒްކާރަކަށް ނުވިނަމަވެސް ކާރެއްވެސް އެބައޮތެވެ. އަދި ކީއްހެއްޔެވެ؟ އެކަކު އަނެކެއްގެ އަތުގައިހިފައިގެން ކުރިއަށް މިދަނީ އެކުގައި ސުވަރުގެ ވަނުމަށެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ކައިވެނިކުރާއިރު އޭނާގެ އަތުގައި ހުރި ފައިސާއަށް ނުބަލާށެވެ. އެއީ އަބަދުވެސް ގިނަވެ މަދުވާނެއެއްޗެކެވެ. ތިމާދެކެ ލޯބިވާކަމާއި ރަނގަޅު އަޚްލާޤެއްގެ ވެރިއެއްތޯ ބަލާށެވެ! ﷲ އަށް ބިރުވެތިވޭތޯ ބަލާށެވެ. އެކަންކަން ފުރިހަމަނަމަ ގެދޮރާއި ފައިސާއާއި ބޭނުންވާ އެހެންކަންކަން ﷲ ތަޢާލާ ފުރިހަމަކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް