ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި

މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ ހުރިކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 88 މިލިޔަން ރުފިޔާ ލިބިފައިވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

މާލީ ވުޒާރާގެ "ގްރީން ފަންޑް" ރިޕޯޓުގައިވާ ގޮތުން، ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. ސެޕްޓެމްބަރު މަހު ރިސޯޓްތަކުން ލިބުނު އަދަދަކީ 80.7 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، ގެސްޓްހައުސްތަކުން 4.8 މިލިޔަން ރުފިޔާ، ޓޫރިސްޓު ހޮޓާތަކުން 2.1 މިލިޔަން ރުފިޔާ، އަދި ސަފާރީތަކުން 1.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 31.4 މިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ރ. އަތޮޅުން (10.3 މިލިޔަން ރުފިޔާ) އަދި ތިންވަނައަށް އދ. އަތޮޅުން (7 މިލިޔަން ރުފިޔާ) އެވެ.

ސަރުކާރުން ވަނީ 2025 ގެ ޖަނަވަރީ 1 އިން ފެށިގެން ގްރީން ޓެކްސްގެ ރޭޓުތަކަށް ބަދަލު ގެނައުމަށް ނިންމާފައެވެ. މި ބަދަލާ އެކު، މިހާރު 6 އެމެރިކާ ޑޮލަރުގައި ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 12 އެމެރިކާ ޑޮލަރަށް، އަދި 3 އެމެރިކާ ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. އަދި އަންނަ އަހަރުން ފެށިގެން އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން އިސްތިސްނާކުރުމަށްވެސް ވަނީ ނިންމާފައެވެ.

"ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލުތަކާއެކު އަންނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ 95.2% އިތުރުވެ، 963.6 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން