ގިނަ ގެތަކުގަ ބަރަކާތް ކެނޑި މުޞީބާތުގެ ހާއްޔަތަށްވާ އެންމެ ބޮޑު އެއް ސަބަބަކީ ގެއަށް ބޭރުން ގެނެވޭ ދަރިންނަށް އިހާނެތިކޮށް ކަންކަން ކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ގިނަ ގެތަކުގަ ބަރަކާތް ކެނޑި މުޞީބާތުގެ ހާއްޔަތަށްވާ އެންމެ ބޮޑު އެއް ސަބަބަކީ ގެއަށް ބޭރުން ގެނެވޭ ދަރިންނަށް އިހާނެތިކޮށް ކަންކަން ކުރުން!: މުފްތީ މެންކް

ދަރިން ކައިވެނޮިކޮށްގެން ގެއަށް ގެންދެވޭ ބައިވެރިޔާއަށް އިހާނަތްތެރިކޮށް ކަންކަން ކުރެވޭކަމުގެ ޝަކުވާއަކީ އެންމެ ގިނަ ބައަކު ކުރާ އެއް ޝަކުވާއެވެ. އެކަން އެގޮތަށް މެދުވެރިވަނީ ސަބަބުތައް ކުރިމަތިވެ ހިތްދަތިކަމުގައި އުޅެން ގިނަ ބައަކަށް ޖެހެތީއެވެ. ވީމާ އެވާހަކަ ދެއްކުން ގިނަކުރަން އެބަޖެހެއެވެ. 

ގެއެއްގެ އަހުލުވެރިންގެ ސަބަބުން ގޭގައި އުޅޭ މީހަކަށް ހިތާމައާއި ހިތްދަތިކަން ލިބޭނަމަ އެމީހަކު ހިތާމަކޮށް ކަރުނައަޅާނެއެވެ. އެ ކަރުނައިގެ ސަބަބުން ގޭގެ ބަރަކާތް ކެނޑިގެންދިއުމަކީ ދުރުކަމެއް ނޫނެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅުން އުނިވުމަކީވެސް ހަމަ ވުން އެކަށީގެންވާ ކަންކަމެވެ. ވީމާ ގެއަށް ބޭރުން ގެނެވޭ މީހުންނަށް ހެޔޮކޮށް ހިތާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަޙްމަތް އިތުރުވުމަށް އުންމީދުކުރާށެވެ! 

ބޭރުން ގެއަށް ގެނެވޭ މީހުންނަށް ހެޔޮކޮށްހިތައި އެމީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ! އެމީހުންނަށް ނުއުފުލެވޭވަރުގެ ތަކްލީފްތައް ނުޖައްސާށެވެ! އެހެން މީހަކަށް ހެޔޮކޮށް ހިތައި ހިނިތުންވުން ގެނެސްދޭން މަސައްކަތްކުރާ މީހާއަށް، ބައަކަށް ﷲ ތަޢާލާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ! އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

ގެއަށް ބޭރުން ގެނެވޭ އަންހެން މީހާއަށްވެސް އަދި ފިރިހެން މީހާއަށްވެސް ހެޔޮކޮށްހިތުމަކީ އަޅުކަމެކެވެ. އެއްވެސް ހާލެއްގައި ގެއަށް ބޭރުން ގެނެވޭ މީހާއަކީ ތިމާމެންނަށްވރެ ދެރަ ނިކަމެތި މީހަކުކަމުގައި ދެކެގެން ނުވާނެއެވެ! ބޭރުން އައީތީ އެމީހަކަށް ދެރަކޮށް ހިތައި ނިކަމެތިކޮށްގެން ނުވާނެއެވެ!  އެގޮތަށް ކަންކަން ކުރާނެއިރު އޭނާ ގެއަސް ގެނައީ ކީއްކުރަންހެއްޔެވެ؟ ގެއަށް ގެނައީ އޭނާގެ ދެރަކަމާ ނިކަމެތިކަން އެނގިހުރެ ނޫންހެއްޔެވެ؟ 

ތިމާގެ އަންހެން ދަރިފުޅު ނުވަތަ ފިރިހެން ދަރިފުޅު އެހެން ގެއަކަށް ދިއުމުން އެދަރިފުޅަށް އެގެއަކުން ދެރަ ނިކަމެތި ގޮތްތައް ހަދާނަމަ ތިމާއަށް ކުރާނެ އަސަރާއިމެދު ވިސްނައިލާށެވެ! އެހެން މީހެއްގެ ދަރިއަކަށް ތިމާ އެފަދަ ކަންކަން ކުރާއިރު ހިތަށް ގެންނަންވީ މިބުނިފަދައިން ތިމާގެ އަމިއްލަ ދަރިފުޅާއިމެދު އެހެން ބައަކު ދެރަކޮށް ހިތުމުން ތިމާއަށް ކުރާނެ އަސަރާއިމެދުގައެވެ. ވިސްނައިލަންވީ ތިމާގެ ދަރިން ދެކެ ތިމާ ލޯބިވާވަރަށް އެހެން މީހުންވެސް އެމީހުންގެ ދަރިން ދެކެ ލޯބިވާނެ ކަމެވެ. 

ހިތާމައަކީ މިފަދަ ކަންކަމަށް ވިސްނައި ނުލެވޭކަމެވެ. އަދި އެކަންކަމަށް ވިސްނައިނުލުމުން ޚުދު ތިމާމެންގެ ދިރިއުޅުން ހަލާކުވެ، ނިކަމެތިވެގެންދާކަންވެސް ވިސްނައިނުލެވޭކަން އެއީ ހިތާމަހުރި ކަމެކެވެ.

 

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން