ސްޕޯޓްސް ފިޝިން ދާއިރާ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސްޕޯޓްސް ފިޝިން ދާއިރާ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު ޝިޔާމް

ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުހީބު އިތުރުވަމުންދާއިރު، މިދާއިރާ އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގައި ބޭއްވުނު "ބުރުނު ބޮމަ" ނަމަކަށްކިޔާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް މިވާހަކަ ވިދާޅުވިއެވެ. މި މުބާރާތަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މުވައްޒަފުންގެ ކްލަބު، ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މި ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރައްވާ، ސަރުކާރުން މިދާއިރާ ފުޅާކޮށް ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ހައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިހުރި ބަނދަރުތަކަކަށް ހެދުން," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސް އެކުގައި ކަމަށެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، އައު ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން