ދެމަފިރިއަކު އުފަލުގަ އުޅޭނަމަ ގިނަވާނީ އެކަމަށް ހުރަސްއެޅޭނެ ވާހަކަ ފަތުރާމީހުން! އެއަޑުތައް އިވޭކަމަށްވެސް ނުހަދައި މިމަގުން އުޅޭނަމަ ގެއްލުމެއް ނުދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމަފިރިއަކު އުފަލުގަ އުޅޭނަމަ ގިނަވާނީ އެކަމަށް ހުރަސްއެޅޭނެ ވާހަކަ ފަތުރާމީހުން! އެއަޑުތައް އިވޭކަމަށްވެސް ނުހަދައި މިމަގުން އުޅޭނަމަ ގެއްލުމެއް ނުދެވޭނެ! އިން ޝާ ﷲ

ކައިވެނިކުރުމަށްފަހު ދެމަފިރިއަކު އުފަލުގައި ދިރިއުޅޭނަމަ އެދެމީހުންގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާނެ މީހުން ވަރަށް ގިނަވާނެއެވެ. ނަމަވެސް ރަނގަޅުވާހަކަ ނުވަތަ ތަޢްރީފްކޮށްފައި ދައްކާނެ މީހުން ވަރަށް މަދުވާނެއެވެ. ގިނަވާނީ ނުބައިކޮށް ނުބައި ގޮތްގޮތަށް ވާހަކަދައްކާނެ މީހުންނެވެ.  

ގިނަ ބައަކު ވާހަކަ އުފައްދައިގެންވެސް ދައްކާނެއެވެ. ދޮގު ވާހަކަތައްވެސް ދައްކާނެއެވެ. ދޮގު އިލްޒާމްތައް އަޅުވައިގެންވެސް ވާހަކަ ދައްކާނެއެވެ.  

ބުނަން ހެއްޔެވެ؟ އެގޮތަށް ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާށެވެ. ރަނގަޅުވާނީ އަޑުއިވޭ ކަމަށްވެސް ނުހެދުމެވެ. އެގޮތަށް ދައްކާ ވާހަކަތަކަށް ވިސްނަން ވެއްޖެނަމަ ސިކުނޑިއަށް ބުރަބޮޑުވުން ނޫން ކަމެއް ނުވާނެއެވެ.  

ދެމަފިރިން އުފަލުގައި އުޅެން މަސައްކަތްކުރާށެވެ. އެކަމުގައި ބާރަށް ކުރިއަށްދާށެވެ. އެކަކު އަނެކަކަށް ލޯބިދީ އަޅައިލުން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ. ވަފާތެރިކަން އެންމެ ކުރިއަށް ނެރެގެން ހުރިހާ ކަމެއްވެސް ކުރަމުން ގެންދާށެވެ.  

ދެމީހުންވެސް ސަމާލުކަންދޭންވީ އުފަލުގައި ދިރިއުޅުމަށެވެ. ވީމާ ކުރިން މިބުނިފަދައިން ދެމީހުން އެކަކު އަނެކަކަށް ދޭ ސަމާލުކަން އިތުރުކުރަމުން ގެނދާށެވެ. އެއިރުން ބައަކު ދައްކާ ވާހަކައަކުން ދެމަފިރިންގެ ދިރިއުޅުމަކަށް އަސަރެއް ނުކުރާނެއެވެ.  

ހަމަ އެއާއިއެކު ދެމަފިރިންވެސް ދިރިއުޅުމުގެ ކަންކަން އެންމެންނަށް ޙިއްޞާނުކުރާށެވެ. ވާހަކަ އުފައްދަންވެސް ފުރުޞަތު އެލިބެނީ ކަންކަން ޙިއްޞާކުރެވޭތީއެވެ. ދިރިއުޅުމުގެ ކަންކަމަކީ ދެމަފިރިންގެ މެދުގައި އޮންނަ ސިއްރަކަށް ހަދައިގެން ނޫނީ އުފަލުގައި ދިރުޅެވޭނެ ގޮތަެއް މިއަދަކު ނެތެވެ. ސަބަބަކީ ކިތަންމެ ގާތްކޮށް އުޅުނަސް އަނެކާގެ ހިތް ނުއެނގޭނެތީއެވެ. ދެފުށް ދެގޮތް މީހުން ގިނަކަމުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެއް-

 

މިއަދު އޮންލައިން